ސިޙުރުވެރިން މިހައި ގިނަވެފައިވާއިރު އެމީހުންގެ ނުބައިކަމުން ސަލާމަތްވެ ތިބެވޭނެ ގޮތަކާއި ބެހޭގޮތުން ބައެއް ކިޔުން ތެރިން ސުވާލުކުރާތީ މިގެނެސްދެނީ އެންމެ ޔަޤީން އެއް މަގެވެ. އިން ޝާ ﷲ
"އަޅުގަނޑަކީ މީހުންގެ ޞިހުރާ އެސްފީނާއިން ސަލާމަތް ނުވެވި ވަރަށް ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ އަންހެނަކީމެވެ. ރުޤްޔާކުރަން މީހުންގެ ގާތަށް ހިނގަހިނގައި ވަރުބަލިވެއްޖެއެވެ. ރަނގަޅުވގެލާއިރަށް ކަންކަން އަނެއްކާވެސް ބަދަލުވެއެވެ. މިޙާލަތުގައި އަޅުގަނޑު ކުރަން އެންމެ ރަނގަޅު ޢަމަލަކީ ކޮބައިތޯއެވެ؟"
ކިޔުންތެރިޔާގެ ކަންބޮޑުވުމަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. މުޖައްރިބްކަމުގެ ޔަޤީންކަމާއިއެކު ޢަމަލުކުރައްވާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
"اقْرَءُوا الْبَقَرَةَ؛ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلَا يَسْتَطِيعُهَا الْبَطَلَةُ" [رواه أحمد]
މާނައީ: "ތިއަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭހުއްޓެވެ."
މިޙަދީޘްފުޅުން އެނގިގެންދަނީ ބަޤަރާ ސޫރަތް ކިޔެވުމުން 2 ކަމެއް ޙާޞިލުކުރެވޭނެ ކަމެވެ.
1 ބަރަކާތް ލައްވަވާނެކަން
2 ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭނެކަން
ހަމައެފަދައިން ބަޤަރާ ސޫރަތް ނުކިޔަވައި ދޫކޮށްލުމަކީ ގެއްލުމެއްކަމެވެ.
ބަޤަރާ ސޫރަތް ކިޔެވުމުގެ އިތުރުފައިދާތައް ވެސް އެހެން ޙަދީޘްފުޅުތަކުން އެންގެން އެބަހުއްޓެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން