މައިންބަފައިންގެ ކިބައިން ވާރުތަވާނެ ނުވަތަ ލިބިދާނެ މުދަލާ ފައިސާއަށް ބަލައިގެން އެމީހުންނަށް ހެޔޮކޮށް ހިތާނަމަ އެއީ ކުރެވޭ ހެޔޮ ޢަމަލަކަށް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
މައިންބަފައިންގެ ކިބައިން ވާރުތަވާނެ ނުވަތަ ލިބިދާނެ މުދަލާ ފައިސާއަށް ބަލައިގެން އެމީހުންނަށް ހެޔޮކޮށް ހިތާނަމަ އެއީ ކުރެވޭ ހެޔޮ ޢަމަލަކަށް ނުވާނެ!

މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެކަމަށް ދަހިވެތިވެގެން މައިންބަފައިންނަށް ހެޔޮކޮށްހިތާ ދަރިން އުޅެއެވެ. އަދި މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ބޮޑުބައި ހޯދަން ބޭނުންވެގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި ވާދަކުރާ ދަރިންވެސް އުޅެއެވެ.

އެފަދަ ނިޔަތެއްގައި މައިންބަފައިންނަށް އެހީތެރިވާނަމަ އެކަން އެކުރެވެނީ އެކަން ކުރަން އޮތް ނިޔަތެއްގައެއް ނޫނެވެ. ﷲ ތައާލާ އެކަންކުރަން އަންގަވާފައިވާ ނިޔަތކު ނޫނެވެ. ވީމާ އެފަދަ ކަންކަން ﷲ ތައާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ކޮންމެ ޢަމަލަކަށްވެސް ޖަޒާ ދެއްވަވާނީ މީހާގެ ނިޔަތުގެ ަމއްޗަށް ކަމަށްވާތީއެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

މައިންބަފައިންނަށް އިޙްޞާންތެރިވުމަށް އޮތް ވަޙީބަސްފުޅު ޞަރަޙަކުރައްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ މައިންބަފައިން ކޮށްދީފައިވާ ކަންކަމަށްވުރެ މާފުރިހަމައަށް ދަރިން އެމީހުންނަށް ކަންކަންކޮށްދިނުންވެސް ހިމެނޭ ކަމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި ކަންކަން ކޮށްދޭއިރު އެމީހުންގެ ކިބައިން އެއްވެސް ބަދަލަކަށް ނުއެދުންވެސް ހިމެނިގެންވާ ކަމަށެވެ.

އެހެންކަމަށްވާއިރު މައިންބަފައިންގެ ގެދޮރާއި މުދަލަށް ނުވަތަ އެއިން ބައަކަށް އެދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން އެކަންވެގެންދާނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ ބޭރުން ކުރި ކަމަކަށެވެ. ވަޙީބަސްފުޅާއި އެއްގޮތަށް ކުރި ކަމަކަށް ނުވާނެއެވެ.

وَبِالْوَالِدَيْنِ إِحْسَانًا

މިވަޙީބަސްފުޅުގައި މިވަނީ މައިންބަފައިންނަށް ހަމައެކަނި ހެޔޮކޮށް ހިތުމަކަށް ނޫނެވެ. އިޙްޞާންތެރިވުމަށެވެ. އެއީ ހެޔޮކޮށް ހިތުމުގެ އެންމެ މަތީ ދަރަޖައިގައި ކަންކަން ކޮށްދިނުމެވެ.

ވީމާ މައިންބަފައިންނަށް ކަންކަން ކޮށްދޭންވީ ކިރިޔާ ފުދޭ މިންވަރަކަށް ނޫނެވެ. އެމީހަކަށް ކޮށްދެވެން އޮތް އެންމެ މަތީ ދަރަޖައިގައެވެ.

އަދި ޢަރަބި ބަހުގައި "އުފް" ކިޔަނީ ނުރުހުމުގެ ގޮތުން ބުނެވޭނެ އެންމެ ކުޑަ ބަހަށެވެ. އެއިގެ ތެރޭގައި ނުރުހުމުގެ ގޮތުން އެންމެ ކުޑަކުޑަ އަޑެއް ލައްވައިލުންވެސް ހިމެނެއެވެ. ވީމާ އެފަދަ އަޑެއްވެސް ލައްވައި ނުލަން ވަޙީކުރައްވަވާފައިވަނިކޮށް އެމީހުންނަށް ނުރުހުމުގެ ބަސްތައް ބުނެ ޒުވާބުކޮށް ހެދީމާ އެކުރެވެނީ ކިހައި ބޮޑު ފާފައެއް ކަމާއިމެދު ބިރުވެތިވާށެވެ.

މައިންބަފައިން މުސްކުޅިވާ ދުވަހު ދަރިންނާއި ޚިޔާލުތަފާތުވާނެއެވެ. އެއީ އެމީހުން އުޅެ ބޮޑުވި ގޮތާއި ޒުވާނުންގެ ވިސްނުން ތަފާތުވާނެތީއެވެ. ވީމާ ޚިޔާލުތަފާތުވި ނަމަވެސް އޮތީ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا އޮތް ބަސްފުޅަށް ޢަމަލުކުރުމެވެ. އެއީ އެންމެ ރިވެތި އެންމެ އޯގާތެރި ބަހުރުވައިން މުޚާޠަބް ކުރުމެވެ.

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (އަލް އިސްރާ: 23)

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން