ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ބޮޑަށް ކުއްތަންވެވޭ އަޅަކަށްވުމަށް ޢަމަލުކުރުން އެންމެ މުހިންމު 2 ޝަރުޠު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ބޮޑަށް ކުއްތަންވެވޭ އަޅަކަށްވުމަށް ޢަމަލުކުރުން އެންމެ މުހިންމު 2 ޝަރުޠު-

އެންމެ ތަޤްވާވެރި ބައެއް ބޭކަލުން އެބޭކަލުންގެ ތަޤްވާވެރިކަމާއިއެކުގައިވެސް އިތުރަށް ތަޤްވާވެރިވުމުގެ ބޭނުމުގައި އެބޭކަލުންގެ ހުރިހާ ވަޤުތެއްގައިހެން އެކަމަށް މަސައްކަތްކުރައްވާފައި އެބަހުއްޓެވެ. ހަމަ އެންމެ ބޭނުމަކުއެވެ. ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް އިތުރަށް ﷲ ތަޢާލާ އާއި ކުތަންވުމަށް ބޭނުންވާވަރު ހަމަ ބޮޑުކަމުންނެވެ. 

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެގެންވުމެވެ. މުސްލިމެއްގެ ގޮތުގައި ދިރިއުޅެމުން އަންނަ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން އެދަރަޖައަށް އެދޭނަމަ ދެ ކަމެއްގައި ހިފަހައްޓާށެވެ. 

ފުރަތަމަ ކަމަކީ އެމީހަކީ އެންމެ ޚުލްޤް ރަނގަޅު މީހުންގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރުމެވެ. އެކަން ޙާޞިލްކުރެވޭނީ ރުޅި މަޑުކޮށް ރިވެތިބަހުން މުޢާމަލާތުކޮށްގެންނެވެ. ރުޅި އަންނަ ހިނދު ނުބައި ބަސްތައް ނުބުނެ ހުރެގެންނެވެ. އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށްގެންނެވެ އަދި އެހެން މީހުންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާ މީހަކު ކަމުގައިވެވިގެންނެވެ. 

ދެވަނައީ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކު ކަމުގައިވުމެވެ. އެއީ ހަމައެކަނި ފައިސާހުރެގެން ކުރެވޭ ކަމެއް ނޫނެވެ. ފައިސާ ހުރިނަމަ ފައިސާއިން އެހީތެރިވާނީއެވެ. ފައިސާ ނެތްނަމަވެސް ކަންބޮޑުވާކަށް ނުޖެހެއެވެ. އެމީހަކަށްވާން އޮތް މިންވަރަކުން ކޮންމެ ކަމެއް ކޮށްދިނުމަކީވެސް އެހީތެރިވުމެވެ. 

އަހަރެމެންގެ ރަށްފުށު ސަރަޙައްދަށް ބަލައިފިނަމަ އަވަށްޓެރިޔާ ބަލިވެ އުޅޭނަމަ އޭނާއަށް އޭނާގެ ތަކެތީގައި ކައްކައިލަ ދިނުމަކީވެސް އެހީތެރިވެދިނުމެވެ. އޭނާ ފައިސާ ދިނީމައި ނަމަވެސް ބާޒާރުން އެއްޗެއް ގަނެގެން ގެނެސްދިނުމަކީވެސް ހަމަ އެހީތެރިވުމެވެ. މިހެންގޮސް ކުރިން މިބުނި ފަދައިން އެހެން މީހަކަށް ކިތަންމެ ކުޑަކުޑަ ކަމެއް ކޮށްލައިދިނުމަކީވެސް އެހީތެރިވުމެވެ. 

މީސްތަކުންނަށް ތަނަވަސަކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. އެހެންވީމާ މީހުންގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރު އެކަލާނގެ މާމޮޅަށް ދެނެވޮޑިގެންވެއެވެ. އެތަނަވަސްކަމުން އެހެން މީހުންނަށް އެހީތެރިވެދެވޭނެ މިންވަރުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ތިމާގެ ކިބައިގައި ތަނަވަސްކަން ނެތުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް އެއްވެސް ކަމަކަށް ހުރަސް އެޅޭނެ ކަމެއް ނޫނެވެ. 

ވީމާ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނީ ތަނަވަސްކަން ހުރެގެން ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެ ފުރުޞަތު ހމަ އެންމެ ފަޤީރު މީހާއަށްވެސް އެބަ އޮތެވެ. އޮތީ އެކަމަށް އެދިގެން މަސައްކަތްކުރަން ކެރުނު ވަރެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން