ޢަލީ އިޙްޞާން ފިރާޤް
މައްކާގެ މީސްތަކުންގެ އިތުރު ރޭވުމެއް:
މާތް ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުވިތާ ހަތް އަހަރު ވޭތުވެގެން ހިނގައްޖެއެވެ. މައްކާގެ މުޝްރިކުން އިސްލާމްދީނުގެ ނޫރު ކަނޑުވައިލުމަށްޓަކައި ކެނޑިނޭޅި ކުރަމުން ގެންދިޔަ މަސައްކަތުގެ އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ. މުޝްރިކުން އިސްލާމްދީނާ ދެކޮޅުވެރިކަން ފާޅުކުރަމުން ގެންދިޔަ ދިޔަހެން، އިސްލާމްދީން ޤަބޫލުކުރާ މީސްތަކުން ދިޔައީ ގިނަވަމުންނެވެ. އިސްލާމްދީން ދިޔައީ ކުރިއަރައި ފެތުރެމުންނެވެ. حمزة بن عبد المطّلب رضى اللّـه عنه އާއި، ޢުމަރުގެފާނު އޭރު ވަނީ އިސްލާމްވެވަޑައިގެންފައެވެ. އެކަމުގެ ސަބަބުން އިސްލާމްދީނަށް އިތުރު ކުރިއެރުމަކާއި ބާރެއް ލިބިފައިވެއެވެ.
އޭރު ޙަބަޝާއަށް ވަޑައިގެންނެވި ޞަޙާބީބޭކަލުން އެ ރަށުގައި އުފަލާއި އަރާމުގައި ދުވަސްތައް ގުނުއްވަމުން ގެންދަވައެވެ. އެކަން އެނގިގެން މައްކާގެ މުޝްރިކުން عمرو بن العاص ޙަބަޝާއަށް ވަފުދެއްގެ މައްޗަށް ވެރިކޮށްފައި ފޮނުވިއެވެ. ނަމަވެސް އެބައިމީހުންނަށްވެސް ޖެހުނީ ނާކާމިޔާބީއާ އެކު އެނބުރި މައްކާއަށް އަންނާށެވެ.
މައްކާގެ މުޝްރިކުން އެއްލާ ކެހިވެރިކަމުގެ ކޮންމެ ދަލެއް ކޮށެވި ބޭކާރުވެގެން ދިޔަނަމަވެސް އެބައިމީހުން ހިތްވަރަށާއި ފަންވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. އެބައިމީހުން ރެޔާއި ދުވާލު ގެންދިޔައީ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ރޭވުންތައް ރާވަމުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ދެކޮޅަށް މައްކާގެ މުޝްރިކުން ރާވާ ކޮންމެ ރޭވުމެއްގެ ތަޖުރިބާ ފުރިހަމައަށް މާތް ރަސޫލާގެ ފަހަތްޕުޅުން أمّ المؤمنين السّيدة خديجة رضى الله عنها ކުރައްވައެވެ.
އެއްފަހަރަކު މައްކާގެ މުޝްރިކުންގެ ވަފުދެއް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނުގެ އަރިހަށް ދިޔައެވެ. އެބައިމީހުންނާއެކު عُمَارَةُ بْنُ الْوَلِيد ވެސް ގެންދިޔައެވެ. عُمَارَةُ بْنُ الْوَلِيد އަކީ خالد بن الوليد ގެ އަޚެކެވެ. އޭނާއަކީ މައްކާގެ ރީތި ޒުވާނުންގެ ތެރެއިން އަރާހުރި މީހެކެވެ. ހެދިހުރި ހަށިގަނޑެއްގެ ވެރިއެކެވެ. އެ ޒަމާނުގައި މައްކާގައި ހުރި އެންމެ ރީތި މީހާއެވެ. މައްކާގެ މުޝްރިކުން މިޒުވާނާ އަބޫޠާލިބުގެފާނަށް ދެއްކެވުމަށްފުހު ދެންނެވީ އޭނާ ބަހައްޓަވައިފައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އެބައިމީހުންނާ ޙަވާލު ކުރެއްވުމަށެވެ. އެކަލޭގެފާނު ބޭނުންފުޅުނަމަ عُمَارَةُ އެކަލޭގެފާނުގެ ދަރިކަލަށް ހެއްދެވުމަށެވެ. މުޝްރިކުން ޤަޞްދުކޮށްފައިވަނީ، އަބޫޠާލިބުގެފާނު، އެބައިމީހުންނަށް، މާތް ރަސޫލާ ޙަވާލު ކުރައްވައިފިނަމަ، އެކަލޭގެފާނު ޤަތުލުކޮށްލުމަށެވެ.
ނަމަވެސް އަބޫޠާލިބުގެފާނު މައްކާގެ މުޝްރިކުންގެ މި ދެންނެވި، ދެންނެވުމުން އަނބުރާ ރައްދުކުރެއްވިއެވެ. ވަރަށް ކޯފާ އިސްކުރައްވައި، އެބައިމީހުންނާމެދު ހަރުކަށި ބަސްފުޅު ވިދާޅުވިއެވެ. އަދި ހަމައެވަގުތުމެ، އޭނާގެ ގާތުން މައްކާގެ މުޝްރިކުން ނިކުމެގެން ދިޔުމަށް އެންގެވިއެވެ. {އިބްނު ހިޝާމް، ސީރަތު، ފުރަތަމަ ޖިލްދު. ޞަފްޙާ 266 -267}
މައްކާގެ މުޝްރިކުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަވަހާރަކޮށްލަން ރޭވިކަން އަބޫޠާލިބުގެފާނަށް އެނގިވަޑައިގެންނެވުން، އެކަލޭގެފާނު ޚާންދާނުގެ ބޭފުޅުން އެއްކުރައްވައި އެބައިމީހުންނާ އެވާހަކަފުޅު ދެއްކެވިއެވެ. މުޝްރިކުންގެ އަނިޔާވެރިކަމުގެ ވަކިތަކުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙިމާޔަތް ކުރައްވާނެ ގޮތަކާމެދު އެބައިމީހުންނާ މަޝްވަރާ ކުރެއްވިއެވެ. މާތް ރަސޫލާ ނިސްބަތްވެވަޑައިގަންނަވާ ޚާންދާނުގެ އެންމެހައި އަފްރާދުން، މުސްލިމުންނާއި ޣައިރު މުސްލިމުންވެސް އެކަލޭގެފާނު ޙިޔާމަތްކުރައްވާނެ ކަމަށް އެއްބަސްވެވަޑައިގަތެވެ. އެބައިމީހުންގެ ޚާންދާނީ ގުޅުމަށްޓަކައެވެ. ނަމަވެސް އެ ޚާންދާނުގެ މީސްތަކުންގެ ތެރެއިންވެސް أبو لهب ވީ މިދެންނެވި އެއްބަސްވުން ބޮލާލައި ޖެހި މީހެއްކަމަށެވެ.
ޝިއުބުގައި:
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކަންތަކާމެދު މައްކާގެ މުޝްރިކުން އެއްވެ މަޝްވަރާ ކުރަމުން ގެންދިޔައެވެ. އެކަލޭގެފާނު ޤަތުކޮށްލައިފިނަމަ، އެކަމުގެ ސަބަބުން ޤުރައިޝުންގެ ޤަބީލާތަކުގެ ތެރޭގައި ބޮޑުވެގެންވާ ލޭ އޮހޮރުވުމެއް ހިނގައިފާނެ ކަމަށް އެބައިމީހުންނަށް ވިސްނުނެވެ. އަބޫޠާލިބުގެފާނާއި އެކަލޭގެފާނުގެ ޚާންދާނުގެ މީސްތަކުން ކޮންމެ ޙާލެއްގައި ނަމަވެސް، މާތް ރަސޫލާ صلّى اللّـه عليه وسلّم ޙިމާޔަތް ކުރައްވަން އެއްބަސް ވެއްޖެކަން މައްކާގެ މުޝްރިކުންނަށް ވަނީ އެނގިފައެވެ. އެހެންކަމުން އެބައިމީހުން ނިންމީ، ޙާޝިމްވަންހައިގެ މީސްތަކުންނާއި، މުއްޠަލިބުވަންހައިގެ މީސްތަކުންނާ އިޖްތިމާއީ ގޮތުން ގުޅުން ކަނޑާލުމަށެވެ.
މައްކާގެ މުޝްރިކުން އަންގައިފައިވަނީ، މައްކާގެ އެއްވެސް މީހަކު މިދެންނެވި ދެވަހަންހައިގެ އެއްވެސް މީހަކާ އިޖްތިމާއީ ގޮތުންވިޔަސް ނުވަތަ ފިޔަފާރީގެ ގޮތުންވިޔަސް އެއްވެސް ގުޅުމެއް ނުބޭއްވުމަށެވެ. މުޝްރިކުން މިކަމަށްޓަކައިވެސް ވަރަށް ބޮޑު އެއްބަސްވުމެއް ހަދައިލިއެވެ. މި އެއްބަސްވުން ލިޔެނިންމައި، ކަޢުބާގެ ފާރުގައި ހަރުކުރިއެވެ.}ދަލާއިލުއް ނުބުއްބަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 272-273}
މައްކާގެ މުޝްރިކުންގެ މިދެންނެވި، ރަޙުމެއްނެތް އެއްބަސްވުމުގެ ސަބަބުން، އަބޫޠާލިބުގެފާނާއި އެކަލޭގެފާނުގެ ޚާންދާނުގެ ބޭފުޅުން މައްކާގެ ރައްބޭރުގައިވާ ޝިޢުބަށް ވަޑައިގަންނަވަން މަޖުބޫރުވެވަޑައިގެންނެވިއެވެ. މި ޝިޢުބުހުރީ މައްކާގެ ރަށްބޭރުގައިވާ ޙިރާފަރުބަދަ ހުރި ހިސާބުގަނޑުގައެވެ. މިތަން މަޝްހޫރުވެފައިވަނީ، ޝިޢުބު އަބީޠާލިބުގެ ނަންފުޅުންނެވެ. މި ބިމަކީ ހާޝިމްވަންހައިގެ މީސްތަކުންގެ ބިމެކެވެ.
ޙާޝިމްވަންހައިގެ ބޭފުޅުންނާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها ވެސް ޝިޢުބުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން أمّ المؤمنين السّيدة خديجة رضى الله عنها އަކީ ނުހަނު އަރާމާއި އުފަލުގައި ބޮޑުފުޅުވެވަޑައިގެންނެވި ބޭކަނބަލެކެވެ. ބަފައިކަލުންނަކީ މައްކާގެ ބޮޑު މުދާވެރި މުއްސަންޖެކެވެ. ނަމަވެސް މިހާރު އެކަމަނާއަށް ޖެހިވަޑައިގެންފައިވަނީ ލޯބިފުޅުވާ ފިރިކަލުންގެ ޙައްޤުގައި ޝިޢުބުގައި ހައްޔަރުވެވަޑައިގެން އިންނެވުމަށެވެ. އޭރު އެކަމަނާގެ ޚާންދާނުގެ ބޭފުޅުން އިސްލާމްވެވަޑައެއް ނުގަންނަވައެވެ.
حَكِيم بن حِزَام އަކީ، أمّ المؤمنين السّيدة خديجة رضى الله عنها އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. خديجة ގެފާނު ޝިޢުބުގައި އިންނެވި ދުވަސްވަރު އެކަލޭގެފާނު، އެކަމަނާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދެއްވައި ހައްދަވައެވެ. މައްކާގެ މުޝްރިކުން ގެންދިޔައީ ޝިޢުބަށް ކާބޯތަކެތި ވެއްދުން ވަރުގަދައަކަށް މަނާކުރަމުންނެވެ. ޝިޢުބުގައި އެބޭކައުކަނބަލުން ހޭދަކުރަވަމުން ގެންދެވީ ވަރަށް ބިޔަދޮވި ޙާލުކޮޅެކެވެ. ހާޝިމްވަންހައިގެ ކުޑަކުދިންތައް ބަނޑުހައި ހޫނުކަމުގެ ސަބަބުން ރޯއަޑު ކަނޑައިގެން ނުގޮސް އިވެމުން ގެންދިޔައެވެ. {އިބްނު ސަޢުދު ޠަބަޤާތު، ފުރަތަމަ ޖިލްދު ޞަފްޙާ 209}
ކުރިން ދެންނެވުނު حَكِيم بن حِزَام އަކީ، މައްކާގެ ވަރަށް ޤަދަރުވެރި ބޭކަލެކެވެ. ވަރަށް ނުފޫޒުގަދަ ބޭކަލެކެވެ. އެއްފަހަރަކު އޭނާ އޭނާގެ ބޮޑުދައިތާފުޅު أمّ المؤمنين السّيدة خديجة رضى الله عنها އަށްށް ދެއްވުމަށްޓަކައި ގޮދަންބަސްތާއެއް ޙަވާލުކުރައްވައިފައި، އޭނާގެ އަޅުކުއްޖަކު މައްކާގެ ރައްބޭރަށް ފޮނުއްވިއެވެ. މި މަންޒަރު أبوجهل އަށް ފެނިގެން ދުވެފައިގޮސް އެ އަޅަކުކަލޭގެ ގައިގައި ހިފައިގެންފިއެވެ. އޭނާއާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވަން ފަށައިފިއެވެ.
އިއްތިފާޤު އެތަނަށް أبو البختري بن هشام އަށް ދެވިއްޖެއެވެ. އޭނާއަކީވެސް މައްކާގެ ޢިއްޒަތްތެރިއެކެވެ. އޭނާ ފެނުމުން أبوجهل ބުންޏެވެ.
[حَكِيم بن حِزَام ގެ މި އަޅުކަލޭގެ އެ އުޅެނީ މުޙައްމަދުގެފާނަށް ގޮދަން ގެންގޮސްދޭށެވެ. އަހަރެން ހަމަހިލާ އެކަން ކުރިއަކަނުދޭނަމެވެ.]
أبو البختري ދެންނެވިއެވެ. [އޭ އަބުލް ހަކަމެވެ. حَكِيم بن حِزَام އަށް އޭނާގެ ބޮޑުދައިތަގެ މުދަލުން ބައެއް ލިބިގެންވެއެވެ. އެވާނީ އެކަމަނާ އެދިވަޑައިގެންނެވުމުން ގެންދެވި އެއްޗަކަށެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އޭނާ ދިޔަ ދޭށެވެ.]
ނަމަވެސް أبو البختري ގެ ބަހެއް أبوجهل ނޭހިއެވެ. އޭނާ ގޮތްދޫނުކޮށް އަޅުކަލޭގެ ދިޔަނުދީ އޮބަހައްޓައިގެ އުޅުނެވެ. އަނެއްކާވެސް أبو البختري ބުންޏެވެ. [ އެ އަޅުކަލޭގެ ދިޔަ ދޭށެވެ. މީހަކު އޭނާގެ ބޮޑުތައިތައަށް ދަރާފައިއޮތް ގޮދަން ބަސްތާއެއް ގެންގޮސް ދިނުމުން ވަނީ ކީއްހެއްޔެވެ؟ ކަލޭގެ ހިތްހަރުކަން ދެކޭށެވެ. ތިޔަ އުޅެނީ އެކަންކުރިޔަ ނުދޭންވެގެންނެވެ.]
أبو البختري ގެ ބަސްތަކުން أبوجهل ގެ ރުޅިވެރިން އިންތިހާއަށް ދިޔައެވެ. އޭގެ ދެމީހުންގެ ދެމެދުގައި ހޫނު ބަސްތައް ރައްދުކުރެވެން ފަށައިފިއެވެ. އެންމެ ފަހުން ޒުވާބު ހޫނުވެ ތަޅާފޮޅުމަކަށް ގޮސްފިއެވެ. أبو البختري އެތާންގައި އޮތް ޖަމަލު ހަށިގަނޑަކުން أبوجهل ގެ ބޮލުގައި ޖެހިޖެހީނުން ބޯފަޅައިލައިފިއެވެ. أبوجهل އަކަށް أبو البختري ގެ ޙަމަލާތަކުން އަމިއްލައަށް ދިފާއެއް ނުވެވުނެވެ. އަދި حَكِيم بن حِزَام ގެ އަޅުކަލޭގެ ގޮދަންބަސްތާ ގެންދިޔުންވެސް މަނަލެއް ނުމެ ކުރެވުނު މެއެވެ. أبوجهل އެންމެ ލަދުގަތްކަމަކީ މި މަންޒަރުތައް حمزة بن عبد المطّلب رضى اللّـه عنه އަށް ފެނިވަޑައިގެންނެވުމުންނެވެ. {އިބްނު ހިޝާމް، ސިޔަރަތު، ފުރަތަމަ ޖިލްދު، ޞަފްހާ 354}
މުސްލިމުން ޝިޢުބުގައި ތިއްބެވިއިރު، أمّ المؤمنين السّيدة خديجة رضى الله عنها އިންނެވީ އުމުރުފުޅުން ދުވަސްފުޅުވެފައެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 65 އަހަރުފުޅާ ގާތްކުރައްވައެވެ. ނަމަވެސް ޝިޢުބުގައި، އެ ދަތި ޙާލުކޮޅުގައި، ބަނޑުހައިހޫކަންމަތީގައި އިންނަވައި ނުހަނު ކެތްތެރިކަމާއެކު އެދުވަސްތައް ބަރުދާސްތު ކުރެއްވިއެވެ. ކޮންމެ ދުވަހަކު އެކަމަނާގެ ފިރިކަލުންނަށް މަރުގެ އިންޒާތައް މައްކާގެ މުޝްރިކުން ދެމުން ގެންދެއެވެ. މައްކާގެ މުޝްރިކުންގެ ފަރާތުން އެއްވެސް ގޯނާއެއް ލިބިވަޑައިގަންފާނެތީ ބައެއް ފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އެހެން މީހެއްގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލައްޕަވަން ޖެހިވަޑައިގަންނަވައެވެ. {އިބްނު އިސްހާޤު، ކިތާބުއް ސިޔަރު ވަލް މަޣާޒީ، ފުރަތަމަ ޖިލްދު 202}
ނުނިމޭ
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.