މުޅި ދުނިޔެއަށް ބެލިނަމަވެސް ފުރިހަމަ ގޮތުގައި ހިތްހަމަޖެހިލައިގެން ތިބެވެނީ ވަރަށް މަދު ބައަކަށެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ކަމަކާއި ގުޅިގެން ހިތްދަތިކަމެއްގައި އުޅެމުންދާ މީހެކެވެ. އެއްބައަކު މާލީ ތަނަވަސްކަން ނެތުމުންނެވެ. މާލީ ތަނަވަސްކަން ހުރި މީހުން އެމީހުން ލޯބިވާ މީހުންގެ ލޯބި ނުލިބިގެންނެވެ. ދެމަފިރިން އެކަކު އަނެއްކެއްގެ ލޯބި ނުލިބިގެންނެވެ. ނޫނީ ދަރިން ނުވަތަ މައިންބަފައިންގެ ލޯބިނުލިގެންނެވެ.
އަނެއް ބައަކު ލޯބިވެސް މާލީ ތަނަވަސްކަންވެސް ނުލިބިގެންނެވެ. މިފަދަ ގޮތަކަށް މީސްތަކުން އުޅެމުންދާއިރު ހިތްދަތިކަމުން އަރައިގަތުމަށް އޮތް ޔަޤީންމަގުގައި ސާބިތުވަނީ ވަރަށް މަދުމީހެކެވެ. ޔަޤީން ފަރުވާ ލިބިގަންނަނީ ވަރަށް މަދުމީހެކެވެ.
ޢިލްމުވެރިން އެކަން ބަޔާންކުރައްވަވާމިންވަރު ގިނަވުމުން ބައެއް މީހުންނަށް އެކަން ޤަބޫލުކުރަންވެސް އުނދަގޫވަނީއެވެ. ކާމިޔާބުވެ ހިތަށް އުފާވެރިކަން ލިބޭނެ ކަމަށް ޤަބޫލުކުރަންވެސް އުނދަގޫވަނީއެވެ. އެހެނަސް ޢިލްމުވެރިން އެބަޔާންކުރައްވަވަނީ އެކަމަށް އޮތް އެންމެ ޔަޤީންފަރުވާއެވެ. އެކަން އެ ނެރުއްވަނީ ޢިލްމުވެރިންގެ ޖީބަކުން ނޫނެވެ! ﷲ ތަޢާލާގެ ވަޙީ އިންނެވެ.
އަހަރެންވެސް މިބަނީ ހަމަ އެފަރުވާގެ ވާހަކައެވެ. ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް އެކަމަކުން އަރައިގަނެ އުފާވެރިކަން ލިބުމަށް އޮތް އެންމެ ޔަޤީންކަން ބޮޑު ފަރުވާއަކީ ހަމަ އިސްތަޣްފާރުކުރުން ގިނަކުރުމެވެ. އެކަމަށްވުރެ ޔަޤީންކަން ބޮޑު އެއްވެސް ފަރުވާއެއް ނެތެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ އިސްތިޣްފާރުކުރާ މީހާއަށް، އެމީހާއަށް ހީވެސް ނުކުރެވޭހައި މަގުތަކުން ކަންކަން ފަހިކުރައްވަވައި ދެއްވަވާނެ ކަމަށެވެ. ވީއިރު އިތުރަށް ޝައްކުކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟ ތަކުރާރުކޮށްވެސް ބުނަމެވެ. ކޮންމެ ހިތްދަތިކަމަކުން އަރައިގަތުމަށްވެސް އޮތް އެންމެ މުހިންމު ފަރުވާއަކީ އަދި ޔަޤީން ކަމަކީ އިސްތިޣްފާރުކުރުން ގިނަކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން