މިދިޔަ ސަރުކާރުން އެއް ބިމެއް އެކި ފަރާތްތަކަށް ދީފައިވާ މައްސަލައެއް ފާހަގަވެ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިދިޔަ ސަރުކާރުން އެއް ބިމެއް އެކި ފަރާތްތަކަށް ދީފައިވާ މައްސަލައެއް ފާހަގަވެ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށައަޅައިފި

ހުޅުމާލޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެއް ބިމެއް އެކި ފަރާތްތަކަށް ދީފައިވާކަން ފާހަގަވެ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.

އެޗްޑީސީން މިކަން ފާހަގަކުރެވުނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް މީހަކަށްވުރެ ގިނަ ފަރާތްތަކުން ހުއްދައަށް އެދެމުންދިއުމާ ގުޅިގެންނެވެ. މި މައްސަލަ ފާހަގަވުމާ ގުޅިގެން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ޚާއްޞަ އޮޑިޓެއް ހަދައި، އިތުރު މައްސަލަތަކެއް ހުރިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

"އެއް ބިމެއްގައި ގޯތި އަޅަން އެތައް ބަޔަކު އެދެމުންދާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވެސް އަޅަމުން އެބަގެންދަން،" އެޗްޑީސީން ބުންޏެވެ.

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އިތުރަށް ބެލުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާގައި ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މި މައްސަލައިގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް އަސަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން