ތިރީގައިވާ ލިޔުމަކީ އިސްލާމީ އުންމަތުގެ ވެރިކަމުގައި ތިބި ހުރިހާ ވެރިންނަށާއި އަދި މައިންބަފައިންނަށްވެސް ވަރަށް އަގުހުރި ނަޞޭޙަތެކެވެ. ނަޞީޙަތް ދެއްވެވީވެސް އިސްލާމީ އުންމަތުގެ ވެރިއެކެވެ. މިއަދު ޤައުމުގައި އެތިއްބެވީވެސް ހަމަ އިސްލާމީ ވެރިންނެވެ.
ޢުމަރު ބުން ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ދޫކުރެއްވި ވާރުތަ މުދާ-
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
"ބަނޫ ޢައްބާސްގެ ޚަލީފާވެރި ބޭކަލަކު ބައެއް ޢިލްމުވެރިންނާ އެ ބޭބޭކަލުން ދެކެވަޑައިގެންފައިވާ ކަމެއް ކިޔައި ދެއްވުމަށް އެދި ވަޑައިގަތެވެ. ދެން އޭގެ ތެރެއިން ޢިލްމުވެރިއެއް ވިދާޅުވިއެވެ. އަޅުގަނޑު ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެކުނީމެވެ. އެކަލޭގެފާނު މަރުބަލީގައި އޮންނަވަނިކޮށް، އެކަލޭގެފާނަށް ދެންނެވުނެވެ.
“އޭ އަމީރުލްމުއުމިނީނެވެ! ކަލޭގެފާނުގެ ދަރިދަރިކަލުންވަނީ މުދަލަށް ބޭނުން ޖެހިވަޑައިގެންފައެވެ. އެ ބޭބޭކަލުންނީ އެއްވެސް މުދަލެއް ލިބިވަޑައިގެންފައި ނުވާ ފަޤީރުންނެވެ!”
އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ.
“އެކުދިން ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ!”
ދެން އެ މީހުން އެ ކުދީން އެ ކަލޭގެފާނުގެ އަރިހަށް ގެނެއްސިއެވެ. އެ ކުދިންގެ ޢަދަދަކީ އެގާރައާއި ނަވާރައާ ދެމެދެވެ. އަދި އެއީ މުޅީންވެސް ފިރިހެން ކުދީންނެވެ. އޭގެ ތެރޭގައި ބާލިޣުވެފައިވާ ހަމަ އެންމެ ކުއްޖެއް ވެސް ނެތެވެ.
އެކަލޭގެފާނުގެ އެ ކުދިންކޮޅު ފެނިވަޑައިގެންނެވުމާ އެކު އެކަލޭގެފާނުގެ ދެ ލޯފުޅު ކަރުނައިން ފާއްދާލިއެވެ. އަދި ވިދާޅުވިއެވެ.
“އޭ އަހަރެންގެ ލޯބިވާ ދަރީންނޭވެ! ﷲ ގަންދީ ބުނަމެވެ! ތިޔަ ކުދިންނަށް އޮތް ޙައްޤެއް ބައްޕަ މަނައެއް ނުކުރަމެވެ! އަދި މީސްތަކުންގެ ކިބައިން އެ މީހުންގެ މުދާ ނަގައި ތިޔަ ކުދިންނަށް ދޭ މީހެއްކަމުގައިވެސް ބައްޕަ ނުވަމެވެ!
ދެ ބާވަތެއްގެ މީހުންކުރެ އެއް ބާވަތެއް ކަމުގައި މެނުވީ ތިޔަ ކުދިން ނުވެއެވެ. ފުރަތަމަ ބާވަތަކީ ޞާލިޙުންނެވެ! ތިޔަ ކުދީންނީ ޞާލިޙުންކަމުގައި ވެއްޖެނަމަ ދަންނާށެވެ! ޞާލިޙުންގެ ބެލެހެއްޓުންތެރިއަކީ ﷲއެވެ!
ދެވަނަ ބާވަތަކީ ޞާލިޙު ނޫން މީހުންނެވެ! ތިޔަ ކުދީންނީ ޞާލިޙުންކަމުގައި ނުވިނަމަ ދަންނާށެވެ! ފަހެ ﷲއަށް އުރެދުމެއްވާ ކަމަކަށް ތިޔައިގެން ކުއްޖެއް އެހީތެރިކަމެއް ހޯދާނޭ މުދަލެއް ބައްޕަ ދޫ ނުކުރަމެވެ!"
އެއަށްފަހު ޢުމަރު ބުން ޢަބްދިލްޢަޒީޒު އެކަލޭގެފާނުގެ އަރިހުގައި ތިބި މީހުންނަށް އެކަލޭގެފާނު ދޫކޮށް ދިއުމަށް އެދިވަޑައިގެންނެވިއެވެ.
އެ ޢިލްމުވެރިޔާ ވިދާޅުވިއެވެ.
“ފަހެ އެއަށްފަހު ހަމަކަށަވަރުން އެކަލޭގެފާނުގެ ބައެއް ދަރިން (މުދާވެރިވެ) ސަތޭކަ ޖަމަލު ﷲގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުންނަށް ދިންތަން އަޅުގަނޑު ދުށީމެވެ!"
އަހުރެން [އިބްނު ތައިމިއްޔާ] ބުނަމެވެ. ދަންނާށެވެ! މިއީ މުސްލިމުންގެ ޚަލީފާއެއްކަމުގައި ހުރި ބޭކަލެއްގެ ޙާލަތެވެ! މަޝްރިޤުގެ އެންމެ މަޝްރިޤުން؛ ތުރުކީންގެ ބިމުން، މަޣްރިބުގެ އެންމެ މަޣްރިބުން؛ އަންދަލުސްއާއި އެ ނޫންހައި ބިމަކާއި، ސައިޕްރަސްއާއި ޝާމުގެ ބިންތަކާއި ޠަރްސޫސްފަދަ މުހިންމު ރަށްރަށުގެ ވެރިޔާއެވެ! އަދި ޔަމަނުގެ އެންމެ ދުރުގައިވާ ރަށްރަށްވެސް މެއެވެ! ހަމަކަށަވަރުން ޢުމަރު ބުން ޢަބްދިލްޢަޒީޒުގެ ދަރިދަރިކަލުންނަށް ތަރިކައިން ލިބުނީ ނުހަނު މަދު އެއްޗެކެވެ. – ބުނެވޭ ގޮތުގައި ވިއްސަކަށް ދިރުހަމަށްވުރެވެސް މަދު އެއްޗެކެވެ.
އިހު ބުނި ޢިލްމުވެރިޔާ އިތުރަށް ވިދާޅުވިއެވެ.
"ބައެއް އެހެން ޚަލީފާވެރި ބޭބޭކަލުންގެ ތަރިކަ ބެހުނު މަޖިލީހަށް އަޅުގަނޑު ޙާޟިރުވީމެވެ. އޭގެ ބައެއް ބޭކަލުންގެ ކޮންމެ ދަރިކަލެއް ހަ ސަތޭކައެއްހާ ދިރުހަމު ހިއްޕެވިއެވެ. ހަމައެއާ އެކު އޭގެ ފަހުން އޭގެ ތެރެއިން ބައެއް ކުދިން މީސްތަކުންގެ ކިބައިން ސަލާން ޖަހާން އުޅުނުތަން އަޅުގަނޑު ދުށީމެވެ!"
މި ބާބުގައި ކިޔޭ ވާހަކަތަކާއި ވާޤިޢުގައި މި ޒަމާނުގައި ފެންނަމުންދާ ކަންކަން މި ހުރީއެވެ. އަދި މީގެ ކުރީއްސުރެ އަޑު އަހަމުން އައިސްފައިވާ ވާހަކަތައްވެސް ވެއެވެ. މި ހުރިހާ ވާހަކަތަކަކާއި ކަންތައްތަކެއްގައި ބުއްދި ކުރާ ބަޔަކަށް ޢިބުރަތެއްވާކަން ކަށަވަރެވެ."
-މަސްދަރު: ދިސަލަފިއްޔާ