ކުރިއަށް މިދަނީ އެރޭތަކެވެ. ދެން މިފެށެބީ އެންމެ މުހިންމުކަން ބޮޑު ރޭތަކެވެ. ފަހުދިހައިގެ ރޭތަކެވެ. އޮނަހިރިއެއް ހިރިއެއް ބެލުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ރެއަކު ބާރަށް ކުރިއަށް ގެންދާށެވެ! ކޮންކަމެއް ހެއްޔެވެ؟ އަޅުކަންކުރުމާއި ދުޢާކުރުމެވެ.
ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރާ ޙާލު ދެއަތް އުފުލައިލާށެވެ! ރޮއި ކަރުނައަޅަމުން ދަންނަވާށެވެ!
"ޔާ ﷲ! އިނބަ ﷲ އީ އިބްރާހީމްގެފާނަށްޓަކައި އަލިފާނަކީ ފިނިއެއްޗެއްކަމުގައި ހައްދަވައި ދެއްވެވި ރަސްކަލާނގެއެވެ. ޔާ ﷲ! އިނބަ ﷲ އީ އެބޮޑު ބިޔަ، ފުން ވަޅުން ޔޫސުފްގެފާނު ސަލާމަތްކޮށްދެއްވެވި ރަސްކަލާނގެއެވެ. ޔާ ﷲ! އިނބަ ﷲ އީ އެ ބިޔަ ބޮޑުމަހުގެ ބަނޑުން ޔޫނުސްގެފާނު ސަލާމަތްކޮށްދެއްވެވި ރަސްކަލާނގެއެވެ. ޔާ ﷲ! އިނބަ ﷲ އީ އިނބަ ﷲ އީ ބޮޑު އާލާސްކަންފުޅުން އައްޔޫބްގެފާނު ސަލާމަތްކޮށްދެއްވެވި ރަސްކަލާނގެއެވެ. ޔާ ﷲ! އިނބަ ﷲ އީ ޢުމުރުފުޅުން 85 އަހަރުގައި ޒަކަރިއްޔާގެފާނަށް ދަރިކަލަކު ދެއްވެި ރަސްކަލާނގެއެވެ. އަދިވެސް ދަންނަވާށެވެ! ޔާ ﷲ! އިނބަ ﷲ އީ ފިރުއަޢުނުގެ އެބޮޑު ބިޔަ ލަޝްކަރު ވަށައިލި ހިނދު ކަނޑުން މަގެއް ހިއްކަވައިދެއްވަވައި މޫސާގެފާނާއި އެކަލޭގެފާނުގެ އަރިއަހުގައިވީ އެންމެން ސަލާމަތްކޮށްދެއްވެވި ރަސްކަލާނގެއެވެ."
ދެން ތިބާ ﷲ ތަޢާލާގެ ޙަޟްރަތުން ބޭނުންވާ ކޮންމެ ކަމަކަށް އެދިގެން ދަންނަވާށެވެ! އެއީ ތަނަވަސްކަން ނަމަވެސް، ބައްޔަކުން ޝިފާއަށް އެދިނަމަވެސް، ދަރަންޏަކުން ސަލާމަތް ނުވެވިގެން ނަމަވެސް އަދި މިހެން ގޮސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް ނަމަވެސް އެދިގެން ދަންނަވާށެވެ!
ލައިލަތުލްޤަދްރިވިލޭރޭގެ މަތިވެރިކަން ޙާޞިލްކުރުމުގެ ތައުފީޤް ދެއްވެވުން އެދިގެންނާއި މިރަމަޟާން މަހު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ކޮންމެހެންވެސް ދަންނަވަންވާނެއެވެ! ރަމަޟާން މަހުގެ އެންމެ މުހިންމު ކަމަކީ އެއީއެވެ.
ﷲ ތަޢާލާއީ އަހުރެމެންނަށް ކެރިކުޅަދާނަކަން ލިބިގެންނުވާ އެންމެހައި ކަންކަން ހިންމަވައި ދެއްވެވުމުގައި ދީލަތިވވަންތަ އިލާހްއެވެ. މިރޭތަކުގައި ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން