ޔަތީމްކުދިންނަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކުދިން ކަމަސް ބުނެފިނަމަ ތިއައީ ކަލޭގާތު ކާކުބުނި ވާހަކައެއްތޯ ސުވާލު އުފައްދާނެއެވެ. ވީމާ ފުރަތަމަ މިދެނީ އަހުރެންގެ ވިސްނުމުން އެސުވާލުގެ ޖަވާބެވެ.
ދުނިޔެއަށް ﷲ ތަޢާލާ ފޮނުއްވެވި އަދި ފޮނުއްވަވާނެ އެންމެންގެ ތެރެއިންވެސް އެންމެ މަތިވެރިކަން ބޮޑު އިންސާނަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަމުން ޔަޤީންވަނީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އިންސާނަކީ އެއީ ކަމެވެ. (އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމެވެ.
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް އުފަންވެވަޑައިގަތީވެސް ޔަތީމް ޙާލުކޮޅުގައެވެ. ބައްޕާފުޅު ވަނީ މާކުރިން އަވަހާރަވެފައެވެ. މީގެ އިތުރުން ޔަތީމްކުދިންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރި ދަރަޖަ ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
މިވަޤުތު މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ. އިލްތިމާސްކުރަން ބޭނުންވަނީ ޔަތީމްކުދިންނަށް އަޅާލައި ހެޔޮކޮށް ހިތުމަށެވެ. ޔަތީމް ކުދިންނަށް އެހީތެރިވުމުން އެހީތެރިއެވެވެނީ އެކަލާނެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކުދިންނަށެވެ.
ހަމައެއާއިއެކު ހަނދުމަކޮށްލައިދޭނަމެވެ. ޔަތީމް ކުދިންނަށް އަޅާލައި އެހީތެރިވުމަކީ ސުވަރުގޭގައި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވެވުމަށް އޮތް ސަބަބެއްކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ހަމަ ޤައިމުވެސް އެމީހަކަށް އެއިރުން ވެވޭނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. އެހެނީ ސުވަރުގޭގެ އެންމެ މަތީދަރަޖަ ޚާއްޞަވެގެންވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ! ވީމާ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ސުވަރުގޭގައި ވެވޭނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުން ދަރަޖެއެއް ލިބިގެންނެވެ.
އިލްތިމާސަކީ ތަނަވަސްކަންހުރިވަރަކުން ޔަތީމްކުދިންނަށް އަޅާލައި އެހީތެރިވުމެވެ. އެފަދަ ކުއްޖެއްގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައި ނުދެވޭނެނަމަ ލިބޭ މިންވަރަކުން ނަމަވެސް އެހީތެރިވަމުން ގެންދާށެވެ! ޖަޒާއަކަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖައިން ފުރުޞަތު ލިބުމަށް އުންމީދުކުރާށެވެ!
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން