ކުރާ ހެޔޮ ޢަމަލުތަކުގެ ސިއްރުން ކުރެވެން ހުރި ޢަމަލުތައް ވީހާސިއްރުން ކުރާށެވެ! އެޢަމަލުތަކުގެ ދަރަޖަ މަތިވެރިވާނީ އެއިރުންނެވެ. ތިބާ ކުރާ ހެޔޮޢަމަލުތައް މީސްތަކުންނަށް ނުފެނުނު ނަމަވެސް މަލާއިކަތުން ބައްލަވައި ވޮޑިގެންވެއެވެ.
ތިބާގެ ފުރާނަ ހިއްޕެވުމަށްފަހު ﷲ ތަޢަލާގެ ޙަޟްރަތަށް ގެންދެވުމަށް އުޑުތަކުގައި އުފުލޭހިނދު މަލާއިކަތުންގެ ފައުޖުތައް އެއްވެ ތިބާ ކުރި ހެޔޮ ޢަމަލުތަކުގެ ޥާހަކަ ދައްކަވައި ތިބާއަށް ތައްރީފް ކުރައްވަވާނެތެވެ! އަދި ނުކުރެވުނު ނަމަވެސް ކުރަން ސައްކަތްކުރި ކަންކަމުގެ ވާހަކަތައްވެސް ދައްކަވާނެތެވެ.
މިޘާލަކަށް "މިއީ މިވެނި އެވެނި ހެޔޮޢަމަލުތައް ކުރުންމަތީގައި ދެމިހުރި މީހާއެވެ. ނުވަތަ މިވެނި އެވެނި ޢަމަލުތަކެއް ކުރަން މަސައްކަތްކުރި މީހާއެވެ!" ވިދާޅުވަމުން ގެންދަވާ އަޑު އެފުރާނައަކަށް އިވޭނެތެވެ. އެފުރާނައަކަށް އެކަމުން ލިބޭނެ ހިތްހަމަޖެހުން މިއަދު އިޙްޞާޞް ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ހަމަ އެއާއިއެކު ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެނދެވުމުން ﷲ ތަޢާލާ ވަޙީކުރައްވަވާ އުފާވެރިކަމުގެ ބަސްފުޅުތަކުގެ އަޑުވެސް ފުރާނައަށް އިވޭނެތެވެ.
ގަދައަޅައި މަސައްކަތްކުރަންވީ މިފަދަ މަތިވެރިވެގެންވާ ނިޢުމަތްތައް ލިބޭނެ މީހަކަށް ވުމަށެވެ. އެއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ޙާޞިލްކުރެވެން ހުރި ނިޢުމަތްތަކެވެ. އޮތް ހަމައެކަނި ޝަރުޠަކީ އެކަމަށް އެދިގެން މަސައްކަތްކުރުމެވެ.
-- ޝައިޚް ޢަބްދުއްރަޙްމާން މާފީގެ ދަރުސަކުން