ދީން ހުއްދަނުކުރާ ކަންކަން ކުރާ ތަންތަނަށް ދާނަމަ އެމީހަކީވެސް އެކަމުގެ ބައިވެރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ދީން ހުއްދަނުކުރާ ކަންކަން ކުރާ ތަންތަނަށް ދާނަމަ އެމީހަކީވެސް އެކަމުގެ ބައިވެރިއެއް!

"އެއީ އެމީހުން ކުރިކަމެކެވެ. އަހުރެން އެތަނަށް ދިއައީ އެކަމުގައިބައިވެރިވެ ފާފަކުރާކަށް ނޫނެވެ. އަހުރެން އެތަނަށް ދިއަނަމަވެސް ފާފައެއް ނުކުރަމެވެ." ބުނެލުމަކުން ފުދޭކަށް ނެތެވެ. އެތަނެއްގައި އެއްވެސް ބާވަތެއްގެ ފާފައެއް ކުރާކަން އެނގިހުރެ އެތަނަކަށް ދިއުމަކީވެސް ހަމަ ބޮޑު ފާފައެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

މުންކަރާތެއް ކުރާ ތަނުގައި ޙާޟިރުވެ ހުންނަމީހާ މުންކަރާތް ކުރާ މީހަކާ އެއްފަދަވެގެންވާކަން ޢުމަރު ބުން ޢަބްދުލްޢަޒީޒް رضي الله عنه ބަޔާންކޮށް ދެއްވެވިއެވެ. 

އެހެންކަމުން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ރަލާއި މިޔުޒިކުފަދަ މުންކަރާތްތައްވާ ވަލީމާއަކަށް ދަޢުވަތު ދެވުމުން އެތަނަށް ޙާޟިރުވުން ހުއްދަވެގެން ނުވެއެވެ. އަދި ހަމަ އެފަދައިން ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވަނީ އެމީހަކަށް ވީވަރަކުން މުންކަރާތް ނަހީކުރުމަށެވެ. ފަހެ، އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ޟަރޫރަތެއް ނެތި، އެފަދަ ތަނަކަށް ޙާޟިރުވެ އެކަމަށް އިންކާރު ނުކޮށްފިނަމަ، އޭނާ އެވަނީ އޭނާއަށް އަމުރު ކުރައްވާފައިވާ ކަންތައް ދޫކޮށް، ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އުރެދިފައެވެ.     

އެފަދައިން ކަންތައް ހުރިހިނދު، ޟަރޫރަތެއް ނެތި އޭނާގެ އަމިއްލަ އިޚްތިޔާރުގައި ރާ ބޯ މަޖްލިސަކަށް ޙާޟިރުވެ، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ފަދައިން މުންކަރާތަށް އިންކާރު ނުކުރާނަމަ، އޭނާއެވަނީ ފާސިޤުންނާއެކު އެބައިމީހުން ފާސިޤު ކަންތަކުގައި ބައިވެރިވެފައެވެ. ފަހެ، އޭނާ ވަނީ އެބައިމީހުންގެ ތެރެއިންނެވެ.

[مجموع الفتاوى 28/221] 

ބިދުޢައާއި ފާފައާއި ބާޠިލުގެ އަހުލުވެރިންގެ ޢަދަދު ގިނަކޮށްދިނުމަށްޓަކައި އެބައިމީހުންނާ އެކީ ނުވާށެވެ. އަދި ފިތުނަވެރިންނާއި ފާސިދުންނާއެކުގައި ނުވާށެވެ. 

އުފަލާއި ހިތްހަމަޖެހުން ހޯދުމަށްޓަކައި މުންކަރާތްތައް ފަތުރާ މަޖުލިސްތަކަށްދާ މީހުންނާއި އެބައިމީހުންނަށް ރުހޭ މީހުންނާއި އެއަށް ގޮވާލާ މީހުންނާއި އެއަށް ބާރުދޭ މީހުންނާއި އޮޅުން އަރާގޮތަށް ހުންނަ ވެބުސައިޓުތަކަށް ބާރުދޭ މީހުންނާއި ވިޔާނުދާ ޕޭޖުތަކަށާއި އޮރިޔާން ސައިޓުތަކަށް ބާރުދޭ މީހުންނާއި އަހަރެމެންގެ ދީނާ، ޢަޤީދާއާއި، އަޚްލާޤާ ދެކޮޅުވެރި ސައިޓުތަކަށް ބާރުދޭ މީހުން ދަންނާށެވެ. އެބައިމީހުން އެވަނީ އެފަދަ މީހުންގެ ޢަދަދު ގިނަކޮށްދީ އެބައިމީހުންގެ ތެރެއިންވެފައެވެ.  

ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އުންމީދާއެކު އެއިލާހުގެ ޙަޟްރަތުން އެދޭށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ. އަދި އެއިލާހަށް ނުއުރެދޭށެވެ. 

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119]

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ" 

މުސްލިމުންނޭވެ! ސިއްރުގައިވެސް ފާޅުގައި ވެސް މުންކަރާތްތަކަށް އަރައި ނުގަންނާށެވެ. އަދި ﷲ ޙުރުމަތްކުރައްވާފައި ކަންކަމުގެ ޙުރުމަތް ނުކަނޑާށެވެ. އަދި ކަންކަމުގައި ފަރުވާކުޑަކުރުމަށް ފަތުވާދޭ މީހުންގެ ފަތުވާއިން ކެހިވެރި ނުވާށެވެ. އަދި ޔަޤީންކަމެއް ނެތި ނުވަތަ ކަމަށް އެކަށީގެން ނުވާ މީހުންދޭ ފަތުވާތަކުންވެސްމެއެވެ. އަދި ލުއިފަސޭހަކަމުގެ ދަޢުވާގައި ފުރެދިގެން ނުދާށެވެ. 

އޭ އިސްލާމްކަމުގެ އަހުލުވެރިންނޭވެ! ﷲ އަށް ތަޤުވާވެރިވާށެވެ. ނިޢުމަތާއި ފަސޭހަކަމުގެ ޙާލަތުގައި ބަދަލު ނުވާށެވެ. ފާފަކުރާމީހުންނަށް ނުބައިކަމުގައި އެހީތެރި ނުވާށެވެ.

 

الشيخ صلاح البديرحفظه الله ގެ ޚުޠުބާއަކުން

 

 

މިއަދު އޮންލައިން