އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެއްކުއްޖަކީ އެހެން މީހުންގެ ގާތުގައި ކަންކަމު ކިޔުމަށް ދެވިހިފާފައި ހުންނަ ކުއްޖެކެވެ. މުސާރަލިބޭ ދުވަސް ނޫން އަނެއް ދުވަހުވެސް ކަންކަމު ކިޔައެވެ. އޭނާއަކީ އެހެން ކަންކަމުގައި އަޚްލާޤް ގޯސްކުއްޖެއް ނޫނެވެ. އޭނާ ބުނާއިރަށް ފިރިހެން އެކުވެރިން އެކަމެއް ކޮށްވެސް ދެއެވެ. އެއީ އޭނާގެ ސިފަރީތިކަމުން ކަމަށްވެސް ވެދާނެއެވެ.
އަޅުގަނޑަށް ވިސްނެނީ އެކުވެރިޔާގެ މިއާދައިގެ ސަބަބުން ކޮންމެވެސް ހިސާބަކުން އެކުވެރިޔާގެ ކިބައިން ބަދަލަށް އެދެން އޭނާއަށް އެހީތެރިވާ އެކުވެރިން ފަށާނެ ކަމަށެވެ. އެހެންވެ މިޙާލަތުން އެކުވެރިޔާ ސަލާމަތްކުރެވޭތޯ ކުރެވޭނެ ކަމެއް ބުނެދީފާނަންތަ؟
ކިޔުނތެރިޔާގެ ކަންބޮޑުވުމަށް ތިރީގައިވާ ލިޔުމުން އެހީތެރިކަން ލިބޭނެއެވެ. އިން ޝާ ﷲ. ކިޔުންތެރިޔާގެ އެކުވެރިޔާއަށް ލިޔުން ޙިއްޞާކޮށް ވިސްނައިދޭން މަސައްކަތްކުރާށެވެ!
އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤްގެ ކުނޑިފުކެއް ހުރިނަމަ ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ އެމީހަކީ އެއްވެސް "ގޮތެއްހުރި" މީހަކު ނަމަ ކިތަންމެ ބޮޑަށް ކަމަކަށް ބޭނުންވެގެން ހުރިނަމަވެސް މަސައްކަތްކުރާނީ އެކަމުގެ ވާހަކަ ހަމައެކަކުގެ ގާތުގައިވެސް ނުބުނުމަށެވެ. ނުވަތަ އެއްވެސް މީހެއްގެ ގާތުން ކަމަކު ނުއެދުމަށެވެ. އެފަދަ މީހުން މީހެއްގ ކިބައިން ކަމަކަށް އެދޭނީ ދެނަ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ޙާލުގައެވެ.
އެހެނަސް ދުނިޔޭގައި މިއަދު ގިނަވެގެން މިއުޅެނީ އެއްވެސް ލަދެއް ނެތި ސަލާންޖަހަމުން ހިނގާ މީހުންނެވެ. މީސްމީހުންގެ ގާތުގައި ކަންކަމުކިޔާ މީހުންނެވެ. ދިރިއުޅުމަށް ކުރެވެން އޮންނަ މަސައްކަތް ވެސް ނުކޮށް ސަލާންޖަހައިގެން އެހެން މީހުންގެ އަތުން ފައިސާ ހޯދައިން ދިރިއުޅޭ މީހުންވެސް މިދަނީ ގިނަވަމުންނެވެ.
އަދި އަނެއްބައި މީހުންނަކީ ދަންނަހައި މީހުންގެ އަތުން ފައިސާ އާއި ތަކެތި ދަރަންޏަށް ހޯދުމަކީ ނުވަތަ ބުނެކިޔައިގެން ފައިސާ ހޯދުމަކީ ޢާންމުކޮށް ކުރާ ކަމަކަށް ހަދައިގެން ކަންކަން ކުރަމުން އަންނަ މީހުންނެވެ. އެމީހުން ދެކޭ ގޮތުގައި ދަރަނި ލިބުމުން އެނިމުނީއެވެ. އަނބުރާ ދައްކާނެކަމެއްވެސް ނެތެވެ.
ކޮންމެހެން ސަލާންޖަހަން ޖެހިގެން ނޫނީ މީސްތަކުންގެ ކިބައިން ކަންކަމަށް އެދި، ސަލާންޖަހައިގެން އެއްޗެތި ހޯދައި އެހެން މީހުންގެ ހެޔޮކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުން ޤިޔާމަތް ދުވަހު މަޙްޝަރުކުރައްވަވާނީ މޫނުގައި އެންމެ މަސްކޮޅެއްވެސް ވެތްހާލުގައިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މީގެ އިތުރުން ތަނަވަސަކަން ލިބިގެން ހުރުމާއިއެކުވެސް މީސްތަކުންގެ ގާތު ކަންކަމު ކިޔައި ބޭނުންތައް ފުއްދައިގެން އުޅޭ މީހުން މަޙްޝަރު ކުރައްވަވާނީ އެމީހުންގެ މޫނު ދެފަޅިއަށް އިރުއްވަވަމުން ކަމުގައިވެސް އެނގެން އެބައޮތެވެ.
އެއީ މި ދެބާވަތުގެ މީހުންވެސް ދުނިޔޭގައި އުޅުނީ ލަދުޙަޔާތްނެތި ކަމަށްވާތީއެވެ. ޢަބުރުވެރިކަމާއި ޤަދަރިވެރިކަން ދޫކޮށްލައިގެންކަމަށްވާތީއެވެ.
މީސްތަކުންނޭވެ! އެއްވެސް ކަމެއްގައި ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހަކުގެ ގާތުން އެއްވެސް ކަމަކަށް ނުއެދޭށެވެ. ތިމާގެ ނުވަތަ އަނބިދަރިން، ފިރިން މައިންބަފައިން ފަދަ ކޮންމެހެން ތިމާ ބަލހައްޓަންޖެހޭ މީހެއްގެ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނުވަތަ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތުން ފަދަ ޙާލަތެއްގައި މެނުވީ މީސްމީހުންގެ ގާތުގައި ކަންކަމު ނުކިޔާށެވެ! ސަލާން ނުޖަހާށެވެ!
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން