ޢަލީ އިޙްޞާން ފިރާޤް
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ، މުސްލުމުންގެ ފުރަތަމަ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ގެ ދަރިކަނބަލެކެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަނބަލުންނެވެ. އެކަލޭގެފާނުގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. މާތް ރަސޫލާގެ ޠާހިރު ސުންނަތުގެ އަގުބޮޑެތި މުތީތައް އިސްލާމީ އުއްމަތަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވި ބޭކަނބަލަކީ އެކަމަނާއެވެ.
ހިޖުރައިން 58 ވަނަ އަހަރުގައި އުއްމުލް މުއުމިނީން ޢައިޝަތުގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އާލާސްކަންފުޅުގައި އޮންނަވަނިކޮށް މާތް ރަސޫލާގެ ދެބެއިންގެ ދެދަރި ބޭކަލެއްކަމުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމުގެ އިޒުނައަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ޢާއިޝަތުގެފާނު އެކަމަނާގެ އަރިހުގައިވާ މީސްތަކުންނަށް ވިދާޅުވިއެވެ. [އިބްނު ޢައްބާސް ވަޑައިގެން އަހަރެންނަށް މާ ބޮޑަށް ތާރީފުކޮށްފާނެތީ ބިރުގަނެއެވެ.]
އެތަނުގައި ތިއްބެވި ބޭކަލުން ދެންނެވިއެވެ. [އެކަލޭގެފާނަކީ، މާތް ރަސޫލާގެ ދެބެއިންގެ ދެދަރި ބޭކަލެކެވެ. ދަރަޖަ މަތިވެރި މުސްލިމެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެކަލޭގެފާނު އެތެރެއަށް ވަނުމުގެ ހުއްދަ ދޭށެވެ.] އިބްނު ޢައްބާސް ވަޑައިގެން ޢާއިޝަތުގެފާނުގެ އަރިހުގައި ދެންނެވިއެވެ. [ޙާލުކޮޅު ކިހިނެއްތޯއެވެ؟] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ.] އިބްނު ޢައްބާސް ވިދާޅުވިއެވެ. [ކަމަނާއަކީ މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. ކަމަނާ ފިޔަވައި އެއްވެސް ބިކުރުވެރި ބޭކަނބަލަކާ މާތް ރަސޫލާ ކާވެނިފުޅު ބައްލަވައިގެންފައެއް ނުވެއެވެ. ކަމަނާގެ ކުށެއްނެތްކަން މާތްﷲ ވަނީ ހަތް އުޑުމަތިން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލައްވައި ބަޔާންކޮށްދެއްވައިފައެވެ.]
އޭގެ އިރުކޮޅެއްފަހުން ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ އަންހު އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ދެންމެ އިބްނު ޢައްބާސް ވަޑައިގެން އަހަރެންނަށް ޙައްދެއްނެތް މިންވަރަށް ތާރީފު ކުރައްވައިފައި ވަޑައިގެންފިއެވެ. މީގެ ކުރީގައި އަހުރެން ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!] {صحيح البخاري،كتاب التفسير، باب {وَلَوْلاَ إِذْ سَمِعْتُمُوهُ قُلْتُمْ، مَا يَكُونُلَنَا أَنْ نَتَكَلَّمَ، بِهَذَا سُبْحَانَكَ هَذَا بُهْتَانٌ عَظِيمٌ}، ޙަދީޘް 4753}
އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު މަރަށް ހާޒިރުވެވަޑައިގެންނެވި ހިނދު ވިދާޅުވަމުން ގެންދެވިއެވެ. [އޭ ސަހަރޯއެވެ. ތިމަންކަމަނާ ޚަލްޤު ނުކުރެވުނު ކިހާ ރަނގަޅު ވީސްހެވެ. އޭ ސަހަރޯއެވެ. މާތްﷲ އަށް ތަސްބީޙަ ކިޔާ ގަހަކަށް ވީނަމަ ކިހާ ރަނގަޅުވީސްހެވެ.] އަދި ބައެއް ފަހަރު އެކަމަނާ ވިދާޅުވެއެވެ. ތިމަންކަމަނާ އިންސާނަކަށްނުވެ، ގަހުގެ ފަތަކަށްވީނަމަ ކިހާ ރަނގަޅުވީސްހެވެ.
ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވުމުގެ ކުރިން އެކަމަނާ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހަށް ވަޞިއްޔަތްކުރައްވައި ވިދާޅުވިއެވެ. [މާތް ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ދެއެކުވެރިންގެ އަރިހުގައި އަހަރެން ވަޅުނުލާށެވެ. އަހަރެން ވަޅުލާނީ ބަޤީޢުގައި މާތް ރަސޫލާގެ ﷺ އެހެން އަނބިއަނބިކަނބަލުންގެ ކައިރީގައެވެ. އެހެނީ މާތް ރަސޫލާ ﷺ ގެ އަރިހުގައި ވަޅުލުމުގެ ސަބަބުން އަހަރެންނަކީ މާ މާތް މީހެއްކަމުގައި މީސްތަކުން ދެކޭކަށް އަހަރެން ނޭދެމެވެ. {صحيح البخاري،كتاب الجنائز،باب مَا جَاءَ فِي قَبْرِ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍوَعُمَرَ ـ رضى الله عنهما، ޙަދީޘް 1391}
ނިސާއި އަހުލުލްބައިތު އޭ ކިޔުނު ފޮތުގައިވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވިކަން އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވާ ވިދާޅުވިއެވެ. [އަބޫބަކުރުގެފާނަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ލޯބިވެވަޑައިގެންނެވި ފަރާތަކީ ޢާއިޝަތުގެފާނެއެވެ.]
އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވާ ރިވާޔަތަކުން އެނގޭ ގޮތުގައި ޢާއިޝަތުގެފާނު އަވަހާރަވީއިރު އެތަނުގައި އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނުވެސް އިންނެވިއެވެ. އޭރު އެކަމަނާ ޢާއިޝަތުގެފާނަށް ހެޔޮ ދުޢާފުޅު ކުރައްވަމުން ގެންދެވިއެވެ. އެކަމަނާ ވިދާޅުވަމުން ގެންދެވިއެވެ. [މާތްﷲ، ކަމަނާއަށް ރަޙްމަތް ލައްވާށިއެވެ. ކަމަނާއަށް ކުރެވިފައިވާ ފާފައެއްވާނަމަ އެފާފައެއް ފުއްސަވައި ދެއްވާށިއެވެ.]
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވަނީ ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތުގަކަމަށެވެ. އެންމެ މަޝްހޫރު ބަހަކީ މިއީ ކަމަށްވެސް އޭނާ ލިޔުއްވައިފައިވެއެވެ.
އެރޭގެ ވިތުރިއަށްފަހު އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މަޝްހޫރު ޞަޙާބީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުއެވެ. ޢާއިޝަތުގެފާނުގެ މާތް ހަށިކޮޅު ޤަބުރުފުޅުގައި ވެޑުއްވެވީ ފަސްބޭކަލުންނެއެވެ. އެއީ، ޢަބްދުﷲ ބިން ޒުބައިރު އާއި ޢުރްވަތު ބުނު ޒުބައިރާއި، އެކަމަނާގެ އަޚު މުޙައްމަދު ބުން އަބޫބަކުރުގެ ދެދަރިކަލުންކަމުގައިވާ ޤާސިމް އާއި ޢަބްދުﷲ އާއި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު ޢަބްދުއް ރަޙްމާނުގެ ދަރިކަލުން އަބްދުﷲ ބުން ޢަބްދުއް ރަޙްމާނެވެ.
ޠަބަޤާތު އިބްނު ސަޢުދުގައި ރިވާވެގެންވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވެގެން މީސްތަކުން ރޯއަޑު އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނަށް އިވިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވާ ވިދާޅުވިއެވެ. [ޢާއިޝާގެ މައްޗަށް ސުވަރުގެ ވާޖިބުވެއްޖެއެވެ. އަބޫބަކުރުގެފާނަށްފަހު، މާތް ރަސޫލާ އެންމެ ލޯބިވެވަޑައިގެންނެވި ފަރާތަކީ އެކަމަނާއެވެ.] ޢާއިޝަތުގެފާނު އަވަހާރަވީއިރު ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން ދުނިޔޭގައި އިންނެވީ އުއްމުސަލަމަތު ގިނިކަންޏާއެވެ.
އަދިވެސް އިބްނު ސަޢުދުގެ ތަބަޤާތުގައި ލިޔެވިގެންވެއެވެ. އެއްފަހަރަކު މަދީނާގެ ފިރިހެނަކަށް ސުވާލު ދެންނެވުނެވެ. [ޢާއިޝަތުގެފާނު އަވަހާރަވުމުން މީސްތަކުން އެކަމަނާގެ މައްޗަށް ހިތާމަކުރީ ކިހާވަރަކަށްތޯއެވެ؟] އޭނާ ބުންޏެވެ. [މަދީނާގެ އެންމެވެސް އެކަމަނާ އަވަހާރަވުމުން ވަރަށް ހިތާމަކުރިއެވެ.]
ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވެއެވެ. ޢާއިޝަތުގެފާނުގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވުމަށްޓަކައި މަދީނާގެ ވަށަވަށައިގެންވާ އަވައްތަކުގައި ދިރިއުޅޭ މީސްތަކުންވެސް އައެވެ. އެރޭހާ ގިނައިން މަދީނާގައި މީސްތަކުން އެއްވެ ތޮއްޖެހިފައިވާ ރެޔެއް އޭގެ ކުރިއަކުން މީސްތަކުން ނުދެކެއެވެ. މަދީނާގެ އަންހެނުންތައްވެސް ޖަނަތުލް ބަޤީޢުއަށް އެއްވެފައި އޮތްވަރުން ހީވަނީ ބަޔަކު މީހުން ޢީދެއް ކުރާން ނުކުމެގެން އުޅޭ ހެންނެވެ. އެހާވެސް މީހުން ގިނައެވެ.
محمد بن عمر ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނު އަވަހާރަވެ ފަސްދާނުވެޑުވުނީ ހިޖްރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ދުވަހުގެ ރޭގައެވެ. ފަސްދާނުވެޑުވަނީ އެރޭ ވިތުރިއަށްފަހުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 66 އަހަރުފުޅެވެ.
މާތްﷲ، ޢާއިޝަތުގެފާނަށް ރުއްސުންލައްވާށި! ނަބިއްޔާ صلّى اللّـه عليه وسلّم އަށް ޞަލަވާތް ލައްވާށި.