ކިތަންމެ ބޭނުންވިޔަސް ކިތަންމެ ލޯބިވިޔަސް އެމީހަކާ ކައިވެނިކޮށްފިނަމަ ހިތާމަކުރަންޖެހޭނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކިތަންމެ ބޭނުންވިޔަސް ކިތަންމެ ލޯބިވިޔަސް އެމީހަކާ ކައިވެނިކޮށްފިނަމަ ހިތާމަކުރަންޖެހޭނެ މީހުން-

ކިތަންމެ ބޭނުންވިޔަސް ކިތަންމެ ލޯބިވިޔަސް އެމީހަކާ ކައިވެނިކޮށްފިނަމަ ހިތާމަކުރަންޖެހޭނެ މީހުން ވެއެވެ. އެއިގެ ތެރެއިންވެސް އެންމެ ނުރައްކައުތެރި ބައަކީ ޒިނޭކުރާ މީހުންނެވެ. ޒިނޭކުރާ މީހުންގެ ތެރެއިންވެސް ޚާއްޞަކޮށް ފައިސާއަށް ހަށިގަނެގެން ޒިނޭކުރާމީހުންނެވެ. މީގެ މާނައަކީ އެނޫން ގޮތްގޮތަށް ޒިނޭކުރާ މީހުންގެ ނުރައްކާތެރިކަން ކުޑަވުމެއްވެސް ނޫނެވެ. 

ޒިނޭކުރަން އާދަވެ އެކަމަށް ދެވިހިފާފައި ހުރި މީހަކު އިޞްލާޙްކުރެވޭނެ ކަމަށް އުންމީދުކޮށް ކައިވެނިނުކުރާށެވެ! އެފަދަ މީހުން އިޞްލާޙްކުރުމަކީ އުންމީދުކުރުމަކުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް އަގުދީފައި ބައިވެރިން ގަނެގެން އެކަންކުރަން ދެވިހިފާފައި ތިބޭ މީހުން އިޞްލާޙްވުމުގެ ފުރުޞަތު ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ. 

ދިމާވާ ގޮތަކުން އެފަދަ މީހަކާއި ގުޅުމެއް އުފެދިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އޭނާގާތުގައި ބުނަންވީ އިޞްލާޙްވެގެން އައުމަށެވެ. އިޞްލާހްވާން ބުނުމުން އިޞްލާޙްވެއްޖައިން ކަމަށް ބުނާ ބުނުމަށްވެސް އިތުބާރު ނުކުރާށެވެ! އެކަން ޤަބޫލުކުރަންވާނީ ވަރަށް ރަނގަޅަށް ބަލައި ޔަޤިންކުރުމަށްފަހުގައެވެ. 

މިކަމުގައި އަންހެނުންނަށް އެންމެ ބޮޑަށް ކުރިމަތިވާ އެއްމައްސަލައަކީ އެފަދަ ފިރިހެނުން ޖައްސާ ސްޓޯރީއެވެ. ބުނާނީ ލޯބިވެރިޔާ ބޭވަފާތެރިވުމުން ނުވަތަ އަނބިމީހާ ބޭވަފާތެރިވުމުން ކުރެވެން ފެށި ކަމެއް ކަމަށެވެ. އެއީ ޤަބޫލުކޮށްގެންވާނެ ވާހަކަތަކެއް ނޫނެވެ. 

ލޯބިވެރިޔާވެސް ބައިވެރިޔާވެސް ބޭވަފާތެރިވެދާނެއެވެ. އަންހެނަކަސް ފިރިހެނަކަށް ބޭވަފާތެރިވެދާނެއެވެ. އެކަން އެގޮތަށް ހިނގިނަމަވެސް އެއީ ތިމާއަކީ އެނުބައި ޢަމަލުކުރާ  މީހަކަށްވާން ހުއްދަކުރާ ސަބަބެއް ނޫނެވެ. 

ނިގޮތަށް ވިސްނާށެވެ! އޭނާ ދެކެ ރުޅިއައީ އެނުބައި ޢަމަލުކުރީތީއެވެ. ނުވަތަ ކުރާތީއެވެ. އެކަމާއި ރުޅިއައިސް ތިމާ ހަމަ އެނުބައި ޢަމަލުކުރީމާ ތިމާއަކީ ރަނގަޅު މީހަކަށްވެވޭނެ ހެއްޔެވެ؟ 

ޒިނޭކުރަން ދެވިހިފާފައިތިބި މީހުންނަށްބަލާއިރު ގިނަވާނީ ބަރަހަނާ ބަލަން ދެވިހިފާފައި ތިބޭ މީހުންނެވެ. އެމީހުން ޒިނޭކުރަމުން ދުވަނީ ބައިވެރިޔާގެ ކިބައިން އުފާވެރިކަން ނުލިބޭޜތީއެއް ނޫނެވެ. ބެލޭ އެއްޗެތީގެ ސަބަބުން އިތުރަށް ބޭނުންވަނީއެވެ. ބައިވެރިޔާ ކިތަންމެ ރަނގަޅަށް ކަންކަން ކޮށްދިންނަމަވެސް ހިތް ނުފުރެނީއެވެ. 

މިކަންކަމަށް ނުވިސްނައި އެފަދަ މީހުންނާއި ކައިވެނިކޮށްފިނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ. ކައިވެނިކުރެވުނު މޮޔަ ވިސްނި ދުނިޔެއިން މޮޔަވާންޖެހެނީވެސް މަދަކުން ނޫނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން