ސަމާލުކަންދޭންޖެހޭ ކަމެއް!: އެންމެ ފަސޭހައިން ގެއްލުމާ ހަލާކުގެ ތެރެއަށް ވެއްޓިގެންދާ 2 ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސަމާލުކަންދޭންޖެހޭ ކަމެއް!: އެންމެ ފަސޭހައިން ގެއްލުމާ ހަލާކުގެ ތެރެއަށް ވެއްޓިގެންދާ 2 ސަބަބު-

ތިމާގެ ހުރި މޮޅުކަން ނުވަތަ ހުނަރު ދައްކަންވީ އެކަމަށް ފަނޑިޔާރުން މާކްސްދީގެން ވަނައެއް ލިބޭނެ ކަމެއްގައި ބައިވެރިވެއްޖެނަމައެވެ. އަހުރެމެންކުރާ އަޅުކަމަށް މާކްސްދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ އަޅުކަންކުރާއިރު ވިސްނަންވީ ތިމާކުރާ ޢަމަލަށް ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ ގިނަ މާކްސް ހޯދާށެވެ! މީހުން ބުނެފާނެ ބަހަކަށް ނޫނެވެ. 

ބައެއް މީހުން މިސްކިތުގައި އަޅުކަންކުރާއިރު ގިނަ ބައަކު ބަލަންތިބި ނަމަ ނަމާދު ދިގުކުރެއެވެ. ޚުޝޫޢަތްތެރިވާކަން ދައްކަން މަސައްކަތްކުރެއެވެ. ޙަރަކާތް ކުރުން ލަސްކޮށް މަޑުމޮޅިކަން ދައްކަން މަސައްކަތްކުރެއެވެ. އެހެނަސް ބަލާނެ ބައަކު ނެތްނަމަ ނުވަތަ ގޭގައި ނަމާދުކުރާނަމަ އެކަންކަން ކުރަނީ ދިމާ އިދިކޮޅަށެވެ. 

ހަމައެފަދައިން މީސްތަކުންގެ ކުރިމަތީގައި ތަޤްވާވެރިކަން ބޮޑު މީހަކަށް ހެދިގެން އުޅެފައި އެކަނިވެވުމުން ފާފަކުރަން ބިރުނުގަންނަ މީހުން އުޅެއެވެ. 

އެފަދަ މީހުން މީސްތަކުންގެ ކުރިމަތީގައި ފާފަކުރަން ބިރުގަނެފައި އެކަނިވުމުން ފާފަކުރަން ބިރުނުގަތުމުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ މިބަޔާންކުރި ދެ ޙާލަތުތަކުގައި، މީސްތަކުންނަށް ފެންނަގޮތަށް ނަމާދުކުރިނަމަވެސް، އެކަނިހުރެ ނަމާދުކުރިނަމަވެސް އަދި މީސްތަކުންގެ ކުރިމަތީގައި ފާފަކުރިނަމަވެސް އެކަނިވުމުން ފާފަކުރިނަމަވެސް އެކަންކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވޭ ނޫންހެއްޔެވެ؟ 

އެހެންވެ އެފަދަ މީހުން އެގޮތަށް ކަންކަންކުރި ސަބަބާއިމެދު ﷲ ތަޢާލާ އެމީހުންނާއި ސުވާލުކުރައްވަވާނެކަން ޤުދުސިއްޔަ ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާން ކުރި 2 ސަބަބަކީވެސް އެންމެ ފަސޭހައިން ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ސަބަބުތަކުގެ ތެރެއިން 2 ސަބަބެވެ. 2 ކަމުންވެސް އެނގިގެންދަނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ވަރަކަށް ބިރުވެތިކަން ނެތްކަމެވެ. އޭނާ ބޭނުންވަނީ އޭނާގެ ތަޤްވާވެރިކަން ﷲ ތަޢަލާއަށް ދެއްކުމުގެ ބަދަލުގައި މީސްތަކުންނަށް ދައްކަންކަމެވެ. 

ދެއްކުންތެރިކަން ހިމެނިގެންވާ އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ދެން އެމީހަކަށް ކަންކަން ވެގެންދާނެ ގޮތާއިމެދު ވިސްނައިލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން