ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް!: މުސްކުޅިވާ ދުވަހު ދަރިން ފަރުވާކުޑަކުރިޔަސް ގިނަ ބައަކަށް ދަރިންނާ ޝަކުވާ ކުރެވެން ނޯންނަ ސަބަބު ކުރިމަތިކުރުވަނީ މައިންބަފައިން އަމިއްލައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް!: މުސްކުޅިވާ ދުވަހު ދަރިން ފަރުވާކުޑަކުރިޔަސް ގިނަ ބައަކަށް ދަރިންނާ ޝަކުވާ ކުރެވެން ނޯންނަ ސަބަބު ކުރިމަތިކުރުވަނީ މައިންބަފައިން އަމިއްލައަށް!

ބަލި އެނދުގައި ދަރިންނަށް އިންތިޒާރުކުރަންޖެހޭ ޙާލަތެއްގައި އޮންނަން ޖެހިއްޖެނަމަ އެންމެ ބޮޑަށް ދެރަވާނެކަމަކީ ދަރިން ތިމާގެ ކިބައިން ވަޤުތަށް ބޭނުންވި ދުވަހު ދަރިންނަށް ވަޤުތު ނުދެވުނީތީއެވެ. ލޯތްބާއި އަޅައިލުން ނުދެވުނިތީއެވެ. 

އެޙާލަތުގައި ހިތަށް އަރާނެއެވެ. "އެކުދިން ކުޑައިރު އަހުރެންނަށް އިންތިޒާރުކުރިއެވެ. އަހުރެންގެ ލޯތްބަށް އެދި އާދޭސްކުރިއެވެ. ނަމަވެސް އަހުރެންނަށް އެކަންކަން އެކުދިންނަށް ނުދެވުނީއެވެ. މަސައްކަތުގައި އުޅެން ހަދައިގެންނެވެ. މިއަދު އެކުދިންވެސް އެއުޅެނީ މަސައްކަތުގައެވެ. އަހުރެންނަށް އަޅާނުލައިގެން ކުރެވެން އޮތީ ކޮން ޝަކުވާއެއް ހެއްޔެވ؟"  

އެއްބައަކު މިމޭރުމުން ވިސްނައި ހިތްދަތިކަމުގައިވެސް އަނގަބަންދުކޮށްގެން ތިބޭނީއެވެ. އަނެއް ބައަކު އެމީހުންގެ ދަރިންނާއިމެދު އެމީހުން ކަންކަންކުރި ގޮތް ހަނދާންވެސް ނުކޮށް ތިބެގެން ޝަކުވާކުރުން ގިނަކުރާނީއެވެ. އަދި އެފަަދ ވާހަކަތައް ގިނައިން ދައްކާނީވެސް މާދުރު މީހުންގެ ގާތުގައވެ. އެއީ ހެދޭ އެންމެ ބޮޑު ދެވަނަ ގޯހެވެ.  

މިވާހަކަ ދައްކާއިރުވެސް އެބަ އެނގެއެވެ! ހުރިހާ ނިޢުމަތްތަކެއް ﷲ ތަޢާލާ ދެއްވަވާއިރުވެސް މިއުޅެނީ ﷲ ތަޢާލާއަށް ޝުކުރުވެރި ނުވެވިގެންނެވެ. ވީމާ ކިތަންމެ ރަނގަޅަށް ދަރިންނަށް ކަންކަން ކޮށްދިން ނަމަވެސް ވާޖިބު އަދާނުކުރާ ދަރިންވެސް ތިބޭނެއެވެ.  

އެކަމަކުވެސް ބުނަން ހެއްޔެވެ؟ ދަރިން ކުޑައިރު އަދާކުރަންޖެހޭ ވާޖިބު އަދާކުރެވިފައިވާނަމަ ފަށަމުން ފުރަތަމަ ބުނިފަދައިން މުސްކުޅިޥާ ދުވަހު ވިސްނައި ހިތާމަކުރާކަށް ނުޖެހޭނެއެވެ. ވާޖިބު އަދާކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބިގެން ހުރެވޭނެއެވެ. އަދި ވާޖިބު އަދާނުކުރެވުނީތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާކަށްވެސް ނުޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން