ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް ސީއެފްސީން ލޯނު ދޫކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް ސީއެފްސީން ލޯނު ދޫކުރަން ފަށައިފި

ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް އ.ދގެ ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ލޯނު ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ލޯނު ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖެއަކީ ސީއެފްސީގެ މެންބަރު ޤައުމަކަށް ވުމުގެ ސަބަބުން، މި ލޯނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަނޑުވެރިންނަށް ވަނީ ހުޅުވާލެވިފައެވެ. މި ލޯނު ޕްރޮގްރާމުގައި ޚާއްސަ އިސްކަމެއް ދެވޭނީ އަންހެން ދަނޑުވެރިންނަށާއި، އަންހެނުން އިސްކޮށް ހަރަކާތްތެރިވާ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށެވެ.

ސީއެފްސީން ވިދާޅުވެފައިވާ ގޮތުގައި، މި ލޯނު ޕްރޮގްރާމުގެ ދަށުން އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދެވޭނެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އެކި ދާއިރާތަކުގައި ބޭނުންކުރެވޭނެ ވަސީލަތްތަކުގެ ވިޔަފާރިތަކަށްވެސް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ލޯނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމުގެ މަގު ތަނަވަސްކޮށްދިނުމާއެކު، މި ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުމެވެ. ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 1 އޭޕްރީލްގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ލޯނާ ގުޅޭ އިތުރު މަޢުލޫމާތު ސީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން