ކައިވެނިކޮށް އެއްދާންކުރުމުގެ ކުރިން ކޮންމެ ދެމަފިއަކަށް އެނގުން މުހިންމު ބައެއް ކަންކަން-: މުފްތީ ޢަބްދުއްރަހްމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކައިވެނިކޮށް އެއްދާންކުރުމުގެ ކުރިން ކޮންމެ ދެމަފިއަކަށް އެނގުން މުހިންމު ބައެއް ކަންކަން-: މުފްތީ ޢަބްދުއްރަހްމާން

ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެ ކައިވެނިކުރުމަށްފަހުގައިވެސް ކެތްތެރިވެލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ކޮންމެވެސް ވަރަކަށް ބަލައިލަންޖެހޭ ކަންކަންވެސް އެބަހުއްޓެވެ. ގިނަ ބައަކަށް ޢަމަލުނުކުރެވެނީ އެކަންކަން ނުއެނގޭތީއެވެ.   

އަހަރެން މިދައްކަނީ ކައިވެނިކޮށްގެން ކުރަން ހުއްދަވާ ކަންކަން ކައިވެނިކުރުމުގެ ކުރިން ކުރުމަށްފަހު ކައިވެނިކުރާ މީހުންގެ ވާހަކައެއް ނޫނެވެ. އެމީހުންގެ ވާހަކަ މިގޮތަށް ދެއްކުމުގެ އެހައިބޮޑު ބޭނުމެއް ނެތެވެ. އެމީހުންގެ ކައިވެނީގެ ބަރަކާތް އަމިއްލައަށް ނަގާލާފައި ނުވަތަ ގެއްލުވާލާފައިވާތީއެވެ. އެމީހުންގެ ގާތުގައި ބުނެލަން އޮތީ އަދިވެސް ތައުބާ ނުވެ ތިބިނަމަ އަވަހަށް ތައުބާވާށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރާށެވެ.  

އިސްލާމް ދީނުގައިވާ ފަދައިން ބިކުރުވެރިކަންމަތީގައި ކައިވެނިކުރާ ދެމީހުން ކައިވެނިކުރުމަށްފަހު އެންމެ ބޮޑަށް ދަހިވެތިވާނީ ދެމީހުން އެކުގައި އެއްދާން ކުރުމަށެވެ. އެއީ އެކަމަށްޓަކައި އެމީހުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކޮށްފައިވާތީއެވެ.  

އެހެންކަމާއިއެކުގައިވެސް ބުނެލަން ބޭނުންވަނީ އެކަމަށް އަވަސްވެ ނުގަންނާށެވެ. ފުރަތަމަ ކަމަކަށް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފައްދާށެވެ. އެކަކު އަނެކަކަށް އޯގާތެރިވެ ހިތުގައި ލޯތްބާއި ކުލުނު އުފައްދާށެވެ. ނޫންނަމަ ހީވެސް ނުކުރެވޭ ބައެއް ތަކްލީފްތައް ކުރިމަތިވެރިވެދާނެއެވެ. 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެއީ ކައިވެނީގެ ފުރަތަމަ ރޭ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ސުންނަތުގައި އޮތްކަމެއް ނޫނެވެ. މިހެން ބުނި ނަމަވެސް ދެމީހުން އެކަމަށް ތައްޔާރުވެގެން ތިބިނަމަ އެކަން ކުރުމަކުން އެއްވެސް މައްސަލައެއް ނެތެވެ. ހަމަކުރަންވީއެވެ. ފުރަތަމަ ފަށަމުންވެސް ބުނިފަދައިން އެކަން ކުރަން އޮތީ ދެމީހުން އެކަމަށް ތައްޔާރުވެގެންނެވެ. ރުޙުމާއި ކުލުނުވެރިކަމާއިއެކުގައެވެ.  

މިދައްކާ ވާހަކައިގެ ކުޑަކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. ޢާންމުކޮށް އަންހެންކުދިންނަކީ ކަންކަމަށް ވަރަށް ބޮޑަށް ކަންބޮދުވާ ބައެކެވެ. ވީމާ މައިންބަފައިން ދޫކޮށްލައި ގެއިން ނުކުންނަން ޖެހުމުން އެވަޤުތު ތިބޭނީ ފިކުރެއްގެ މަތީގައެވެ. ވަރަށް ގިނަ ހެޔޮލަފާ އަންހެންކުދިންގެ ވިސްނުމުގައި ހުންނާނީ މައިންބަފައިންނެވެ.  

ވީމާ ފުރަތަމަ ކަމަކަށް ދެމީހުންގެ މެދުގައި ގުޅުން އުފައްދައި އަނބިމީހާގެ ހިތަށް ފިނިކަންދޭންވާނެއެވެ. މައިންބަފައިން ދޫކޮށްލާފައި އައިނަމަވެސް ދެރަވާން ނުޖެހޭނެ ކަމާއި ހިތުގައި ނުޖައްސައި ގެންގުޅޭނެކަމުގެ ޔަޤީންކަންދީ އަނބިމީހާގެ ޚިޔާލާ ފިކުރުތަކާއި ކަންބޮޑުވުންތަކުން އަނބިމީހާ ސަލާމަތްކުރަންވާނެއެވެ. 

ތިއަތިބީ ކައިވެނިކުރެވިފައެވެ. ބޭނުން ކޮންމެ ވަޤުތަކު ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ މަގުން، ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ބޭނުންވަރަކަށް އުފާ ޙާޞިލްކުރަންވީއެވެ. އެހެންވީއިރު ކޮންމެހެން ވަކިކަމެއް ކުރުމަށް އަވަސްއަރައިގަންނަންވީ ކީއްވެގެން ހެއްޔެވެ؟

 

- މުފްތީ ޢަބްދުއްރަހްމާންގެ ދަރުސަކުން

މިއަދު އޮންލައިން