އެއްވެސް ޝައްކެއްނެތެވެ! އީމާންކަމަކީ މީސްތަކުންގެ ހިތްތަކަށް ﷲ ތަޢާލާ ވައްދަވާ ނޫރެކެވެ. އީމާންކަމާއިމެދު ފަރުވާކުޑަކޮށްފިނަމަ އެނޫރު ފަނޑުވެގެންދާނެއެވެ. އަދި ހިތްހަރުވެ ހިލަގަނޑަކަށް ބަދަލުވާން ފަށާނެއެވެ. އަހުރެމެންގެ ތެރެއިން ގިނަބައަކަށް ވެފައި މިތިބަ ގޮތަކީ އެއީއެވެ.
ޤުރްއާން ކިޔެވިޔަސް މާނިކިޔަސް، ވީޑިއޯ ބެލިނަމަވެސް، އޯޑިއޯ އަޑުއެހިނަމަވެސް އެއިން އެއްވެސް ކަމަކުން ހިތަށް ކުރަންވާ އަސަރު ނުކުރާ ސަބަބަކީވެސް ހަމައެއީއެވެ. ހިތް ހަރުވެ ހިލަވެފައިވާތީއެވެ.
ހިތް މަޑުމޮޅިކުރަން މަސައްކަތްކުރަން ކުރިންވެސް ނަޞޭޙަތްދެމެވެ، ރަމަޟާން މަސް ގާތަވްމުން އައިއިރު އެނަޞޭޙަތް ގިނަކުރީމެވެ. މިހާރު މަސް ދެބައިވެ ފަހު 15 އަށް ބުރަވީއެވެ. މިހާރުވެސް ބުނެލަން ބޭނުމީ ހިތް މަޑުމޮޅިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނޫންނަމަ ޤުރްއާން ކިޔެވިޔަސް އެހެން އަޅުކަމެއް ކުރިޔަސް އެކަމުން ކުރަންވާ ފައިދާއެއް ނުކުރާނެއެވެ!
ހިތް މަޑުމޮޅިކުރުމަށްޓަކައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއް ގުނަވަނަކީ ތިމާގެ ދުލެވެ. ދުލުން ނުބައި ބަސްތައް ނުބުނުމެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނުމެވެ. އަނބިދަރިންނާއި ޢާއިލާގެ މީހުންނާއިމެދު އިތުރަށް ސަމާލުކަންދޭންވާނެއެވެ.
ހަމައެއާއިއެކު ބެލުންތައް ތިރިކުރާށެވެ! ނަހީކުރައްވަވާފައިވާ އެއްވެސް ތަނެއް ނުބަލާށެވެ! ކަންފަތަށްވެސް ސަމާލުކަން ދޭށެވެ! ނުބައި ވާހަކަތަކުގެ އަޑުނުއަހާށެވެ! ޣީބަ ބުނުން ފަދަ ވާހަކަތައް އެއްގޮތަކަށްވެސް އަޑުނުއަހާށެވެ!
މިކަންކަމަށް ސަމާލުކަން ދީފި މީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން