މުސްލިމުން ބެލުން ހުއްދަނޫން ކަންކަން ފެންނަ ތަންތަނަށް ދެމަފިރިން އެކުގަ ދިއުން ހުއްދަވާނެތޯ؟
މިސުވާލު ކުރެއްވި ކިޔުންތެރިޔާ ވިދާޅުވެފައިވަނީ އެދެމަފރިންނަކީ ހެޔޮ ގޮތުގައި ދިރިއުޅެން މަސައްކަތްކުރާ ދެމަފިރިންކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދެމަފިރިން އެކުގައި ކުރާ ދަތުރުތަކުގައި މުސްލިމުން ބެލުންވެސް ހުއްދަ ނޫން ކަންކަން ފެންނަ ތަންތަނަށް ދެމަފިރިން އެކުގައި ދިއުމަށް ފިރިމީހާ ޝައުޤުވެރިވާ ކަމަށެވެ. ގޮސް ކަންކަން ފެންނަން ފެށުމުން ބިރުވެތިވެވި އަވަސް އަވަހަށް އެތަނަކުން އެނބި އަންނަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ހަވާ ނަފްސް އެކަމަށް އެދުމުން އެފަދަ ތަނަކަށް ދާން ބޭނުންވިނަމަވެސް ދެވުމާއިއެކު އަވަހަށް އެނބުރި އަންނަން ބޭނުންވާކަމީ ފިރިކަލުންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ބޭކަލެއްކަން އަންގައިދޭ ކަމެއް ކަމަށެވެ. ދީނީ ޢިލްމްވެރިން މެދުވެރިކޮށް ހޭލުންތެރިކުރުވަން މަސައްކަތްކުރެވިއްޖެނަމަ ކާމިޔާބުވެސްވާނެއެވެ. އިން ޝާ ﷲ
ކުރެއްވި ސުވާލުގެ ޖަވާބަކީ:
ބައެއް މީހުންނަށް ވިސްނިގެން އުޅެނީ ދެމަފިރިން އެކުގައި ތިބިނަމަ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފަދަ ތަކެތި ބެލުން ހުއްދަވާނެ ކަމަށެވެ. އަދި ހަމަލޮލުން ސީދާ މަންޒަރުތައް ބެލުންވެސް ހުއްދަވާނެ ކަމަށެވެ. ނަމަވެސް އެއީ އަރާފައި އޮންނަ ވަރަށް ބޮޑު އޮޅުމެކެވެ.
"މާތްﷲ ލޯ ދެއްވާފައިވަނީ އަމާނާތެއްގެ ގޮތުގައެވެ. އެލޮލުގެ ބޭނުން ހިފިގޮތާއިމެދު ގިޔާމަތް ދުވަހުން ސުވާލުވެވޭނެއެވެ. އެހެން ކަމުން އެކަލާންގެ ޙަރާމް ކުރެއްވި އެއްޗަކަށް ބަލައިގެން ނުވާނެއެވެ." واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް