ދުނިޔެއަށް އުފަންވި ޒަމާން ފަސްވުމަކީ ޤިޔާމަތްދުވަހު ތިމާއަށް ދެއްވަވަންހުރި ނިޢުމަތްތައް ކުޑަވެގެންދާނެ ސަބަބެއް ނޫނެވެ. ޞަޙާބީން ފަދައިން އެންމެ މަތީ ދަރަޖަ ޙާޞިލުކުރުމުގެ ފުރުޞަތު ހުރިހާ ޒަމާނެއްގައިވެސް އެބައޮތެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބައެއްގެ މައްޗަށް ނިޢްމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބައެކެވެ." (އައްނިސާ: 69)
ރަސޫލް (ﷺ) ވަނީ މީގެ 1400 އަހަރުކުރިން ދުނިޔެ ދޫކުރައްވަވައިފައެވެ. އަހަރެމެންނަށް އިތުރު ޞާޙިބާ އާއި މިދުނިޔޭގައި ބައްދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ރަސޫލް (ﷺ)ގެ ސުންނަތް ވަނީ އަހަރެމެންނާއިއެކުގައެވެ. ޙަދީޘްފުޅުތައް ވަނީ އަހަރެމެންނާއިއެކުގައެވެ. ކީރިތި ޤުރްއާން ވަނީ އަހަރެމެންނާއިއެކުގައެވެ. މީސްތަކުންނަށް އޮތީ ޢަމަލުކުރުމެވެ! ޢަމަލުކުރުމުން އެމީހާއަށް މި އާޔަތުގައި ބަޔާން ކުރައްވަވާފައިވާ ނިޢްމަތްތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެތެވެ!
ވީމާ ދުނިޔޭގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރަންވާނީ ކީރިތި ޤުރްއާނަށާއި ސުންނަތަށް ފުރިހަމައަށް ޢަމަލުކުރާ މީހުންނާއިއެކުގައެވެ. ލޯބިވާންވީ އެމީހުން ދެކެއެވެ. އެއިރުން އެމީހުން ކުރާފަދަ ހެޔޮ ޢަމަލުތައް ކުރަން އެމީހާއަށް ވެސް މަގުފަހިވެ އާޚިރަތް ކާމިޔާބުވެގެންދާނެތެވެ! އިން ޝާ ﷲ
ހިނގަމުން މިދަނީ ބަރަކާތްތެރި ރަމަމާން މަހުގެ ދުވަސްތަކެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި އެންމެ ބޮޑަށް ހީވާގިވާންވީ ދުވަސްތަކެވެ. ޤިޔާމަތް ދުވަހު ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައިވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ތިބާއަށްވެސް ވަނީ ހަމަހުޅުވިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން