އީމާންކަން ބަލިކަށިނުވެ ވަރުގަދަކަންމަތީގަ ހުރުމަށް ކުރަން އޮތް 6 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
އީމާންކަން ބަލިކަށިނުވެ ވަރުގަދަކަންމަތީގަ ހުރުމަށް ކުރަން އޮތް 6 ކަމެއް-

އީމާންކަމަކީވެސް ތާޒާކުރަން މަސައްކަތްކުރަންޖެހޭ ކަމެކެވެ. ގަސްތައް ތާޒާކޮށް ހެއްދުމަށްޓަކައި ކާނާ އާއި ފެންދޭ ފަދައިންނެވެ. އިންސާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންކަން ކުރުންމަތީގައި ދެމިހުންނަ ފަދައިންނެވެ. 

ބައެއް މީހުންނަށް ވިސްނެނީ އީމާންކަން ބަލިކަށިވަނީ ފަހުޒަމާންކަމަށްވުމުން ކަމަށެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އެއީ ޞަޙާބީންނަށްވެސް ކުރިމަތިވެވަޑައިގެންނެވި ކަންކަމެވެ. ވީއިރު އެކަން މިފަދަ ޒަމާނެއްގައި މާބޮޑަށް ބޮޑުވާނެކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެވެ. 

އެކަން ޤަބޫލުކުރާކަމަށްވާނީ އީމާންކަން ތާޒާކުރަން ކުރާ މަސައްކަތް އިތުރުކުރެވޭނަމައެވެ. ތިރީގައިވާ ލިޔުމުގައި އެވަނީ އީމާންކަން ބަލިކަށިނުވެ ވަރުގަދަކަންމަތީގަ ހުރުމަށް ކުރަން އޮތް 6 ކަމެކެވެ.   

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد 

ދާއިމީ ގޮތެއްގައި ވަރުގަދަ އީމާންތެރި ކަމެއްގައި ދެމި ހުރުމަށްޓަކައި ކުރަންވީ ކަންތައްތައް ބައިވަރެވެ. އޭގެ ތެރޭގައި: 

1.    ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނަ އާއި މެދުގައި ފުންކޮށްވިސްނުން. ގުރްއާނުގައި އައިސްފައިވާ ސުވަރުގެ އާއި ނަރަކައިގެ ވާހަކަތަކާއި ނަބީ ބޭކަލުންގެ ވާހަކަ ތަކާއި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެވާހަކަ ހިތްމައްޗަށް ގެނައުމުން އިންސާނާގެ އީމާންކަން ވަރުގަދަވެގެންދާނެއެވެ. 

2.    ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިޔަރަތު ދިރާސާ ކުރުން. އަދިޞަޙާބީންގެ ދިރިއުޅުން ބައްޓަން ކުރެއްވި ގޮތުގެ ވާހަކަ ތައް ކިޔާއެވާހަކަ ތަކާއި މެދުގައި ވިސްނާ ފިކުރުކުރުން. މީގެ އިތުރުން ޞާލިޙްރަގަޅު ބޭކަލުންގެ ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލް ކުރުން. 

3.    ތިމާގެ ނަފްސުގެ ޢަމަލުތައް އަމިއްލައަށް ޙިސާބުކޮށް، މަރުވާނެ ކަންހަނދާން ކުރުން. އަދި މަރުވުމަށްފަހުގައި ތިމާ ކުޅަ ޢަމަލުތަކަށް މާތް ﷲޙިސާބު ބައްލަވާނެކަން ހިތްމައްޗަށް ގެނައުން. 

4.    ތިމާގެ އެކުއުޅޭ ރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙް ރަގަޅުރަޙްމަތްތެރިން ކަމުގައި ހެދުން. ސަބަބަކީ ވަރަށް ގިނަފަހަރަށް އެކުއުޅޭމީހެއްގެ ސަބަބުން އިންސާނާގެ ޢަމަލުތަކަށް ބަދަލު އަންނާތީއެވެ. 

5.    ދީނީ ދަރުސްތަކަށް ޙާޟިރުވެ، ދީނީ މަޢްލޫމާތު ގެ ޚަޒާނާ މުއްސަންދިކުރުން. އަދި ދީނީ މަޢްލޫމާތު ގިނަގިނައިން ހޯދައި ދިރާސާ ކޮށް ހެދުން. 

6.    ރޭޑިޔޯ ޓީވީ އިން އަންނަ ދީނީ ޕްރޮގްރާމް ތައް ބަލާ އަޑުއަހާ ހެދުން. 

މި ނޫންވެސް އެތައް ކަމެއް އީމާންކަން ވަރުގަދަ ކުރުމުގެ ގޮތުން ކުރެވިދާނެއެވެ. ހުރިހާ ކަމެއް ނުކުރެވޭނަމަ ކޮންމެވެސް އެއްކަމެއް ދާއިމީ ގޮތެއްގައި ކުރެވޭތޯ ބަލަންވާނެއެވެ. ނޫންނަމަ ޝައިޠާނާ ތިމާ ބަލިކޮށްލާތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. 

މާތް ﷲ އަޅުގަޑަށާއި ތިޔަ ލޮބުވެތި އެންމެހައި އަޚުންނާއި އުޚްތުންނަށްހެޔޮ ތައުފީގް ދެއްވާ އަޅުގަޑުމެންގެ އީމާންކަން ވަރުގަދަ ކޮށްދެއްވާށި.އާމީން. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން