ދިމާވާ ގޮތަކުން ކައިވެނި ރޫޅުނަސް ބައިވެރިޔާ ދެވަނަ ފުރުޞަތަކަށް އެދުމުން އެފުރުޞަތު ދީފިނަމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ! ދީންވެސް ބާރުއަޅަނީ ދެވަނަ ފުރުޞަތުދޭން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދިމާވާ ގޮތަކުން ކައިވެނި ރޫޅުނަސް ބައިވެރިޔާ ދެވަނަ ފުރުޞަތަކަށް އެދުމުން އެފުރުޞަތު ދީފިނަމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ! ދީންވެސް ބާރުއަޅަނީ ދެވަނަ ފުރުޞަތުދޭން!

ތިބާ ދޫކޮށްފައި ދިއަ މީހަކު އެނބުރި ތިބާގެ ޙަޔާތަށް އަންނަން އުޅޭކަން އެނގިއްޖެނަމަ ގިނަ ބައަކު އެކަމަށް ދެކޮޅުހަދާނެއެވެ. ބުނާނެއެވެ. "އޭނާ އެއުޅެނީ ގޮތްހުސްވެގެންނެވެ. ދެން ދޭނީ މާބޮޑު ލަނޑެކެވެ."  

އެއީވެސް ނުވާނެ ގޮތެއްކަމަސް ބުނާކަށް ނެތީމެވެ. ނަމަވެސް އެއާއި ދިމާ އިދިކޮޅަށްވެސް ކަންކަންވެފައި ހުރީ މަދަކުންނޫނެވެ. މިޘާލަކަށް ބުނާނަމަ އޭނާ އެދުވަހު ތިބާއަށް ފުރަގަސްދިނީ ވިސްނަންޖެހޭ ވަރަށް ނުވިސްނައި ކަމަށްވެދާނެއެވެ. ފަހުން ތިބާގެ ހުރި ރަނގަޅު ސިފަތައް ވިސްނި އަލުން އެނބުރި އަންނަން ބޭނުންވަޏީ ކަމަށްވެސް ވެދާނެއެވެ.  

އެކަމަކުވެސް ހަނދާންކުރާށެވެ! މިދައްކަނީ ބޭވަފާތެރިވެފައި ވަކިވެގެންދާ މީހުންގެ ވާހަކައެއް ނޫނެވެ. އެއީ މުޅިން ތަފާތު ބައެކެވެ. އެމީހުންގެ ކަންކަމާއި އެނޫން މީހުންގެ ކަންކަމާއި ގުޅުވަން ހެޔޮވެސް ނުވާނެއެވެ. ވަގުންނާއި ވަގުން ނޫން މީހުންގެ ހުރި ތަފާތު ބޮޑުކަމާއިމެދު އަބަދުވެސް ވިސްނަންވާނެއެވެ. 

އަހުރެމެންގެ ދީނަށް ބެލިނަމަވެސް ބޮޑަށް ބާރުއަޅަނީ ދެވަނަ ފުރުޞަތު ދިނުމަށެވެ. އެއީ ކުށަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމަކަށްވާތީއެވެ. ކުށް ނުކުރެވޭ މީހަކު ނުހުންނާނެތީއެވެ.  

އަހުރެން ދަންނަ އެކުވެރިންގެ ކަންކަމަށް ބަލައިފިނަމަ ދެވަނަ ފުރުޞަތު ދިނުމުން ލިބޭ އުފާވެރިކަން މާބޮޑުވެގެންދެއެވެ. ސަބަބަކަށްވަނީ ދެވަނަ ފުރުޞަތު ނަގާލައިފިނަމަ ދެން އުފުރުޞަތު ނުލިބޭނެކަން ވިސްނޭތީއެވެ.  

ހަމައެއާއިއެކު ޢިއްދައިގެ މުއްދަތުގައި ކައިވެނި ރުޖޫޢަކުރުމުގެ ކަންކަން އެހައި ފަސޭހަކޮސްދެއްވަވާފައި އެވަނީވެސް ދެވަނަ ފުރުޞަތު ދިނުމަށް ދީން ހިތްވަރުދޭތީއެވެ. ނޫންނަމަ ރުޖޫޢަކުރުން އޮންނާނީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައެވެ.  

މިފަދަ ހުރިހާ ސަބަބުތަކަށް ބަލައި އަހުރެން ބުނާނީ ދެވަނަ ފުރުޞަތަށް އެދޭ ބައިވެރިޔާއަށް އެފުރުޞަތުދޭށެވެ. އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ. ލިބޭނެ އުފާވެރިކަންވެސް މާބޮޑުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން