ދުނިޔޭގެ މަޝްހޫރު ކުލަބު، ލިވަޕޫލްގެ ޓޫރިޒަމް މަންޒިލަކަށް ދިވެހިރާއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދުނިޔޭގެ މަޝްހޫރު ކުލަބު، ލިވަޕޫލްގެ ޓޫރިޒަމް މަންޒިލަކަށް ދިވެހިރާއްޖެ!

އިނގިރޭސިވިލާތާއި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ލިވަޕޫލުގެ ރަސްމީ ޓޫރިޒަމް މަންޒިލަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިކުރުމަށް އަމާޒުހިފައި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ލިވަޕޫލާއިއެކު މިހާރުވަނީ ރާއްޖެ އިޝްތިހާރުކުރުމަށް އެހީވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

"ވިޒިޓް މޯލްޑިވްސް" އިން ލިވަޕޫލާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުލަބުގެ ހޯމް ސްޓޭޑިއަމް "އެންފިލްޑް"ގައި ކުޅޭ މެޗުތަކުގައި އެ ސްޓޭޑިއަމްގެ ލެޑްބޯޑުތަކުގައި ރާއްޖޭގެ މަންޒަރުތައް ދައްކާނެއެވެ. އަދި މީގެ އިތުރުން ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ޖަހައި، އެކުލަބުގެ ރަސްމީ ޕަބްލިކޭޝަންތަކުގައިވެސް ރާއްޖެ ޕްރޮމޯޓު ކުރާނެއެވެ.

އެމްއެމްޕީއާރުސީގެ އުއްމީދަކީ ލިވަޕޫލް އެފްސީއާއިއެކު މިވެވުނު އެއްބަސްވުމާއިއެކު އެކުލަބުގެ ސަޕޯޓަރުންނާއި، ބައިނަލްއަގްވާމީ އޯޑިއަންސްއިން ދިވެހިރާއްޖެ ބޮޑު ތަރުހީބެއް ލިބުމެވެ. އަދި ލިވަޕޫލްގެ އެހީގައި ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ފައިދާތަކެއް ކުރުމެވެ.

ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލްއާ ދެމެދު އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމުގައި އެހީވުން ހިމެނެއެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި، ރާއްޖެ ޕްރޮމޯޓްކުރުމަށް ބައިވެރިވާ ފެއާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ލިވަޕޫލުން ހިންގާ އެކިއެކި ކެމްޕެއިންތަކުގައި ރާއްޖެއާ އިޝްތިހާރުކުރުމާއި ބައިނަލްއަގްވާމި އެކި އެކި މީޑިއާތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު މާކެޓެއް ހޯދައިދިނުމުގައި އެހީވުން ހިމެނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން