ކޮންމެ ފިރިހެނެއްގެ 4 އަނބިން ތިބެން ޖެހޭނެނަމަ އާދަމްގެފާނަށް ﷲ ތަޢާލާ ދެއްވަވާނީ ޙައްވާގެފާނު ގިނިކަންޏާއެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކޮންމެ ފިރިހެނެއްގެ 4 އަނބިން ތިބެން ޖެހޭނެނަމަ އާދަމްގެފާނަށް ﷲ ތަޢާލާ ދެއްވަވާނީ ޙައްވާގެފާނު ގިނިކަންޏާއެއް ނޫން!

ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަމާން މަހުގެ ދުވަސްތަކެވެ. ޢާއިލާ އެކުގައި ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން މަސައްކަތްކުރަން އޮތް އެންމެ މުހިންމު ދުވަސްތަކެވެ. އެކަމަކު މިރޯދަ މަހުގެ ފުރަތަމަ 12 ދުވަސް ނިމުނުއިރު 2 ކައިވެންޏެއް ވަނީ ރޫޅިފައެވެ. ސަބަބަކީ ފިރިމީހާގެ ކިބައިގައި އެވަރުގެ ތަނަވަސްކަމާއި ޤާބިލުކަން ނެތިވެސް އިތުރު އަނބިން ހޯދަން އުޅުމުން އަނބިމީހާ އެކަމަށް ނުރުހުމެވެ. 

ވިސްނައިލާށެވެ! ﷲ ތަޢާލާ ވަނީ ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރައްވަވައިފައެވެ. ނަމަވެސް ފީސަބީލިﷲ އަކަށް ނޫނެވެ. ބޭނުންހައި މީހަކަށް ނޫނެވެ. ޝަރުޠުތަކަކާއިއެކުގައެވެ. ހަމައެއާއިއެކު އަނބިންގެ ެމދުގައި ހަމަހަމަކަން ނުބޭއްވޭނެނަމަ އަނބިންގެ ޢަދަދު ގިނަ ނުކުރަންވެސް އެބަ އޮތެވެ. 

ހަމައެއާއިއެކު އަނބިދަރިންގެ ޚަރަދުތައް ބަލަހައްޓައި އެކަނބަލުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންވެސް އެބައޮތެވެ. އިތުރަށް ހޯދާ އަނބިމީހާގެ ކުދި ދަރިން ތިބިނަމަ އެކުދިންގެ ޚަރަދުތައްވެސް ބަލަހައްޓަން އެބަޖެހެއެވެ. ނޫންނަމަ ދެމަފިރިންގެ މެދުގައި ހަަމޖެހުމެއް ނުއޮންނާނެއެވެ. އަދި ދަރިން ތިއްބައި ދެއަންތބަށް ކައިވެނިކުރަން އަންހެނަކު ބޭނުންވާނެ އެންމެ ބޮޑު ސަބަބަކީވެސް އޭނާގެ ދަރިންނަށް އެހީތެރިވުމެވެ. 

ވީމާ މިހާރު އިން އަނބިމީހާއާއި ލިބިފައިވާ ދަރިންގެ ކަންކަން ނުބެލެހެއްޓޭނަމަ އަނބިން އިތުރުކުރަންވިސްނަންވެސް ހެޔޮނުވާނެއެވެ. ނަމަވެސް ތިމާގެ ކިބައިގައި ތަނަވަސްކަމާއި ކުޅަދާނަކަން ހުރިނަމަ ހަމަހަމަކަންމަތީގައި 4 އަނބިން ގެންގުޅެވޭނެނަމަ 4 އަނބިން ހަމަކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. 

ކޮންމެއަކަސް އަދިވެސް ތަކުރާރުކޮށްލާނަމެވެ. ކޮންމެ ފިރިހެނަކު 4 އަނބިން ހަމަކުރުމަކަށް ﷲ ތަޢާލާ އަންގަވާފައެއް ނުވެއެވެ. އަދި އެކަމަށް ހިތްވަރު ދެއްވަވާފައި އޮތްތަނެއްވެސް ނުފެނެއެވެ. 4 އަނބިން ހުއްދަކުރައްވަވާފައިވަނީ ވަރަށް ވަރުގަދަ ޝަރުޠުތަކަކާއިއެކުގައެވެ. 

ވިސްނާށެވެ! އިންސާނުންގެ ދަރިފަސްކޮޅު ފެށިގެން އައީ އާދަމްގެފާނާއި ހަމައިންނެވެ. އާދަމްގެފާނަށް 4 އަނބިން ދެއްވެވިނަމަ 4 އަނބިންގެ ކިބައިން އިފަންވެވަޑައިގަންނަވާނެ ދަރިކަލުންްތައް ގިނަވީހެވެ. ނަމަވެސް ދެއްވެވީ ޙައްވާގެފާނު ގިނިކަންޏާއެވެ. މިކަމުންވެސް އެނގެނީ ކޮންމެ ފިރިހެނަކަށް 4 އަނބިން ހަމަކުރަން ނުޖެހޭކަން ނޫންހެއްޔެވެ؟ އެއީ ކޮންމެ ފިރިހެނަކު ހަމަކުރަންޖެހޭ ޢަދަދެއްނަމަ އާދަމްގެފާނަށް 4 އަނބިކަނބަލުން ދެއްވެވީހެވެ. 

މަސައްކަތްކުރަންވީ ރިވެތި ގޮތުގައި ދުނިޔޭގައި އުޅުމަށެވެ. ލިބިފައިވާ އަނބިމީހާއަށާއި ދަރިންނަށް ހެޔޮކޮށް ހިތައިގެން އުފަލުގައި ދުނިޔޭގައި އުޅުމަށެވެ. އަނބިން އިތުރުކުރަން ވިސްނަންވީ އެކަން ކުރަމުންނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީވެސް އެއިރުންނެވެ. 

ތަކުރާރުކޮށްލާނަމެވެ! ޝަރުޠު ހަމަވާނަމަ އަނބިން ގިނަކުރުމުގައި މައްސަލައެއް ނެތެވެ. ނޫންނަމަ ލިބިފައިވާ އަނބިމީހާއާއިއެކު އުފަލުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން