ފޯނުގެ ޕާސްވޯޑުދިނަސް، ހުރިހާ ކަމަކަށް ވަޢުދުވިޔަސް، ގުނަވަންތައް ހަދިޔާކުރަން ބުންޏަސް އެއީ ލޯބިވުމެއް ނޫން! ތެދުވެރިނުވެ ލޯތްބެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފޯނުގެ ޕާސްވޯޑުދިނަސް، ހުރިހާ ކަމަކަށް ވަޢުދުވިޔަސް، ގުނަވަންތައް ހަދިޔާކުރަން ބުންޏަސް އެއީ ލޯބިވުމެއް ނޫން! ތެދުވެރިނުވެ ލޯތްބެއް ނުވެވޭނެ!

ބައެއް މީހުން އެމީހާ އަނެކާ ދެކެ ލޯބިވާކަމާ ތެދުވެރިވާނެކަމުގެ ޔަޤީންކަންދޭން ފޯނުގެ ޕާސްވޯޑް ދީފާނެއެވެ. ނުވަތަ މިވެނި އެވެނި ކަންކަން ނުކުރާނެ ކަމަށްބުނެ އެތައް ބައިވަރު ވަޢުދުތަކެއްވެސް ވެދާނެއެވެ. ކިދްނީއާއި އެނޫން ގުނަވަންތައް ހަދިޔާކުރަން ތައްޔާރަށް ހުރިކަމަށްވެސް ބުނެފާނެއެވެ. 

ބުނަން ހެއްޔެވެ؟ މިއިން އެއްވެސް ކަމަކީ އަނެކާދެކެ ލޯބިވާކަމުގެ ހެއްކެއް ނޫނެވެ. ލޯބިވާކަން ދައްކައިދޭންޖެހޭނީ ޢަމަލުންނެވެ. ފުރަތަމަ ކަމަކަށް އަނެކާއަށް ލޯބިދިނުމެވެ. ދެވަނަ ކަމަކަށް ވަފާތެރިވުމާއި އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމެވެ.  

މިޘާލަކަށް ފޯނުގެ ޕާސްވޯޑްދިނީއެވެ. ސިއްރުން ކުރާނެހައި ކަންކަން ކޮށްފައި ބައިވެރިޔާގެ ގާތަށް ދިއުމުގެ ކުރިން ޑިލީޓްކޮށްލީމާ ފޯނުން ފެންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ އެއރުން ލޯބިވާކަމަށްވާނެ ހެއްޔެވެ؟ ވަޢުދުވުމާއި އެފަދަ އެެހން ކަންކަމުގައިވެސް އޮތީ ހަމައެގޮތެވެ. ކިތަންމެ ބައިވަރު ވަޢުދުތަކެއްވެފައިވެސް ޚިޔާނާތްތެރިވާނަމަ ލޯބިވާކަމަށްވާނެ ހެއްޔެވެ؟  

ވީމާ ލޯބިވެގެން އުޅޭއިރުވެސް އެންމެ މުހިންމު ކަމަކީ ތެދުވެރިވުމެވެ. ކައިވެންޏަށްފަހު އެންމެ މުހިންމު ކަމަކީ ލޯބިދިނުމާއިއެކު ތެދުވެރިވުމެވެ. ލޯބިވުމަކީ އެއީއެވެ. ލޯބިވެގެންއުޅޭއިރު ލޯބީގައި ތެދުވެރި ނުވެ ކައިވެންޏަށްފަހު ތެދުވެރިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޚިޔާނާތްތެރިވުމުގެ ސިފަ އެއްވެސް އިރަކު ބަހައްޓައިގެން އުޅޭ މީހަކަށް ތެދުވެރިވުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ޙަޔާތުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ލޯބިވުމާއި ތެދުވެރިވުމަކީ ވަކިކުރެވޭނެ ދެކަމެއް ނޫނެވެ. އެއީ ހަމަ އެއް ކަމެކެވެ.  

ވީމާ ޒަވާޖީ ޙަޔާތެއް ފަށަން ވިސްނާނަމަ ލޯބިވުމަކީ ކޮބައިކަން މިބަޔާންކުރި މަގުން މާނަކުރާށެވެ! އަދި ޢަމަލުވެސް ކުރާށެވެ! އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން