އަތްމަތި ދަތިކަމާ ދިރިއުޅުމުގެ މައްސަލަތަކަށް ޙައްލު ހޯދަން ކުރި މަސައްކަތް ކާމިޔާބުކުރެވި ފުދި އިތުރުވި 2 މީހަކު ޢަމަލު ކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
އަތްމަތި ދަތިކަމާ ދިރިއުޅުމުގެ މައްސަލަތަކަށް ޙައްލު ހޯދަން ކުރި މަސައްކަތް ކާމިޔާބުކުރެވި ފުދި އިތުރުވި 2 މީހަކު ޢަމަލު ކުރި ގޮތުގެ ވާހަކަ-

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނީ ދިރިއުޅުމުގެ ކަންކަން ދަތިވުމުންނެވެ. ޚާއްޞަކޮށް އަތްމަތި ދަތިވުމުންނެވެ. އެހެންކަމުން އެކަމުން އަރައިގަތުމަށް ސަމާލުކަން ދިނުމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އިސްކަންދީގެން ކުރާނެ ކަންތަކެވެ. ކުރެވޭނެ ކަންތަކެވެ. ކުރަން ބޭނުންވާނެވެސް ކަންތަކެވެ. އެހެންކަމުން އެންމެ ގިނަ ބައަކު ބައްދަލުކުރަނީ އެކަމުގެ މައްސލަތަކުގައި ކަމަށް ބުނުމަކީ ދޮގަކަށްވެސް ނުވާނެއެވެ. 

އެއްދުވަހަކު ގޭގައި ހުއްޓައި މެދުޢުމުރުގެ އަންހެނަކު އައިސް ދެއްކީ އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތައް ގިނަ ކަމުގެ ވާހަކަތަކެވެ. އަޑުއަހައި ނިމުއިރު އޭނާއަށް ކުރިމަތިވެފައިނުވާ މައްސަލައެއް ނެތެވެ. 2 ކުދިންނާއިއެކު އެކަނިވެރިވެފައެވެ. އެހީތެރިވާނެ ހަމައެކަކުވެސް ނެތެވެ. ދަރިން ރޯތީ އެކުދިންގެ ބޭނުންތައް ފުއްދައި ނުދެވިގެން އެކިވަރުގެ ފާފަތައްވެސް ކުރެއެވެ. އޭނާއަށް ފިރިއަކު ދެން ލިބިދާނެ ކަމަކަށް އުންމީދެއްވެސް ނުކުރެއެވެ. ނަމާދުވެސް ކުރެއެވެ. ނަމަވެސް ވަރަށް މަދުންނެވެ. 

އޭނާގެ ވާހަކަ އަޑުއަހައި ނިމުނުތަނާހެން ޒުވާން ފިރިހެނަކު އަތުވެއްޖެއެވެ. އޭނާގެވެސް މައްސަލަތަކެއް ހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ އަތްމަތި ދަތިވުމެވެ. ތަނަވަސްކަންކުޑަކަމެވެ. މައިން ބަފައިންނަށް ޚަރަދުކުރާނެ ފައިސާވެސް އަތަކު ނެތެވެ. ނަމާދުކުރުމުގެ ޙާލަތު ބެލިއިރު ނަމާދުކުރަނީ ވަރަށް މަދުންނެވެ. 

ދެމީހުންގެ ގާތުގައިވެސް ބުނީމެވެ. "ދުނިޔެއަކީ މައްސަލަތަކުން ފުރިގެންވާ ތަނެކެވެ. މައްސަލަތައް ހުންނާނެއެވެ. ދަތިތައްވެސް ހުންނާނެއެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ނުކުރާށެވެ. ޙަލާލް ނޫން އެއްޗެއް އަދި ޙަލާލް ނޫން ގޮތެއްގައި ހޯދާއެއްޗެއް އަރުން އެތެރެ ނުކުރާށެވެ. ދަރިންނަށްވެސް މައިންބަފައިންނަށް ނުދޭށެވެ. ބޭނުންތައް ނުފުދޭނަމަ ދަރިންވެސް ރޯނެއެވެ. މައިންބަފައިންވެސް ރޯނެއެވެ. އެމީހަކު އަމިއްލައަށްވެސް ރޯނެއެވެ. ކެތްތެރިވެލާށެވެ. 

ދެމީހުންގެ ޙާލަތުގައިވެސް ފުރަތަމަ ފަރުވާއަކީ ބަރާބަރަށް ނަމާދުކުރުމެވެ. ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދޭށެވެ. އެދޭ ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. އެހެން ބުނުމުން ދެމީހުންވެސް ނުކުމެގެން ދިއައީއެވެ. 

އެއިގެ 4 ވަރަކަށް އަހަރުފަހެވެ. ބައަކު ދިން ދަޢުވަތަކަށް އަވަށުގެ އަގުބޮޑު ރެސްޓޯރަންޓަކަށް ކާން ދިއައީމެވެ. އެތަނުގައި އިންދައި އަންހެނަކާއި ފިރިހެނަކު އައިސް ބައްދަލުކުރިއެވެ. އެމީހުންގެ ތަޢާރަފްގައި ކުރިން އަހުރެންނާއި ބައްދަލުކޮށް ދެއްކި ވާހަކަތަކާއި އަހުރެންދިން ޖަވާބު ކިޔައިދިނުމުން އެއީ ކޮންބައެއްކަން އެނގުނެވެ. 

އެދެމީހުން ބުނި ގޮތުގައި އެދުވަހު އަހުރެމެންގެ ގެއިން ދެމީހުން އެކުގައި ނުކުމެގެންގޮސް އެމީހުންގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ބަރާބަރަށް ނަމާދުކުރަން ފެށިއެވެ. އެގޮތަށް އުޅުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ގާތްކަން އުފެދި ލޯތްބަށް ބަދަލުވެ ކައިވެނިވެސް ކުރީއެވެ. ދެމީހުން އެކުގައި ކުރި މަސައްކަތުން ކރިއެރުން ލިބި މިއަދު އެދެމަފިރިންނަކީ ތަނަވަސް ދެމަފިރިންނެވެ. ދަތިޙާލުގައި ދިރިއުޅެން ޖެހުނު ދުވަސްތައް މާޒީވެ ދިއައީއެވެ. ޢުމުގައި ތަފާތެއް ހުރިނަމަވެސް ދެމީހުން ދިރިއުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ވަރަށް ލޯބިންނެވެ. 

"އަހުރެމެން އެދުވަހުން ފެށިގެން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވިން. އެންމެ ނަމާދެއްވެސް ނާޅަން. ސުންނަތް ނަމާދުތައްވެސް ކުރަން ފެށިގެން. ޢަމަލުތައް އިޞްލާޙްކުރިން. ހައިހޫނުކަމަށް ކެތްތެރިވިން. ކޮންމެ ނަމާދެއްގެ ފަހުގައާއި ސަޖިދައިގަ ދުޢާކުރަމުން ގެންދިއައިން." ކަމަށްވެސް ދެމީހުން ބުނެފައިވެއެވެ.  

އަހުރެން ބުނެލަން ބޭނުންވަނީ ކިތަންމެ ދަތިޙާލެއްގައި ދިރިއުޅެންޖެހުނަސް ޙަލާލް ތަކެތިކައި، ނަމާދުކޮށް، މިންވަރަށް ޝުކުރުވެރިވެ ކެތްތެރިވާ އަޅުންނަށް އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ. އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން