ތިބާއަށް އޮތީ ޝަރުޠުތައް ފުރިހަމަކޮށް ނަމާދުގަ ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރުން! އެކަން އެގޮތަށް ކުރެވޭނަމަ އެމީހެއްގެ ޢަމަލު ގެއްލެނި ނުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާއަށް އޮތީ ޝަރުޠުތައް ފުރިހަމަކޮށް ނަމާދުގަ ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރުން! އެކަން އެގޮތަށް ކުރެވޭނަމަ އެމީހެއްގެ ޢަމަލު ގެއްލެނި ނުކުރައްވަވާނެ! އިން ޝާ ﷲ

ފަށަމުންވެސް ބުނެލާނަމެވެ! ނަމާދުކުރަންވީ ތިމާއަށްޓަކައެވެ. އެއީ ﷲ ތަޢަލާއަށްޓަކައި ކުރަންޖެހޭ ކަމެއް ނޫނެވެ. ތިމާއަށްޓަކައި ތިމާކުރަންޖެހޭ ކަމެކެވެ. ފުރިހަމަ ގޮތުގައި ކުރެވުމުން ފައިދާކުރާނީވެސް ހަމަ އެމީހަކަށެވެ.  

ނަމާދުކުރާ މީހުންގެ ތެރޭގައި ތަފާތު ސަބަބުތަކާއިހުރެ ނަމާދުކުރާމީހުން އުޅެއެވެ. އެއިގެ ތެރޭގައި: 

1 ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީ ކިޔަމަންތެރިވުމަށް ނަމާދުކުރާ މީހުން

2 ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީ ލޯބިން ނަމާދުކުރާހިތުން ނަމާދުކުރާ މީހުން

3 ނަމާދު ނުކޮށްފިނަމަ ލައްވަވައިފާނެ ކޯފާއަކަށް ބިރުން ނަމާދުކުރާ މީހުން

4 މީސްތަކުންނަށް ތިމާއަކީ ތަޤްވާވެރިއެއްކަން ދައްކަން ނަމާދުކުރާ މީހުން ފަދަ އެތައް ބައިތަކެއް ހިމެނިގެންވެއެވެ.  

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުނުކުރެވޭތީ ބައެއް މީހުން ޝަކުވާ ކުރެއެވެ. އެފަދަ މީހުންގެ ގާތުގައި ފުރަތަމަވެސް އަހައިލަން ބޭނުންވަނީ ތިބާ ހިމެނެނީ މިތަނުން ކޮންބައެއްގައި ހެއްޔެވެ؟  

މި 4 ބައިގެ ތެރެއިން އެންމެ ފުރިހަމައަށް ނަމާދުކުރެވޭނީ 2 ވަނަ ބައިގައި ހިމެނޭ މީހުންނަށެވެ. އެހެނީ އެމީހުންނަކީ ނަމާދުކުރުމަކީ ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީ ލޯބިން ނަމާދުކުރާހިތުން ނަމާދުކުރާ މީހުން ކަމުގައިވާ ކަމެވެ.  

ކޮންމެ ކަމެއްވެސް ކުރެވޭނީ ކުރާ ހިތުން ލޯބިން ކުރަން މަސައްކަތްކުރުމުންނެވެ. އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް އޮވެގެން ކުރަން އުޅޭނަމަ އެކަމެއް ކުރަންވީ އެންމެ ފުރިހަމައަކަށް ނުކުރެވޭނެއެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ކަންކަމެވެ.

ވީމާ ނަމާދުކުރުމަކީ ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީ ލޯބިން ނަމާދުކުރާހިތުން ނަމާދުކުރާ ކަމަކަށް ހަދާށެވެ. އެއިރުން ޚުޝޫޢަތްތެރިވެވޭނެއެވެ. އެމީހަކަށް ކުރެވޭ އެންމެ ފުރިހަމައަކަށް ކުރަން މަސައްކަތްކުރެވޭނެއެވެ.  

ދެން މިއޮތީ އެންމެ އުފާވެރި ޚަބަރެވެ. އެއީ އިޚްލާޞްތެރިކަމާއިއެކު އެމީހަކަށް ކުރެވޭ އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރުމުން އެމީހާގެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން