ދ. އުއްދޫ، ޕިކްނިކް ދާ ރަށެއްގެގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދ. އުއްދޫ، ޕިކްނިކް ދާ ރަށެއްގެގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ދ. އުއްދޫ، ތަރައްޤީ ކުރުމަށް ރޭވުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން އެރަށުގެ ހާލަތު ދިރާސާކުރުމަށް ޚާއްސަ ޓީމެއް މިއަދު ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، "ވަރަށް އަވަހަށް އެ ރަށް ދ. އަތޮޅު ރައްޔިތުންނަށް ދަތުރު ދާ ރަށެއްގެ ގޮތުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސާނެ" ކަމަށެވެ.

ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުން ދިޔަ ރަށެކެވެ. އަދި މިހާރު އެރަށް ވަނީ ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ޚާއްސަކުރެވިފައެވެ.

ރަށް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލުމަށްޓަކައި މިއަދު ޒިޔާރަތްކުރި ޓީމުން ރަށުގެ އެކި ސަރަޙައްދުތައް ބަލައި، ރަށުގެ ޖާގައާއި، ވަށައިގެންވާ މާޙައުލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި މި ދިރާސާގެ މައްޗަށް ބިނާކޮށް ރަށް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލެވޭނެއެވެ.

ސަރުކާރުން މިފަދަ ރަށްތައް ރައްޔިތުންނަށް ހުޅުވާލުމަކީ އާންމު ރައްޔިތުންނަށް މުނިފޫހިފިލުވުމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން