ރޯދައަށް ހުންނައިރު އަނގައިން ވަސް ފިލުވުމަށް ސްޕްރޭފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރޯދައަށް ހުންނައިރު އަނގައިން ވަސް ފިލުވުމަށް ސްޕްރޭފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެތަ؟

ރޯދައަށް ހުންނައިރު އަނގައިން ވަސް ފިލުވުމަށް ސްޕްރޭފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެކަމާއިމެދު ކުރެވޭ ސުވާލަށް ފުރަތަމަވެސް ބުނެލަން އޮތީ އެކަމަށް ކަންބޮޑުނުވާށެވެ! ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި އެންމެ މާތް ވަހެވެ.  

ކަރުތެރެއަށް ވާޞިލުނުވާހާ ހިނދަކު ރޯދަވެރިޔާ އޭނާގެ އަނގަތެރެ ސާފުކޮށް މީރުވަސް ދުއްވުމަށް އެއްޗެއް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އެއިން ބާކީހުރި އެއްޗެއް ކުޅުޖަހައިގެން ބޭރުކުރަންވާނެއެވެ. ނުވަތަ އަނގަތެރެ ދޮވެގެން ސާފުކުރަންވާނެއެވެ. 

ޝައިޚް ޞާލިޙު އަލްފައުޒާން حفظه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. 

ސްޕްރޭއެއް ގޮތަށް ހުންނަ އަނގަތެރޭގައި މީރުވަސް ދުއްވާ އެއްޗެއް ބޭސްފިހާރަތަކުގައި ހުރެއެވެ. ރޯދައަށްހުރެ ދުވާލު ގަޑީގައި، އަނގައިން ވަސް ފިލުވުމަށް އެފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެ ހެއްޔެވެ؟ 

ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ. 

"ރޯދައަށް ހުރެ ސްޕްރޭއެއް ބޭނުންކުރުމަށްވުރެ، ސިވާކު ބޭނުންކުރުން އެދެވިގެންވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ބާރުއަޅުއްވާފައިވާ ކަމެކެވެ. ސްޕްރޭއެއް ބޭނުންކުރާނަމަ، އެއިން އެއްވެސް އެއްޗެއް ކަރުތެރެއަށް ނުދާކަމުގައިވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ.

ރޯދައިގެ ސަބަބުން ރޯދައަށް ހުންނަމީހާގެ އަނގައިން ނުކުންނަ ވަހަކީ ނުރުހުންތެރިވެގެންވާނެ އެއްޗެއް ނޫނެވެ. އެހެނީ އެއީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުން އަންނަ އެއްޗެކެވެ. އަދި އެއީ ﷲ عز وجل ލޯބިވެވޮޑިގެންވާ ކަމެކެވެ. ޙަދީޘްގައިވެއެވެ. 

«وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ المِسْكِ» [رواه البخاري (5927) ومسلم (161 – (1151))]

މާނައީ: "އަދި ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރު ވަހެކެވެ." “

[المنتقى من فتاوى الشيخ صالح الفوزان (3 /  121)]

 

މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން