ކުޑަދަރިފުޅަށް އެރިފައިވާކިރު، ފިރިމީހާ ބުއިމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ކުޑަދަރިފުޅަށް އެރިފައިވާކިރު، ފިރިމީހާ ބުއިމުގެ ޙުކުމް-

މިކަމަކީ އެކަމުގެ ޙުކުމް ބައެއް މީހުންނަށް އޮޅިފައިވާ ކަމެކެވެ. ވީމާ ޙުކުމް އެނގުމަކީ މުހިންމު ކަމެކެވެ. 

ކުޑަދަރިފުޅަށް އެރިފައިވާކިރު، މައިމީހާގެ ގާތުން ދޭކިރު، ފިރިމީހާއަށް ބޮވިދާނެތޯ؟ 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

އަނބިމީހާ ބަލިވެއިންދާ، ނުވަތަ ވިހެއުމަށްފަހުވެސް ފިރިމީހާ އަނބިމީހާގެ ކިރު ބުއިމަކީ ހުއްދަކަމެކެވެ. ގަސްތުގައި ބުއިނަމަވެސް ނުވަތަ ގަސްތަކާނުލައި ބުއިނަމަވެސް ފާފަވެރިއެއް ނުވާނެއެވެ. 

ނަމަވެސް އެކި އަންހެނުންނަކީ ޖިސްމާނީގޮތުން ތަފާތު ބައެކެވެ. އެހެންކަމުން، އަނބިމީހާގެ ޖިސްމާނީ ޤާބިލުކަމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި ވިހެއުމަށްފަހު، އަންހެނުންގެ އުރަމަތިން އަންނަ ކިރުގެ އެންމެ ބޮޑު ޙައްޤުވެރިޔަކީ ކުޑަދަރިފުޅެވެ. 

ދަރިފުޅުގެ ހެދިބޮޑުވުމަށާއި، ބަލިތަކުން ދިފާޢު ވުމުގެ ވަރަށް ގިނަ މާއްދާތަކެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންހެންމީހާގެ ކިރުގައި ލައްވާފައެވެ. އެކި އަންހެނުންގެ ހަށިގަނޑުން ކިރު އުފައްދައިދޭ މިންވަރު ތަފާތެވެ. ވުމާއިއެކު، އަންހެންމީހާގެ ކިރު ބޭނުންކުރުމުގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރު ދަރިފުޅަށް ފޯރުވިޔަ ނުދިނުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ވީމާ ގަސްތުގައި ކިރުބުއިމުން ދުރުހެލިވުން ރައްކާތެރިކަން ބޮޑުވެގެން ވެއެވެ. އެއީ ކުޑަދަރިފުޅަށްޓަކައި ޚާއްޞަކޮށް ލައްވާފައިވާ އެއްޗަކަށް ވާތީއެވެ.

ހަމައެފަދައިން ބައެއްމީހުން ޤަބޫލުކުރާގޮތުގައި ބޮޑުވެފައިވާ މީހަކަށް ކިރުދިނުމަކީވެސް، ކުޑަކުއްޖަކަށް ކިރުދިނުމާ އެއްފަދައިން އެއްކިރުވުމުގެ ގޮތުން މަޙްރަމަކަށް (އެބަހީ: ކައިވެނި ޙަރާމްވާ މީހަކަށް) ވާނެކަމެކެވެ. ނަމަވެސް މީ ޞައްޙަ ބަހެއް ނޫނެވެ. އެހެނީ، އެއްކިރުގެ ގޮތުން މަޙްރަމަކަށްވާނީ ކުޑަކުއްޖެއްގެ އުމުރުގެ ފުރަތަމަ ދެއަހަރު ތެރޭގައި ބަނޑުފުރާ ފަސްފަހަރު ކިރުބޮއެފިނަމައެވެ. ވުމާއިއެކު، މީހަކު އެމީހާގެ އަނބިމީހާގެ ކިރު ބުއިނަމަވެސް ނުވަތަ އެހެން މީހަކު ބުއިނަމަވެސް، ކިރު ބުއިމީހާ އެއަންހެންމީހާގެ އެއްކިރުގެ ގޮތުން ދަރިޔަކަށް ނުވާނެއެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން