އަތްމަތި ދަތިވުމުން ނުވަތަ އިތުރަށް ތަނަވަސްކަން ބޭނުންވެގެން ނަމަވެސް ކުރާ މަސައްކަތް ކާމިޔާބުނުވާ ސަބަބު ބުނަން ހެއްޔެވެ؟ އެސަބަބަށް ދިއުމުގެ ކުރިން ފުރަތަމަ ބުނެލަން ބޭނުންވަނީ ތަނަވަސްކަން އިތުރުވުން އެދިގެން ކުރަން އޮތް 4 ކަންތަކެވެ.
ފުރަތަމަ ކަމަކީ ތިމާގެ ރޫޙާނީ ބާރު ގަދަކުރަން މަސައްކަތްކުރުމެވެ. ދެވަނަ ކަމަކީ ތަނަވަސްކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ތިންވަނަ ކަމަކީ ތަނަވަސްކަން އިތުރުކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތުގައި ޞޭއްވުމެވެ. ހަތަރުވަނަކަމަކީ ދުޢާކުރުން ގިނަކުރުމެވެ.
ދެން މިބުނަނީ ތަނަވަސްކަން އިތުރުނުވާ ސަބަބެވެ. އެއީ މިހަތަރުކަންތަކުގެ ތެރެއިން އެއްކަމެއް ކުރުން ނުވަތަ 4 ކަންތައް 4 ކަންތައް ހަމަނުކުރުމެވެ. ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ކުރިން މިބަޔާންކުރި 4 ކަންތައް ހަމަކޮށްފި މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އެމީހަކަށް ފުދޭނެ މިންވަރަށް ﷲ ތަޢާލާ އެމީހަކަށް ރިޒުޤް ތަނަވަސްކޮށްދެއްވަވާނެތެވެ.
އަދި ސަމާލުކަންދޭންޖެހޭނެ ކަމެއްވެސް އެބައޮތެވެ. 4 ކަންތަކުގެ ތެރެއިން ފުރަތަމަ ކަމަކަށްބުނި ރޫޙާނީ ބައި ވަރުގަދަކުރުމަށް މަސައްކަތްކުރުމުގެ މާނައަށް ވިސްނަންވާނެއެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި ވަރަކުންނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރިކަމަށްވާނީ ފާފަނުކުރަން ގަދައަޅައި ަމސައްކަތްކުރުމުންނެވެ. ހަމައެއާއިއެކު ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމަށާއި އަދި ވިއްދައިގެން ހެޔޮކަމެއް ކުރަން ސަމާލުކަންދީގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން