އިސްލާމް ދީނަކީ ސާފުތާހިރުކަމަށް ބާރުއަޅާދީނެވެ. ތިމާ ސާފުތާހިރުވުމަކުން އަދި ނުފުދެއެވެ. ގެއާއި ގޯތިތެރެވެސް ސާފުތާހިރުކުރަން ޖެހެއެވެ. ނަޖިހުން ސަލާމަތްކުރަންޖެހެއެވެ. ނޫންނަމަ އެތަނެއްގައި ޝައިޠޯނުންތައް ފުނިޖެހިގެން އުޅެމުންދާނެއެވެ.
ޝައިޠޯނުން ގެއާއި ކައިރިވެ ގޭގައި ބަނޑަހަޖަހައިގެން އުޅެން މެދުވެރިވާ އެއް ސަބަބަކީ ގޭގެ ނުތާހިރުކަމެވެ. އެހެންކަމުން ނަޖިހުން ވަރަށް ރަނގަޅަށް ޠޯހިރުކުރަންވާނެއެވެ. ފާޚާނާކުރާއިއރުވެސް (ކުޑަކަމުދިއަނަވެސް) ވިއްސައިގެން ދުރަށް ދިއަނުދީ ތަށްޓަށް ކުޑަކަމުގޮސް އަދި ނިމުމުން ރަނގަޅަށް ޠޯހިރުކުރަންވާނެއެވެ.
ބައެއް ގޭގޭގައި ކުޑަކުދިން ޤަޟާޙާޖަތްކުރާތަކެތި ރައްކައުތެރިނުކޮށް ހެނދުނުވަންދެން އެބަ ބަހައްޓައެވެ. އެހެން ނުހަދާށެވެ. ކުޑަކުދިންގެ ނަމަވެސް ނަޖިސްވާނީ ހަމަ ނަޖިހަށެވެ. އެއީ ނެޕީކަމަށްވީނަމަވެސް ހާމައަށް ނުބަހައްޓާށެވެ.
ޝައިޠޯނުން ދެކެ ބިރު ގަތުމެއް ނެތެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ޝައިޠޯނުންދެކެ ބިރު ނުގަތުމަށާއި ﷲ ތަޢާލާ ދެކެ ބިރުގަތުމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ނަހައްތާ މީހުންގެ މައްޗަކަށް ޝައިޠޯނާއަކަށް ގަދަވެނުގަނެވޭނެއެވެ. ޖެހޭނީ ބަލިކަށިވެ ނިކަމެތިވާށެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ޝައިޠޯނުން ކަމަށްވުމުން އެއީ މާވަރުގަަދ ބާރުތަކެއް ލިބިގެންވާ އެއްޗެއް ކަމަށެވެ. އެއީ ރަނގަޅުވިސްނުމެއް ނޫނެވެ. ޝައިޠޯނުންނަށް މީސްތަކުންގެ މައްޗަށް ބާރު ނުފޯރުވޭނެ ކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
ވީމާ އަހުރެމެން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމަށެވެ. ހުރިހާވެސް މައްސަލައަކަށްވެގެންދަނީ އެކަމުގައި އަހުރެމެން ފޭލަވާކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން