ހަނދުމަކޮށްދިނުމެއް!: ކޮންމެ މުސްލިމަކަށްވެސް ނަބިއްޔާ ޞޢވ އާއިމެދު ކޮންމެހެން އެނގެން ޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 43ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެ މުސްލިމަކަށްވެސް ނަބިއްޔާ ޞޢވ އާއިމެދު ކޮންމެހެން އެނގެން ޖެހޭނެ ކަންކަން-

- ތިބާގެ ނަބިއްޔާއަކީ ކާކު؟ 

ޖަވާބު: އެއީ ޙާޝިމްގެ ދަރި ޢަބުދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲގެ ދަރި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އެވެ. އަދި ޙާޝިމް އަކީ ގުރައިޝް ވަންހައިގެ މީހެކެވެ. އަދި ގުރައިޝްވަންހަ އަކީ ކިނާނަތު ދަރިކޮޅުގެ ވަންހައެކެވެ. ކިނާނަތަކީ ޢަރަބީންގެ ތެރެއިންވާ ބައެކެވެ. އަދި ޢަރަބިންނަކީ ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅެވެ. އިބްރާހީމް ޢަލައިހިއްސަލާމްއަކީ ނޫޙު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ. 

- އެކަލާގެފާނަށް ނަބީކަން ޙަވާލުކުރެވުނީ ކޮން އާޔަތަކުން؟ އަދި އެކަލޭގެފާނަށް ރަސޫލުކަން ޙަވާލުކުރެވުނީ ކޮން އާޔަތަކުން؟ 

ޖަވާބު: އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ   العلق: ١ މާނަ: "ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ." މިބަސްފުޅާ އެކުގައެވެ. އަދި ރަސޫލުކަން ޙަވާލުކުރެވުނީ (ރަސޫލުކަމައިގެން ފޮނުއްވުނީ)  މާނަ: "އޭ ފޮތިތަކުން ނިވާވެގެންވާ ކަލޭގެފާނެވެ." މިބަސްފުޅުންނެވެ.  

- އެކަލޭގެފާނަށް ދެއްވުނު މުޢުޖިޒާތަކީ ކޮބާ؟

ޖަވާބު: އެއީ ހުރިހާ ޚަލްޤުތަކުންނަށްވެސް އޭގެ ސޫރަތެއްހާ މިންވަރުވެސް ގެނެސްގަތުމަށް ނުކުޅެދިފައިވާ ކީރިތި ޤުރުއާނެވެ. އެބައިމީހުންގެ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމާއި، އަދި އެބައިމީހުން އެކަލޭގެފާނާއި އެކަލޭގެފާނަށް އީމާންވީމީހުން ދެކެ އައި ގަދަ ރުޅިއާއި ފާޅުކުރި ދެކޮޅުވެރިކަމާ އެކުވެސްމެއެވެ. މިކަމުގެ ދަލީލަކީ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅެވެ.

وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ

މާނައީ: "ތިމަންއިލާހުގެ އަޅާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މައްޗަށް ތިމަންއިލާހު ބާވައިލެއްވި ތަކެއްޗާމެދު (ކީރިތި ޤުރުއާނާމެދު) ތިޔަބައިމީހުން ޝައްކެއްގައިވަނީނަމަ ފަހެ ތިޔަބައިމީހުން އެފަދަ އެންމެ ސޫރަތެއްވިޔަސް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، ފިޔަވައި ތިޔަބައިމީހުންނަށް ވާގިވެރިވާނޭ އެހީތެރިންނަށް ގޮވައި ގެންނާށެވެ." އަދިވެސް އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا 

މާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިންސީންނާއި ޖިންނީން ޖަމާވެގެން އެފަދަ ޤުރުއާނެއް ގެނައުމަށް މަސައްކަތްކުރިޔަސް އެފަދަ ޤުރުއާނެއް ނުގެނެވޭނެއެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވެ އެހީތެރިވިކަމުގައި ވިޔަސް މެއެވެ." (އަލް އިސްރާ: 88)

- މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲގެރަސޫލާ ކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ.

މާނަ: "އަދި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަކީ ރަސޫލަކު ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުބޭކަލުން އިސްވެގޮސްފައިވެއެވެ. ދެންފަހެ އެކަލޭގެފާނު އަވަހާރަވުމުން ނުވަތަ ޤަތުލުވުމުން ތިޔަބައިމީހުން ތިޔަބައިމީހުންގެ ފުންނާބުތަކުގެ މައްޗަށް ފުރޮޅިގަންނަންވީ ހެއްޔެވެ؟ (އިސްލާމްދީން ދޫކޮށް މުރުތައްދު ވާންވީ ހެއްޔެވެ؟) އަދި އެމީހަކު އެމީހަކުގެ ދެ ފުންނާބު މައްޗަށް ފުރޮޅިގަންނަ މީހާ (ދީން ދޫކޮށް މުރުތައްދުވާ މީހާ) ދަންނާށެވެ! ފަހެ އެފަދަ މީހާގެ ފަރާތުން ﷲއަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. އަދި ޝުކުރު ކުރާ މީހުންނަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވާ ހުއްޓެވެ."

އަދި އެހެން ދަލީލެއްގައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

މާނަ: ﷲ ގެ ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ކާފިރުންގެ މައްޗަށް ގަދަފަދަކަން ބޮޑެވެ. އެބޭކަލުންގެ މެދުގައި ރަޙްމާއި އޯގާވެރިކަން ބޮޑުވެގެންވާ ބޭކަލުން ކަމުގައިވިއެވެ. ކަލޭގެފާނު އެބޭކަލުން ދެކެވަޑައިގަންނަވާނީ ގިނަގިނައިން ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބޭކަލުންތަކެއް ކަމުގައެވެ." (އަލްފަތްޙް: 29)

- މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަކީ ނަބީއެއްކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: އެކަލޭގެފާނަކީ ނަބިއްޔެއްކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.

މާނަ: "މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަކީ ތިޔަބައިމީހުން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި މާތް ކަލޭގެފާނެވެ." (އަލް އަޙްޒާބް: 40)

މިއާޔަތްތަކުން ދަލީލުކޮށްދެނީ ހަމަކަށަވަރުން އެކަލޭގެފާނަކީ ނަބީއެއްކަމަށާއި، އަދި އެއީ އެންމެފަހުގެ ނަބިއްޔާކަމަށެވެ. ފަހެ އެކަލޭގެފާނަށްފަހު އައު ނަބިއްޔަކު ފޮނުއްވުމެއް ނުވެއެވެ.

- ﷲ ސުބްޙާނަހޫ ވަތަޢާލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ ކޮންކަމަކައިގެން؟

ޖަވާބު: އެއީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށާއި އެއިލާހާ ޝިރުކުނުކުރުމަށާއި، އަދި ﷲއާއެކު އެހެނިހެން އިލާހުންތަކަށް އަޅުކަންނުކުރުމަށް ގޮވާލެއްވުމަށާއި، މަޚްލޫޤުތަކުންނަށް އަޅުކަންކުރުން ކަމުގައިވާ މަލާއިކަތުންނަށް އަޅުކަންކުރުމާއި ނަބިއްޔުންނަށް އަޅުކަންކުރުމާއި ޞާލިޙުންނަށް އަޅުކަންކުރުމާއި ގަސްގަހާގެއްސާއި ހިލަތަކަށް އަޅުކަންކުރުން ނަހީކުރެއްވުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

މާނަ: "އަދި "ތިމަންއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެޔޭ އެހެންވެ ތިޔަބައިމީހުން ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރާށޭ" އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލުބޭކަލެއް ކަލޭގެފާނުގެ ކުރީގައިވެސް ރަސޫލުކަމައިގެން ތިމަން އިލާހު ނުފޮނުއްވަމެވެ." (އަލް އަންބިޔާ:25) 

އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ.

މާނަ: "އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲއަށް އަޅުކަންކުރުމަށާއި އަދި ޠާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ." (އަންނަޙްލް: 36) 

އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ.

މާނަ: "އަދި ތިމަންއިލާހުގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ފޮނުއްވި ރަސޫލުންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ ޝަރީޢަތުން ބައްލަވާށެވެ!) ރަޙްމާންވަންތަ އިލާހު މެނުވީ، އަޅުކަންވެވޭ އެހެން އިލާހުންތަކެއް ތިމަންއިލާހު ލެއްވިންހެއްޔެވެ؟"

(އައްޒުޚްރޫފް: 45)  

އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ.

މާނަ: "އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ." (އައްޛާރިޔަ: 56)

އެހެންކަމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށާއި އެއިލާހު އެއްކައުވަންތަކުރުމަށެވެ. އަދި އަޅުތަކުންގެ ގާތަށް ރަސޫލުން ފޮނުއްވީވެސް އެކަމަށް އަމުރުކުރެއްވުމަށްޓަކައެވެ.

 

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

 

 

 

މިއަދު އޮންލައިން