މާބޮޑު ބޭނުމެއް ނެތަސް އެކުވެރިއަކު ނުވަތަ އެކުވެރިން ބާޒާރުތަކަށް ގޮސްލާހިތުންދާ ބައަކުވެސް އުޅެއެވެ. އެހެންކަމުން މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ. އެއީ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން ނުބައިކަން ބޮޑު ބަދަލެކެވެ.
އަހަރެމެންގެ ދިރިއުޅުމުމަށް އަންނަމުންމިދާ ނުބައި ބަދަލުތެރޭގައި ބާޒާރުތަކުގައި ގިނަ ވަޤުތު ހޭދަކުރާހިތްވުން ހިމެނެއެވެ. ތިމާ އެއްޗެއް ގަންނަން ޖެހިފައި ނެތަސް، އެކުވެރިއަކު ބާޒާރަށްދާނަމަވެސް ފަހަތުން ދާން އެބަ ބޭނުންވެއެވެ. އެހެންކަމުން މިއީ ސަމާލުކަންދޭންޖެހިފައިވާ، ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.
ކޮންމެހެން ދާންޖެހިގެން ނޫނީ ބާޒާރުތަކަށް ދިއުމަށާއި ބާޒާރުތަކުގައި ބޭކާރު ގޮތުގައި ވަގުތު ހޭދަކުރަން ލޯބިނުކުރާށެވެ! އެއީ ޝައިޠޯނާގެ ދިދަ ޖަހާފައިވާ އޭތީގެ ކިއްލާއެވެ!
އައްޝައިޚް އިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން:
ސަލްމާނު رضي الله عنه ވިދާޅުވިއެވެ.
”لَا تَكُونَنَّ إِنِ اسْتَطَعْتَ، أَوَّلَ مَنْ يَدْخُلُ السُّوقَ وَلَا آخِرَ مَنْ يَخْرُجُ مِنْهَا، فَإِنَّهَا مَعْرَكَةُ الشَّيْطَانِ، وَبِهَا يَنْصِبُ رَايَتَهُ“. [22]
މާނައީ: "ތިބާއަށް ކުޅަދާނަކަން ލިބިގެންވާނަމަ، ބާޒާރަށް އެންމެ ފުރަތަމަ ވަންނަ މީހާކަމުގައި އަދި އެންމެ ފަހުން ނުކުންނަ މީހާކަމުގައި ނުވާށެވެ. އެހެނީ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ހަނގުރާމައިގެ މައިދާނެއެވެ. އޭނާގެ ދިދަ ބަހައްޓާފައި ހުންނަނީ އެތަނުގައެވެ".
މިބަސްފުޅުގައި ޝައިޠާނާގެ ދިދަ އެތާ ބަހައްޓާފައި ހުންނަކަމަށް ސިފަކުރައްވާފައި އެވަނީ އެތަނަށް ދާ މީހުން މަގުފުރެއްދުމަށް އޭނާ އުންމީދުކުރާލެއް ބޮޑުކަމުންނެވެ. އެއީ ހަނގުރާމައިގައި ދިދަ ބަހައްޓަނީ މޮޅުވާނެކަމަށް އުންމީދު ބޮޑުވުމުންނެވެ. [23]
ބާޒާރުތަކަކީ ދޮގުހެދުމާއި އޮޅުވާލުމާއި ދޮގު ހުވާކޮށްގެން މުދާ ވިއްކުމާއި ޢައުރައަށް ބެލުމާއި ނުބައި ބަސްތައް ކިޔައި ޒުވާބުކޮށް އުޅުމާ އަދި މިނޫންވެސް މުންކަރާތްތައް ގިނައިން ހިނގާ ތަނެކެވެ.
އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ މިފަދަ އިރުޝާދުތަކުން ހިދާޔަތު ލިބިގަނެ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް އިޞްލާޙު ކުރުމެވެ. ކާމިޔާބާއި ފަލާހު ވަނީ އެގޮތުގައެވެ.