ރޯދަމަހަކީ މިސްކިތްތަކުގައި އެންމެ ގިނައިން ދަރުސްތައް ދެވޭ މަހެވެ. އެހެންވެ ބައެއް މީހުން މަޑުކޮށްގެން ތިބެއެވެ. ނަމަވެސް ދަރުސް ނިމިގެން ދަރުސްގައި ދިން ނަޞޭޙަތާއިބެހޭ ގޮތުން ސުވާލެއްކޮށްފިނަމަ ދޭނެ ޖަވާބެއް ނުއެނގެއެވެ. ގޭގެ ޓީވީން އަންނަ ދަރުސްތައް އަޑުއަހާ މީހުންނަށްވެސް ހަމަ މިމައްސަލަ ކުރިމަތިވެއެވެ. ސަބަބަކަށްވަނީ އެތަނުގައި އިންނަމަވެސް ޚިޔާލާއި ފިކުރު މާދުރުގައި ގެންގުޅެވޭތީއެވެ.
ދަރުސެއް އަޑުއަހަނ މަޖިލީހަކަށް ދިއަނަމަވެސް، އަދި އަމިއްލައަށް ގޭގައި ޓީވީން ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން ބެލިނަމަވެސް އެކަމުގައި ތިމާ ހޭދަކުރާ ވަޤުތަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެއެވެ. އިން ޝާ ﷲ
ނަމަވެސް އެޘަވާބު ލިބުން ވަނީ ތިބާ އެކަމަކަށް ސަމާލުކަން ދިން މިންވަރަކުންނެވެ. އެމަޖިލީހުއްގައި އިނދެ ތިބާގެ ސަމާލުކަން ފޯނަށް ދީގެން ފޯނާއި ކުޅެން ނުވަތަ އެނޫންވެސް ކަމެއް ކުރަން ތިބާ އިންނަނަމަ އެ ވަޤުތުތަކި ތިބާ އެ މަޖިލީހުގައި އިންނަމަވެސް އެ އިނދެވެނީ މަޖިލީހުން ބޭރުވެގެންނެވެ.
އެހެނީ ﷲ ތަޢާލާ މީސްތަކުން ކުރާ ޢަމަލުތަކަށް ބައްލަވައި ވޮޑިގަންނަވަނީ އެމީހާގެ ހިތުގެ މައްޗަށެވެ. ނިޔަތުގެ މައްޗަށެވެ. އެކަމަކަށް ސަމާލުކަން ދިން މިންވަރެއްގެ މައްޗަށެވެ. ތިބާގެ ހަށިގަނޑު މަޖިލީހުގައި އިން ނަމަވެސް ތިބާގެ ހިތްވަނީ މަޖިލީހުން ބޭރުގައި އެހެންކަމެއްގައެވެ.
ނަމާދުކުރަން ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރިނަމަވެސް އެކުރި ނަމާދު ނަމާދަކަށްވަނީވެސް ނަމާދަކަށް ނުވެ ބާޠިލްކަމަކަށްވެގެންދަނީވެސް މިބަޔާންކުރި ސަބަބަށްޓަކައެވެ. ތިމާ އެ ޖަމާޢަތުގައި ހުރިނަމަވެސް އެޖަމާޢަތުގައި ކުރާ ޙަރަކާތްތައް ކުރިނަމަވެސް ދުލުން އެއްޗެތިތަކެއް ކީނަމަވެސް ކުރި ނަމާދު ނަމާދަކަށްވާށްވާނީ ހިތުން ނަމާދުކުރުމުންނެވެ. ހިތް ނަމާދާއި ދުރު ކަންކަމުގައި ގެންގުޅެވޭނަމަ ނަފްސް ނުވަތަ ހަށިގަނޑު ނަމާދުކުރިނަމަވެސް ތިމާ އެކުރީ ނަމާދަކަށް ނުވަނީ އެހެންވެގެންނެވެ.
މިހުރީ އަހުރެމެން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން އަޅުކަންކުރާއިރު އެކަމެއްގެ ތެރޭގައި ތިމާގެ ހިތް ގެންގުޅެން މަސައްކަތްކުރާށެވެ. އެގޮތުން ދަރުސެއް އަޑު އެހިނަމަވެސް އެކަމަށް ދޭންޖެހޭ ސަމާލުކަން ދޭންވާނެއެވެ.
ބައެއް މީހުން ދަރުސްތައް އަޑުއެހިނަމަވެސް އެކަމުން ކުރަންޖެހޭ ފައިދާ އެމީހުންނަށް ނުކުރަނީ ހިތް ގެންގުޅެވޭ ގޮތުންނެވެ. ކަންފަތުން ސަމާލުކަން ދެވޭނީ ހިތުން ސަމާލުކަންދީގެންނެވެ. ހިތުން ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ ކަންފަތަށް އިވޭ އަޑު ހިތަށް ނަގައެއް ނުގަނެވޭނެއެވެ. ނަތީޖާއަކަށްވެގެންދާނީ އިވުނު އަޑުތަކުން އެއްވެސް ފައިދާއެއް ނުކުރުމެވެ.
އެޙާލަތުގައި އެކަންކަމަށް ހޭދަކުރެވުނު ވަޤުތުތައްވެސް އެދަނީ ބޭކާރުވެގެންނެވެ. ވީމާ ކަންކަން އުނގެނި ޢަމަލުތައް އިޞްލާޙްކުރަން ބޭނުން ނަމަވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. މީގެ އިތުރުން ﷲ ތަޢާލާ މަތިވެރިކުރެވޭ މަޖިލީސްތަކުގައި ބައިވެރިވުމުން ﷲ ތަޢާލާ ދެއްވަވާ ޘަވާބު ލިބިގަންނަންވެސް މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން