ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ކުރިއަށް އޮތް ޢީދާ ދިމާކޮށް، ބ. ފުޅަދޫއަށް ސީ ޕްލޭން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 31 ވަނަ ދުވަހުންނެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު ދަތުރުތަކާއެކު ބ. އަތޮޅަށް އެ އެއަރލައިނުން ކުރާ ދަތުރުތައް އިތުރަށް ފުޅާވެގެންދާނެއެވެ. މީގެ އިތުރުން، ބ. ފުޅަދޫއާ ކައިރީގައި ހުންނަ ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
އެއަރލައިނުން ހާމަކުރި ގޮތުގައި، މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓެވެ. އަދި ސީޕްލޭންގައި ދަތުރުކުރުމަކީ ރާއްޖޭގެ ރީތި މަންޒަރުތައް މަތިން ބަލާލުމުގެ ފުރުސަތެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެއަރލައިނުން އަންގަވާފައިވެއެވެ.