އަމީރު މުޢާވިޔާތު 13: ޚަވާރިޖުންގެ ފިތުނަތައް ނައްތައިލެއްވުމަށް ކުރެއްވި މަސައްކަތްޕުޅު

ކިޔުމަށް ހޭދަވާނީ 3މ 45ސ
އަމީރު މުޢާވިޔާތު 13: ޚަވާރިޖުންގެ ފިތުނަތައް ނައްތައިލެއްވުމަށް ކުރެއްވި މަސައްކަތްޕުޅު

ޢަލީ އިޙްޞާން ފިރާޤް

 

ޚަވާރިޖުންނާ ކުރިމަތިލެއްވުން: 

އަމީރު މުޢާވިޔަތުގެފާނު، ޚިލާފަތުގެ ތަޚުތުގައި އިށީނދެވަޑައިގެންނެވިއިރު އީމާންކަމާއި ޢަމަލުގެ ގޮތުން ތިން ވައްތަރެއްގެ ބަޔަކު އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުން ފެނިފައިވެއެވެ. ފުރަތަމަ ބަޔަކީ، ޢަލީގެފާނުގެ ޕާޓީގެ މީހުންނެވެ. ނުވަތަ ޝީޢީންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޚަލީފާކަން އެންމެ ޙައްޤުކަންބޮޑީ ޢަލީގެފާނަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށެވެ. ޝީޢީން ނުވަތަ ޢަލީގެފާނަށް ތާއީދު ކުރާ މީހުން ފެނިފައިވަނީ ޢިރާޤާއި އީރާނާއި މިޞްރުންނެވެ. ޙަސަންގެފާނު އަމިއްލަފުޅަށް ވެރިކަމުން ދުރުވެވަޑައިގެން މުޢާވިޔަތުގެފާނާ ޞުލްޙަވެވަޑައިގެންނެވުމުން މި ޖަމާޢަތުގެ މީހުންގެ އަދަދު މަދުވެގެން ދިޔައެވެ. 

ދެވަނަ ޖަމާޢަތަކީ މުޢާވިޔަތުގެފާނަށް ނުވަތަ ބަނޫއުމައްޔަތުގެ މީހުންނަށް ތާއީދު ކުރާ މީހުންނެވެ. މިބައިމިހުންގެ ތެރޭގައި ޝާމުކަރައިގެ މީހުންނާއި ޙިޖާޒުގެ ބައެއް ޤަބީލާތަކުގެ މީހުން ހިމެނެއެވެ. އެބައިމީހުން ދެކޭ ގޮތުގައި، އުޘްމާން ޣަނީ ޝަހީދުވުމަށްފަހު، ޚަލީފާކަން އެންމެ ޙައްޤުކަން ބޮޑު ފަރާތަކީ އަމީރު މުޢާވިޔަތުގެފާނާއި، އުމައްޔަތުވަންހައިގެ މީހުންނެވެ. އެކަމުގައި އެބައިމީހުންނަށް އެހީވެވެން އޮތް ކޮންމެ ގޮތަކުންވެސް އެހީވުމަށް ތިބީ ތައްޔާރަށެވެ.

ތިންވަނަ ބަޔަކީ ޚަވާރިޖުންނެވެ. އެއީ، ޝިޢާތު ޢަލީ އާއި ޝީޢަތު ބަނީ އުމައްޔަތުގެ މީހުންނަކީ މަގުފުރެދިފައިވާ އަދި ކާފަރުން ކަމަށް ޤަބޫލުކުރާ މީހުންނެވެ. އެދެ ޖަމާޢަތާ ދެކޮޅަށް އެބައިމީހުންގެ ހުރިހާ ބާރެއް ބޭނުންކުރާ މީހުންނެވެ. އިސްލާމުންނާ އެންމެ ދުޝްމަނުން ކަމުގައިވާ މުނާފިޤުންނާއި، ރޭވުންތެރިން އެންމެ ގާތް ގުޅުމެއް ބާއްވާ އެއްބަޔަކީ ޚަވާރިޖުންނެވެ. ޙަވާރިޖުންގެ ތެރެއިން ގިނަ މީހުން ތިބީ ޢިރާޤުގައެވެ. ޢިރާޤު ގެ ބަޞަރާއާއި ކޫފާގައި މި މީހުންގެ އަދަދު ޚާއްޞަކޮށް ގިނައެވެ. 

މި ތިން ޖަމާޢަތުގެ އިތުރުން، މިހުރިހާ ޒުވާބުތަކާއި ހަމަނުޖެހުންތަކާ ދުރުވެ، ހިމޭންކަމާއި އެކަހެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ހަތަރުވަނަ ޖަމާޢަތެއްގެ މީހުންވެސް ތިއްބެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ، ޞަޙާބީންގެ ތެރެއިން ދަރަޖަ މަތިވެރި ބޭކަލުންނެވެ. މިމީހުން ގިނައިން ފެނިފައިވަނީ މަދީނަތުލް މުނައްވަރާއިންނާއި މައްކާ އާއި ޙިޖާޒުގެ ރަށްރަށުންނެވެ. 

