ﷲ ތަޢާލާގެ މަގުގަ ކުރިއަރަން މަސައްކަތްކުރާ އަންހެނަކު ބަލިކުރެވޭނެ ފިރިހެނަކު ނުހުންނާނެ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ﷲ ތަޢާލާގެ މަގުގަ ކުރިއަރަން މަސައްކަތްކުރާ އަންހެނަކު ބަލިކުރެވޭނެ ފިރިހެނަކު ނުހުންނާނެ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ކުރިއެރުން ލިބޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ފިރިހެނުންވެސް އަދި އަންހެނުންވެސް ކުރިއަރަން ވާދަކުރަން އޮތީ އެންމެ ކަމެއްގައެވެ. އެއީ ތަޤްވާވެރިކަމެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން މަސައްކަތްކުރަންވީ ދުނިޔޭގައި ވަކި މަޤާމަކަށް އަރާކަށް ނޫނެވެ. ފިރިހެނުންނަށްވުރެ ކުރިއަށް ނުވަތަ ފަހަތަށް ނުވަތަ އަރިމައްޗަށް ދިއުމަކަށް ނޫނެވެ. ﷲ ތައާލާގެ މަގުގައި ކުރިއަރައިދިއުމަށެވެ. 

ތިއަ ކަނބަލުން މަސައްކަތްކުރަންވީ ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން ފެންނަންހުރި މަތިވެރި އަންހެނުންގެ ދަރަޖއަށް އެރުމަށެވެ. ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގެންނެވި ޞާލިޙް ކަނބަލުންނާއި އެއިގެފަހުންވެސް ދުނިޔޭގައި އުޅުނު ޞާލިޙް ކަނބަލުން ފަދަ އަންހެނަކަށް ވުމަށެވެ. 

އެންމެ މަތިވެރި ދަރަޖަ ލިބޭނީ އެއިރުންނެވެ. އެކަން ބަޔާންކުރައްވަވާފައިވާ އާޔަތުގައި "ﷲ ތައާލާގެ މަގުގައި ޖިހާދުކުރަން" އަންގަވާފައި އެއޮތީ އެއްވެސް ބައަކާއި ހަނގުރާމަކުރާކަށް ނޫނެވެ. އަނގަވާފައި އެއޮތީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމަށާއި އެމަގުގައި ކުރިއަށްދާން މަސައްކަތްކުރުމަށެވެ. 

ލޮބުވެތި ކަނބަލުންނޭވެ! އަހަރެމެން ދުނިޔެއަށް ފޮނުއްވެވުނީ ފިރިހެނުންނާއި ތަޅައިފޮޅައި ޒުވާބުކޮށްގެން ކުރިހޯދާކަށް ނޫނެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވަވެވުނީ ތަޤްވާވެރިކަމުގައި ވާދަކޮށްގެން ކުރި ހޯދުމަށެވެ. ތަޤްވާވެރިކަމުގައި ވާދަކުރަމުންދަނިކޮށް ފިރިމީހާ ކިތަންމެ ބޮޑު އަނިޔާއެއް ދިންނަމަވެސް ޙަޤީޤަތުގައި ނިކަމެތިވެ ބަލިކަށިވެގެންދާނީ އެއަނިޔާއެއް ކުރި މީހެކެވެ. 

ﷲ ތަޢާލާއީ ޙައްޤަށް ނަޞްރު ދެއްވަވާނެ އިލާހެވެ. ދެދުނިޔޭގައިވެސް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. ވީމާ ކުރިން މިބުނި ފަދައިން އަހަރެމެން ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު ނަގާލަން އަދި އޮޅުވާލަން ހުޅަނގާއި އެހެންވެސް ބައިތަކުން ކުރާ ކަންކަމުގެ ތެރެއަށް ނުވަންނާށެވެ. އެމީހުންގެ މަޅީގައި ނުޖެހޭށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ. އެފަދަ އަންހެނަކަށް ވެވިއްޖެ ނަމަ މާޔޫސްވެ ކަރު އެލުވައިލާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން