އދ. އަރިޔަދޫގައި ކާށި އާލާކުރާ މަރުކަޒެއް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކަށް ޚިޔާލު ހޯދުމުގެ މަސައްކަތް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފަށައިފިއެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނާއި، ޖަމްއިއްޔާތަކާއި އަދި ކުންފުނިތަކަށް ވަނީ ހުޅުވާލާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނިންމާފައިވާ ގޮތުން، އަރިޔަދޫއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިރާއްޖޭގައި ރުއް އާލާކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަރުކަޒު މެދުވެރިކޮށް ދިވެހިރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް ޤާއިމްކޮށް، ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެއިތުރުން، ހޭޅިފަށުގައި ހެދޭ ގަސްގަހާގެއްސާއި، ކާނާގެ ޔަޤީންކަން ޤާއިމްކުރުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް މި މަރުކަޒުން އުފައްދާނެއެވެ.
މި މަރުކަޒުގައި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އެކަމުގެ ހައްލު ހޯދުމަށް އެޑެޕްޓިވް ރިސާރޗް ކުރިއަށްގެންދާނެކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް އާލާކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުއަކީ ދިވެހިރާއްޖޭގެ ރުއްގަހުގެ ދާއިރާ ކުރިއެރުވުމަށާއި، ކާށީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.