ޚަލީފާކަން ލިބިވަޑައިގެންނެވުމަށްފަހު އަމީރު މުޢާވިޔާއަށް އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ ޚަވާރިޖުންނާއެވެ. ހިޖްރައިން 41 ވަނަ އަހަރުގެ ރަބީއުލްއައްވަލުމަހުގެ ތެރޭގައި ޞުލްޙަނާމާއެއް ލިޔެވުނެވެ. އެދުވަސްވަރު އާންމު އެންމެންވެސް މުޢާވިޔަތުގެފާނަށް ބައިޢަތު ހިފަމުން ގެންދިޔައެވެ. ނަމަވެސް ފަރުވާ ބިން ނައުފަލް އަޝްޖަޢީ (فروة بن نوفلالأشجعي)  ފަސްސަތޭކަ މީހުންގެ ގްރޫޕަކާއެކު އެ ޞުލްޙަނާމާއާ ދެކޮޅު ހަދަން ތައްޔާރުވެ، ކޫފާ ދޫކޮށް ނަޚިލާއަށް ގޮސް އެތަނުގައި ފޭލިގެ ޖަހައިފިއެވެ. 

އަމީރު މުޢާވިޔަތުގެފާނު އެމީހުންނާ ދެކޮޅަށް ހަރުކަށިކަމާއި އަނިޔާވެރި ކަމެއް ނުދެއްކެވިއެވެ. އެކަލޭގެފާނު އަމަލުކުރެއްވީ ވަރަށް ބުއްދިވެރި ގޮތަކަށެވެ. އެކަލޭގެފާނު ކޫފާގެ ރައްޔިތުން އެއްކުރައްވައި ނަސޭހަތްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

[މިއީ ތިޔަބައިމީހުންގެ އަޚުންނެވެ. އެބައިމީހުންނަށް ވިސްނައިދޭށެވެ. ހަނގުރާމަކުރުމުންނާއި އިދިކޮޅުވުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު އެބައިމީހުންނަށް އިންޒާރު ދޭށެވެ] 

މިވާހަކަފުޅުތަކުން އަޝްޖަޢު ޤަބީލާގެ މީހުންނަށް ވަރަށް އަސަރު ކުރިއެވެ. އެމީހުން ގޮސް ފަރުވާ ބިން ނައުފަލް އަޝްޖަޢީ އަތުލައިގަނެގެން ގެނެސްފިއެވެ.  ދެން ޚަވާރިޖުން އެބައިމީހުންގެ ލީޑަރެއްކަމުގައި ހެދީ عبد الله بن أبي الحوساء އެވެ. އެބައިމީހުންގެ ފަރާތުން ޞުލްޙަވެރިކަމަށް ބޯލެނބުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އެންމެފަހުން ކޫފީން އެމީހުންނާ، ހަނގުރާމަކޮށް عبد الله بن أبي الحوساء ޤަތުލުކޮށްލިއެވެ. މި ހަނގުރާމައިގެ ސަބަބުން ޚަވާރިޖުންގެ އަދަދު 150 އަށް ކުޑަވިއެވެ. 

ދެން ޚަވާރިޖުން އެބައިމީހުންގެ ލީޑަރަކަށް އިސްކުރީ އަބޫ ހައުސާ އަސަދީ އެވެ. އެބައިމީހުންނަށް ސުލްހައަށް އެދި އިލްތިމާސް ކުރި ނަމަވެސް އެބައިމީހުން އިސްކަން ދިނީ ހަނގުރާމަކޮށް ހަމަނުޖެހުން ހިނގުމަށެވެ. އެންމެ ފަހުން އަބޫ ހައުސާ އާއި އޭނާގެ އެކުވެރިން ހަނގުރާމަ ކުރަމުން ދަނިކޮށް ޤަތުލުވީއެވެ. އޭގެ ތެރެއިން ބައެއް މީހުން ފިލައިގެން ދިޔައީއެވެ. އެބައިމީހުން ދިޔައީ ޢިރާޤާއި އީރާނުގެ އެކި ރަށްރަށަށެވެ.  

މިއީ ޚަލީފާއަކަށް ވުމަށްފަހު ކޫފާގައި އަމީރު މުޢާވިޔަތުގެފާނު ދުޝްމިނުންގެ ބަޔަކާ ކުރިމަތިލި ފުރަތަމަ ކުރިމަތިލުމެވެ. މިކަންތައްގަނޑުގެ ސަބަބުން ޢިރާޤުގައިވެސް މިފަދަ ޖަމާޢަތްތައް ޙަރަކާތްތެރިވާކަން މުޢާވިޔަތުގެފާނަށް އެނގިވަޑައިގެންނެވިއެވެ.

 

 

 

 

މިއަދު އޮންލައިން