ދެމަފިރިންގެ މެދުގަ މައްސަލަޖެހުން މަދުވެ އުފަލުގަ ދިރިއުޅުމަށް ކުރަން ވަރަށް ފަސޭހަ ކުޑަކުޑަ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
ދެމަފިރިންގެ މެދުގަ މައްސަލަޖެހުން މަދުވެ އުފަލުގަ ދިރިއުޅުމަށް ކުރަން ވަރަށް ފަސޭހަ ކުޑަކުޑަ ޢަމަލެއް!

"އެންމެންވެސް ދައްކަނީ މައްސލަތަކުގެ ވާހަކައެވެ. ޙައްލުކުރަން ދީނުގައި ކުރަން އަންގަވާފައިވާ ކުދިކުދި ކަންކަންވެސް ކުރެވޭ ތަނެއް ނުފެނެއެވެ. އެކަންކަން ނުކޮށް ޙައްލުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެެހންވެ ބުނެދޭން މަސައްކަތްމިކުރަނީ ދެމަފިރިންގެ މެދުގަ މައްސލަޖެހުން މަދުވެ އުފަލުގަ ދިރިއުޅުމަށް ކުރަން ވަރަށް ފަސޭހަ ކުޑަކުޑަ ޢަމަލެއްގެ ވާހަކައެވެ. ހަމައެއާއިއެކު ގޭތެރޭގައި ހަމަޖެހުން ލިބިގެންދާނެވެސް ކަމެއްގެ ވާހަކައެވެ. 

މިއަދު އެއްބައަކު މިއުޅެނީ ސަލާމްގޮވުމަކީ ބައެއްގެ ޘަޤާފީ ކަމަކަށް ހަދައިގެންނެވެ. އަނެއްބައަކު ދެކެނީ ސަލާމްކުރުމަކީ ހަމައެކަނި ރައްޓެހިންނަށާއި އެކުވެރިންނަށް ކުރަން އޮތް ކަމަށެވެ. އެއީ ﷲ ތަޢާލާގެ އެންގެވުމެއްކަމާއި އެކަމުން ލިބެން އޮތް ބޮޑު ފައިދާ އާއިމެދު ވިސްނައިލަނީވެސް ވަރަށް މަދު މީހެކެވެ. 

ކޮންމެ ދެމަފިރިއަކު ނަމަވެސް ޢަޖުމަބަލައިލަންވެސް އިޚްލާޞްތެރިކަމާއިއެކު ސަލާމްކުރުން ނިކަން ގިނަކޮށްބަލާށެވެ! އިސާހިތަކު ތަފާތުތައް ފެންނަން ފަށާނެއެވެ! މައްސަލަތައް ޙައްލުކުރެވި ލޯބި އިތުރުވެގެންދާތަން ފެންނާނެއެވެ. އިން ޝާ  ﷲ 

އިސްލާމް ދީން ބާވައިލެއްވެވިއިރު ގެއަކަށް ވަންނަނަމަ ނުވަތަ ދޮރު ބަންދުކޮށްފައި ހުރިނަމަ ޓަކި ޖަހަނީއެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރެއްވެވީ ޓަކިޖަހާކަށް ނޫނެވެ. ސަލާމް ގޮވާށެވެ!  ކޮންކަހަލަ ސަލާމަކުން ހެއްޔެވެ؟ 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61] 

މާނައީ: "ފަހެ، ތިއަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިއަބައިމީހުން ސަލާމްކުރާށެވެ!"  

މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ފުރަތަމަ ޙައްޤަކީ ލޯތްބާއި އޯގާތެރިކަމުގެ ކަލިމައެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތަޙިއްޔަތަކީ ސަލާމެވެ. ސަލާމަކީ ހިތްތަކުގައިވާ ލޮބުވެތިކަމުގެ ތަޅުދަނޑިއެވެ. އަދި އެއީ ކޮންމެ ދޮރަކަށްވާ އިޛުނައިގެ ތަޅުދަނޑިއެވެ. އަދި ބަރަކާތް އިތުރުވުމުން ޙަޔާތަށް ކާނާ ލިއްބައިދެއެވެ. 

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

"لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» رواه مسلم / كتابالإيمان / باببيان أنه لا يدخل الجنة إلا المؤمنون / رقم: 93 – (54)]  

މާނައީ: "ތިއަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިއަބައިމީހުން އެއްބައަކު އަނެއްބައަކު ދެކެ ލޯބިވެއްޖައުމަށްދާންދެން ތިއަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިއަބައިމީހުންގެ މެދުގައި ލޯބިއުފެދޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިއަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ".  

ސަލާމަކީ އަމާންކަމުގެ ގޮވާލުމެކެވެ. އަދި އަމާންކަމުގެ އަހުލުވެރިންގެ ޢަލާމާތެކެވެ. އޭގެ މާނަ އެނގިއްޖެމީހާ އެއަށް ޤަދަރުކުރެއެވެ. އަދި އޭގެ ޙަޤީޤަތާއި މަތިވެރިކަން އެނގިއްޖެމީހާ އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ ސުލޫކު ރަނގަޅުކުރެއެވެ. އަދި ދީނީގޮތުންނާއި ދުނިޔަވީގޮތުން އޭނާގެ މުޖުތަމަޢު ކުރިއަރައި ދެއެވެ. 

މަޢްލޫމާތު: الشيخ عبد البارئ بن عواض الثبيتي - حفظه الله

 

މިއަދު އޮންލައިން