ނިންޖަކީ އިންސާނުންނަށް އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި އެއްކަންތަކެވެ. ނިދިހަމައަށް ނުލިބޭނަމަ ކުރިމަތިނުވާ އުނދަގުލެއް ނެތެވެ. މޫޑްގޯސްވެއެވެ. ކަންނެތްވެވެއެވެ. ކުރަން ހުންނަ ކަންކަންވެސް ނުކުރެވެއެވެ. އެހެންވެ ރޭގަނޑުގެ ނިދި ހަމަކުރެވޭތޯ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރެއެވެ. ނުނިދޭނަމަ ޑޮކްޓަރަށް ދައްކައިގެން ފަރުވާވެސް ހޯދައެވެ.
ސުވާލަކީ ނިންޖާއިމެދު މިހާބޮޑު ސަމާލުކަމެއް ދެވޭއިރު ކުރިމަތިވާނެކަން ޔަޤީންވާ އެންމެ ބޮޑު ނިންޖަށް އެބަ ސަމާލުކަން ދެވޭހެއްޔެވެ؟
އަހަރެމެން ކޮންމެ ރެއަކުވެސް ނިދަމުއެވެ. ނިދަނީ އެކަމަށް ތައްޔާރުވެގެންނެވެ. އެކިމީހުން އެކިވަރަށެވެ. ބުއްދިވެރިންނަކީ އެދުވަހު ތިމާ ކުރަންޖެހޭ ކަންކަންކޮށް ނިންމާފައި ނިދާމީހުންނެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން އެދުވަހު އަދާކުރަންޖެހޭ ފަރުޟުތައް އަދާކުރެވިއްޖެކަން ޔަޤީންކުރުމަށްފަހު ނިދާމީހުންނެވެ. އަދި ސުންނަތުގައިވާ ފަދައިން ނިދާ މީހުންނެވެ. މިހައިވަރަށް ތައްޔާރުވެގެން މިނިދަނީ ހޭލެވޭނެކަމުގެ ޔަޤީންކަން ނެތަސް އެކަމުގެ އުންމީދާއިއެކުގައެވެ.
އަހުރެން ފާހަގަކުރަން މިއުޅެނީ ނިދިއްޖެނަމަ ނުހޭލެވޭނެކަން ޔަޤީންކުރެވޭ ނިދީގެ ވާހަކައެވެ. މިބުނަނީ ދުނިޔެއަށް ނުހޭލެވޭނެ ވާހަކައެވެ. މަރުވުމުން ދެން ހޭލެވޭނީ މަރުވުމުން ބަރުޒަޚުގެ ޢާލަމަށެވެ. އެތަނުގައި އޮތް އެއްގޮތަކީ ދުނިޔޭގައި އެ ނިޢްމަތް ޙައްޤުވާ ގޮތަށް އުޅެވިފައިވާނަމަ ޤިޔާމަތްވުމާއި ހަމައަށް ސުވަރުގޭގެ މީރުވަހާއި ފިނިވައިރޯޅި ލިބިލިބި އުފަލުގައި އަރާމުގައި ނިދާލަން ލިބުމެވެ.
ދެވަނަ ގޮތަކީ މަރުވުމާއިމެދު ފަރުވާކުޑަކޮށްލައިގެން އުޅެވުނު ނަމަ ނަރަކައިގެ ހޫނުކަމާއި ކުނިވަހާއި ގަދަފަދަ ޢަޛާބު ލިބިލިބި ޤިޔާމަތާއި ހަމައަށް އޮންނަން ޖެހުމެވެ.
ދައްކަން މިއުޅޭ ވާހަކައަކީ މިކަމަށް ތިބާ ތައްޔާރުނުވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި އަރާމު ނިންޖަކަށް އެދިގެން ކުރި މަސައްކަތް މި ބޮޑު، މާއަރާމު ނިންޖަށް އެދިގެން ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެހެންވެ އަނެއްކާވެސް ހަނދާންތައް އައުކޮށްލާނަމެވެ.
އިބްލީސް ބުނާނެ ބަސްވެސް އެނގެން އެބައޮތެވެ. "އަހަރެން ކަލޭ ގާތުގަ ނަމާދުނުކުރަން ބުނީއެވެ. ކަލޭ ނަމާދު ނުކުރީއެވެ. ސޯޝަލް މީޑިއާގައި ޙަރާމްކަންކަން ކުރަން ބޫނީއެވެ. އެކަންކަން ކަލޭ ކުރީއެވެ." މިހެން ގޮސް އެމީހަކު ލައްވައި ކުރުވި ހުރިހާ ފާފަތަކެއްގެ ވާހަކަ ބުނާނީވެސް ހަމަ މިގޮތަށެވެ. "އަހަރެން ކުރިކަމަކީ ހަމައެކަނި ކަލޭގެ ގާތުގައި އެކަންކަން ކުރަންބުނީއެވެ. އެކަންކަން ކުރީ ކަލޭ އަމިއްލައަށެވެ. ކަލޭ ލައްވައި އެއްވެސް ކަމެއް ކުރުވުމުގެ އެއްވެސް ބާރެއް އަހަރެންނަކަށް ލިބިފައެއް ނުވެއެވެ. ވީމާ މިއަދު އަހަރެން ކުށްވެރިނުކުރާށެވެ! ކަލޭ ކުރި ފާފަތަކުން ސަލާމަތްކޮށްދޭން އަހުރެންނަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ." މިކަމަށް ޤުރްއާނުން ހެކި ދައްކައި ވާނީ ބަޔާންކޮށްދީފައެވެ.
- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން