ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘް ކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ.
"އިސްލާމްދީން ފެށިގެންއައީ ބީރަށްޓެހި އެއްޗެއްގެ ގޮތުގައެވެ. އަދި އެދީން އެނބުރި ރުޖޫޢަވުން ވަނީވެސް ބީރަށްޓެހި އެއްޗެއްގެ ގޮތުގައެވެ. ވީމާ ބީރަށްޓެހީންނަށް އުފާވެރިކަމުގެ ޚަބަރު ދޭށެވެ."
މި ޙަދީޘްގައި ބަޔާން ކުރައްވާފައިއެވާ އުފާވެރިކަމުގެ ޚަބަރު ލިބިގެންވާ ބީރަށްޓެހީންނަކީ ފަހަރެއްގައިވެސް މުޖުތަމަޢުގައި އަޅުގަނޑުމެންނާ ދިމާވާ ދެކެ ފަރިތަނޫން މޫނުތަކުގެ ވާހަކައެއް ނޫނެވެ. ބިދޭސީ ޓުއަރިސްޓުންގެ ވާހަކައެއްވެސް ނޫނެވެ. ޙަޤީޤަތުގައި އެ ޙަދީޘްގައި ބަޔާންވެގެންވަނީ ޙަޤީޤީ މުސްލިމުންގެ ވާހަކައެވެ. ޙަޤީޤީ މުޥައްޙިދުންގެ ވާހަކައެވެ. ދެން އުފެދޭ ސުވާލަކީ އެ ޙަދީޘްގައިވާގޮތަށް ޙަޤީޤީ މުއުމިނުން ބީރަށްޓެހިވާން ޖެހުނީ ކޮން ސަބަބަކާއި ލައިގެންތޯއެވެ؟
ދަންނަވަންތޯއެވެ؟ ހަމައެކަނި ދުލުން ތައުޙީދުގެ ކަލިމަ ކިޔުމަކުން އަޅުގަނޑުމެންނަކީ ޙަޤީޤީ މުއުމިނުން އަދި ޙަޤީޤީ މުޥައްޙިދުން ކަމުގައިވެގެން ނުދާނެއެވެ. ނިޔަތާ އެއްގޮތަށް ޢަމަލުވެސް ކުރަންޖެހޭނެއެވެ.
- މުޙއްމަދު ނިމާލް ޖަމާލް