އަންތބަކު އިޚްތިޔާރުކުރުމުގަ ބެލުން މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
އަންތބަކު އިޚްތިޔާރުކުރުމުގަ ބެލުން މުހިންމު ކަންކަން-

ވަރިމިހާގިނަވަމުން އަންނައިރު ބައިވެރިއަކު އިޚްތިޔާރުކުރަން އޮތް އެންމެ ރަނގަޅު ގޮތަކާއިބެހޭގޮތުން ބައެއް ފިރިހެނުން ސުވާލުކުރެއެވެ. އެހެންވެ މިގެނެސްދެނީ ސަމާލުކަންދިނުން މުހިންމު ބައެއް ކަންކަމެވެ.  

ކައިވެނީގެ ކުރިން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކައިވެންޏަށް އިޚްތިޔާރު ކުރެވޭ ކުއްޖާ އަކީ ތިރީގައިމިވާ ޞިފަތައް ފުރިހަމަވާ ކުއްޖެއް ކަމުގައިވާންވާނެ އެވެ. 

1. ދީންވެރި ޞާލިޙް ކުއްޖަކު އިޚްތިޔާރު ކުރަންޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ.  

ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  

(تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) 

މާނަ އަކީ: "ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ".  

މިޙަދީޘްގައި ދީންވެރިކަމަށް އިސްކަންދޭށޭ އޮތުމުން އޭގެ މާނަ އަކީ އަންހެން ކުއްޖާގެ ރީތި ކަމާއި މެދު އަޅާ ނުލުމެއް ނޫނެވެ. މިޙަދީޘްގައި އެވަނީ މީސްތަކުން އާއްމު ގޮތެއްގައި ކައިވެނި ކުރުމުގައި ބަލައި އުޅޭ ކަންތައްތަކުގެ ވާހަކަ އެވެ. އެހުރިހާ ކަމަކަށްވުރެ ދީންވެރިކަން މުހިންމު ވާހަކަ އެވެ. ހަމައެކަނި ރީތިވުމަކުން ނުފުދޭނެކަމާއި، ރީތިކަމާއި އެކު ދީންވެރިކަންވެސް ހުންނަންޖެހޭނެ ވާހަކައެވެ. 

2. އަންހެން ކުއްޖާގެ ރީތިކަމަށް ވެސް ކޮންމެވެސް ވަރަކަށް ބަލަންވާނެއެވެ. ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ އަރިހުން އެންމެހެޔޮކަންބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. (التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) މާނަ އަކީ: "އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ". 

އަންހެން ކުއްޖާގެ ރީތިކަމަށް ބެލުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްކަން ދޭހަވާ އަނެއް ދަލީލަކީ ކައިވެނީގެ ކުރިން އަންހެން ކުއްޖާއަށް ބެލުމަށް ކީރިތި ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވުމެވެ.  

ޙަދީޘް ކުރެއްވިއެވެ. (أنظر إليها فإنه أحرى أن يؤدم بينكما )މާނަ އަކީ: "ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ". ކައިވެނީގެ ކުރިން ބެލުން ހުއްދަވެގެންވަނީ ހަމަ އެކަނި އަންހެން ކުއްޖާގެ މޫނަށާއި ދެއަތްތިލަ އަށް އެކަންޏެވެ. އެހެނީ މޫނަށް ބެލުމުން ކުއްޖާގެ ރީތިކަން ރަގަޅަށް ދޭހަވެގެންދާނެއެވެ. 

މިކަމުގައި އިތުރަށް ހިތުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކިތަންމެ ރީތި އަންހެން ކުއްޖަކަސް އޭނާގެ ކިބައިގައި ދީންވެރިކަމާއި ރިވެތި އަޚްލާގެއް، އަދި ފިރިމީހާއަށް ކަމޭ ހިތުމުގެ އިޙްސާސް ނެތްކަމަށް ވަނީނަމަ ރީތިކަމުގެ ބޭނުމެއްނެތެވެ. އަނބިރީތީ ހެވީއްޔާއޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅެއެވެ. 

3. ކައިވެނިކުރެވޭ އަންހެން ކުއްޖާގެ ހުންނަންޖެހޭ އަނެއް ޞިފަ އަކީ ގިނައިން ވިހާ ކަހަލަ ކުއްޖަކަށް ވުމެވެ. މާތް ﷲ ރުއްސުންލެއްވި މަޢުގަލް ބިން ޔަސާރު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ގިނައިން ވިހާކަހަލަ އަންހެނުންނާ ކައިވެނި ކުރާ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭފާނުގެ އުއްމަތުގެ މީސްތަކުން ގިނަވުމުން ފަޚުރުވެރިވަޑައިގަންނަވަމެވެ". އެފަދަ އަންހެނުން ބަލާނެ ގޮތަކީ އެ އަންހެން މީހާގެ ޢާއިލާގެ މީހުނަކީ ގިނައިން ވިހާބައެއްތޯ ބެލުމުންނެވެ. 

މިގޮތަށް ކަންތައް ކޮށްފިނަމަ، ބާއްޖަވެރި، އުފާވެރި ޙަޔާތެއް ލިބުމަށް މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ

والله أعلم.

 

- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން