ރޯދަމަހު ޤުރްއާން ކިޔެވުމުގަ ނަމޫނާ ޒުވާނެއްގެ ވާހަކައާއި ރަމަޟާން މަހު ފަސޭހައިން ޚަޔިމްކުރަން ފަސޭހަވާނެ ތާވަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރޯދަމަހު ޤުރްއާން ކިޔެވުމުގަ ނަމޫނާ ޒުވާނެއްގެ ވާހަކައާއި ރަމަޟާން މަހު ފަސޭހައިން ޚަޔިމްކުރަން ފަސޭހަވާނެ ތާވަލެއް!

ޝައިޚްގެ ބަސްފުޅަށް ފެށުމުގެ ކުރިން ހަމަ މިރަމަޟާން މަހު ލޮލަށް ފެނުނު ކަމެއްގެ ޥާހަކަ ދަންނަވައިލާނަމެވެ. އެއީ ޒުވާނެކެވެ. ވަރަށް މަޝްހޫރުވެސް ޒުވާނެކެވެ. މަޝްހޫރީ ދީނީ ޢިލްމުގެ ދާއިރާއަކުންވެސް ނޫނެވެ.   

ޢާންމުކޮށް ހަވީރު 5 ޖަހާއިރު މިސްކިތަށް އަރައި ޤުރްޢާން ކިޔަވަން ފަށައެވެ. އެއީ ކުރީގެ އަހަރުތަކުގައިވެސް ޒުވާނާގެ އާދައަކަށްވުމުން ކިޔަވަން ފަރިތައެވެ. ރޯދަވީއްލައި، މަޣްރިބްނަމާދުކޮށްގެން އަނެއްކާވެސް ކިޔަވަން ފަށައެވެ. ނިންމައިލަނީ ޢިޝާ ނަމާދަށެވެ.  

އެއީ ޤުރްޢާން ކިޔެވުމުގައި ނަމޫނާ ޒުވާނަކަށްވީތީ އޭނާ ކުރި މަސައްކަތަށް ކޮންމެވެސް ވަރަކަށް ފާރަލެވުނެވެ. ބައެއް ސުވާލުވެސް ކޮށްހެދީމެވެ. ސީދާ އެސުވާލު ކުރެވިފައި ނެތުމުން ޔަޤީންކަމާއިއެކު ބުނަން އުނދަގޫނަމަވެސް ޤަބޫލުކުރެވޭ ގޮތުގައި 10 ދުވަހުން އެޒުވާނާ ޚަތިމްކުރިއެވެ. މާޝާﷲ 

މިއަދުގެ ޒުވާނުން ފިލާވަޅު ލިބިގަނެ ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ޒުވާނުންގެ ކިބައިންނެވެ. ދުޢާއަކީ އެޒުވާނާއަށާއި އަދި އެގޮތަށް ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މާތް ﷲ ހެޔޮ ރަޙްމަތް މިންވަރުކުރެއްވެވުމެވެ. ތައުފީޤް ދެއްވަވައި ކުރިއެރުން ދެއްވެވުމެވެ. އާމީން  

ޝައިޚްގެ ބަސްފުޅު:  

ރަމަޟާން މަހު ވީހާ ގިނައިން ކީރިތި ޤުރްޢާން ކިޔަވަން ކޮންމެ މުސްލިމަކުވެސް ބޭނުންވާނެއެވެ. ނަމަވެސް ކިޔަވަން ބޭނުންވާ މިންވަރަށް ކިޔެވެނީ ވަރަށް މަދު މީހަކަށެވެ. ވީމާ ގިނަބައަކަށް އެމީހުން ކިޔަވަން ބޭނުންވާ ވަރަށް ނުކިޔެވޭ ސަބަބަށް ބަލައިލަމާ ހިނގާށެވެ!  

ފުރަތަމަ ކަމަކީ ކިޔަވާނެ ވަޤުތު ތާވަލުކުރެވޭ ގޮތެވެ. އެހެނީ ތިމާ ކިޔަވާނީ ދުވާލު ކުރަން ހުރި ހުރިހާ މަސައްކަތެއް ކޮށްނިންމުމަށްފަހު ޢަޞްރު ފަހުން ކަމަށް ކަނޑައަޅައިފިނަމަ ކިޔަވަން ގިނަ އިރު އިނދެވޭނީ އެކަމަށް އާދަކޮށްގެން ތިބޭ ބައަކަށެވެ. ނޫންނަމަ އެއީ ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ފޫހިވެސްވާނެއެވެ. ވަރުބަލިވެސްވާނެއެވެ.  

ކީރިތި ޤުރްއާނުގައިވަނީ 604 ޞަފްޙާ ވަރެވެ. އެހެން ކަމުން މިގޮތަށް ބަހައިލުން ކީއްހެއްޔެވެ؟

ފަތިސްނަމާދަށްފަހު 5 ޞަފްޙާ، މެންދުރުނަމާދަށްފަހު 2 ޞަފްޙާ، ޢަޞްރުނަމާދަށްފަހު 2 ޞަފްޙާ، މަޣްރިބްނަމާދަށްފަހު 5 ޞަފްޙާ، ކިޔަވާށެވެ! އެއިރުން 14 ޞަފްޙާ ކިޔެވުނީއެވެ. ދެން ރޭގަނޑުން ފަސޭހަ ވަޤުތެއްގައި  6 ޞަފްހާ ކިޔަވައިފިނަމަ 20 ޞަފްހާ ކިޔެވުނީއެވެ. އިން ޝާ ﷲ އެއިރުން މަސްނިމޭއިރު ޚަތިމެއް ކުރެވޭނެއެވެ.  

މިއީ ހަމައެކަނި ޚިޔާލެކެވެ. އެމީހަކަށް އެންމެ ފަސޭހަވާނެ ގޮތެއް އެނގޭނީ އެމީހަކަށެވެ. މުހިންމު ކަމަކީ ބަހާލައިގެން ނަމަވެސް ރަމަޟާން ަމސް ނިމުމުގެ ކުރިން ޚަތިމެއް ކުރަން މަސައްކަތްކުރުމެވެ.  

ދެން ވިސްނާލަންވީ މަސް މިހިސާބަށްދިއައިރުވެސް އެކަށީގެންވާ ޢަދަދަކަށް ނުކިޔެވި ތިބި މީހުން ކަންތައްކުރަންވީ ގޮތަކާއިމެދުގައެވެ. ނުކިޔެވި ހުރި ޞަފްޙާތަކުގެ ޢަދަދު މަހުން ބާކީ އޮތް ދުވަސްތަކަށް ބަހައިލާށެވެ! ބަހައިލުމަށްފަހު އެދުވަހަކު ކިޔަވަންޖެހޭ ޢަދަދަށް ކޮންމެ ދުވަހަކުވެސް ކިޔަވަމުން ގެންދާށެވެ! މަސްނިމޭއިރު ޚަޠިމެއް ކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން