އިންޑިއާއާއި ރާއްޖެއާ ދެމެދު ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިންޑިއާއާއި ރާއްޖެއާ ދެމެދު ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކުން ދީފި

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއިން ދީފިއެވެ. މި ނިންމުން އިއުލާން ކުރީ އިއްޔެ ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެރުނު ސަރކިއުލާއެއްގައެވެ.

މި ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ދޭދޭ ޤައުމުތަކުގެ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެއެވެ. އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ.

މި ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއާ ގުޅިގެންނެވެ. އިންޑިއާގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ މި ނިންމުމާ އެއްގޮތަށް ވަގުތުން އަމަލުކުރެވެން ފެށޭނެ ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމު ކަމުން، މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ނިންމުމަކީ މާލީ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ކުރެވޭވަރު މަދުކުރުމަށާއި އިންޑިއާ ރުޕީޒްގެ މަގުބޫލުކަން އިތުރުކުރުމަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރުގެ ބައެއް ކަމަށްވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން