ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ: ވުޒާރާ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު އިއުލާނު ކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ޞަލާހުއްސީން ހޯލުން ކަމަށާއި، ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00އިން ހަވީރު 16:00އާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ވަނީ ފަށާފައެވެ. އަދި އެ ވުޒާރާގެ ކައުންޓަރުތަކުންވެސް ދަނީ ޒަކާތް ބަލައިގަންނަމުންނެވެ.

 

މިއަދު އޮންލައިން