ރުޅިއަންނައިރަށް ތިމާގެ ގައިގަ ބާރުހުރިކަން ދައްކާނަމަ އެމީހަކު ބާރުގަދަ މީހެއް ނޫން! އެއީ ނުކުޅެދޭ މީހުންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރުޅިއަންނައިރަށް ތިމާގެ ގައިގަ ބާރުހުރިކަން ދައްކާނަމަ އެމީހަކު ބާރުގަދަ މީހެއް ނޫން! އެއީ ނުކުޅެދޭ މީހުންގެ ސިފައެއް!

ފިރިހެނަކަށްވުމުގެ ޝަރުޠުތައް ގިނަ ބައަކު މިއަދު މިވަނީ އޮޅުވާލައިފައެވެ. އެމީހުން ހީކުރަނީ ﷲ ތަޢާލާ އެމީހުންނަކީ ފިރިހެނުންކަމުގައި އުފަން ކުރެއްވެވުމުން އެއީ ފިރިހެނަކަށްވެ ނިމުނީ ކަމަށެވެ. ނަމަވެސް އެއީ އަދި ފިރިހެނަކަށްވެ ނިމުނީއެއް ނޫނެވެ. ފިރިހެނަކަށްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއްވެސް އެބަހުއްޓެވެ.  

ދެނަ ބައެއް މީހުން މިކުރާ ކަމަކީ އޭނާއަކީ ފިރިހެނެއްކަން ދައްކަން އަބަދު ރުޅި އައިސްގެން ހުންނަނީއެވެ. ހަރުކަށިބަސްތައް ބުނެ ހަރުކަށި އަމުރުތައްކުރަނީއެވެ. އަތް އިސްކުރަނީއެވެ. ގައިގައި ހުރި ބާރު ދައްކަނީއެވެ.  

އެކަމަކު މިއިން އެއްވެސް ކަމަކީ އެމީހަކީ ޙަޤީޤީ ފިރިހެނެއްކަން ސާބިތުކޮށްދެވޭ ކަންކަމެއް ނޫނެވެ. މިފަދަ ކޮންމެ ކަމަކުން އަންގައިދެނީ އޭނާގެ ކިބައިގައި ފިރިހެނަކަށްވުމުގެ ޝަރުޠުތައް އަދި ފުރިހަމަނުވާކަމެވެ.  

އަހުރެން ފުރަތަމަ ފާހަގަކޮށްލާނީ މިޙަދީޘްފުޅެވެ. މިސްކިތުގައި ޞަޙާބީން ބަނޑުމުސާރައަށް ބައްދަނިކޮށް (ރެސްލިންގ ކުރަނިކޮށް) އެތަނަށް ރަސޫލް އަށް ވަޑައިގެންނެވުނެވެ. އަދި އެބޭކަލުން އެކަން ކުރައްވަވަނީ ކީއްކުރަންތޯ ސުވާލުކުރެއްވެވިއެވެ. އެބޭކަލުން ދެންނެވީ އެނަމެ ބާރުގަދަ މީހަކީކާކުކަން ބެލުމަށް ކަމަށެވެ.  

އެބޭކަލުންނަށް ޙަދީޘްފުޅު ކުރެއްވެވ ގައިގެ ބާރު އެންމެ ވަރުގަދަ މީހަކީ އަތުގެ ބާރުގަދަ މީހާ ނޫންކަމަށާއި ރުޅިއަންނަ ހިނދު ރުޅި ކޮންޓްރޯލްކުރެވޭ މީހާ ކަމަށެވެ.  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިއަދު މިފެންނަނީ އަމިއްލަ ގޭތެރެއިން ނަމަވެސް ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ ރުޅިއައިސް ރަތްވާތަނެވެ. އަތް އިސްކޮށް އަނބިދަރިންނަށްވެސް އަނިޔާކުރާތަނެވެ. އަނބިމީހާގެ ކިބައިން ހިތްހަމަ ނުޖެހޭ ކަމެއް ފެނިއްޖެނަމަ ކިޔުނުހައި ނުބައި އެއްޗެތި ކިޔާފައި ވަރިކޮށްލައި ގެއިން ނެރެލާތަނެވެ.  

ދެން ނިކަން ބުނެބަލާށެވެ! އޭނާގެ ކިބައިގައި ހުންނަންޖެހޭ ފިރިހެނެއްގެ ސިފަތައް ކޮބައިހެއްޔެވެ؟ ފިރިހެނުންނަކީ އަންހެނުންނަށްވުރެ ގައިގެ ބާރުގަދަ ބައަކު ކަމުގައި ލައްވަވާފައި އޮތް މަޤްޞަދުކޮބައިހެއްޔެވެ؟  

އެހެން މީހުންގެ ކިބައިން ތިމާ ހިތްހަމަ ނުޖެހޭ ކަންކަން އަބަދުވެސް ފެންނާނެއެވެ. އަމިއްލަ އަނބިދަރިންގެ ކިބައިންވެސް ފެންނާނެއެވެ. އެފަދަ ޙާލަތުގައި ތިމާގެ މައްޗަށް އެމީހަކު އަންނަ ރުޅި ބާރުގަދަވާނަމަ އެމީހަކީ ޙަޤީޤީ ފިރިހެނަކަށްވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހުރެންގެ ގާތުގައި އެމީހުންނަކީ ވަރަށް ދަށުދަރަޖައިގެ ބައެކެވެ.  

ތިމާއަކީ ފިރިހެނެއްކަމަށް ބުނާ މީހުންގެ ތެރޭގައި ހަށިގަނޑުން ފިރިހެނެއްވަރުވީނަމަވެސް، ފިރިހެނެއްގެ ބޭރުފުށުން ފެންނާނެ ސިފަތައް އެމީހުންގެ ކިބައިން ފެންނަންހުރި ނަމަވެސް އެމީހުންނަކީ ޙަޤީޤީ ފިރިހެނުން މަދުވާކަން އެއީ ހިތާމަހުރި ކަމެކެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން  

މިއަދު އޮންލައިން