ފިރިމީހާގެ ގެއިން ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއްގެ ޝަކުވާ ގިނަ ބައަކުކުރެއެވެ. އެއީ ފިރިމީހާ ނެތްނަމަ އަނބިމީހާއަށް އަނިޔާވެރި ގޮތްގޮތަށް ކަންކަންކޮށް ހިތުގައި ޖައްސުވަމުން ފިރިމީހާގެ ކުރިމަތީގައި އޭނާގެ އަނބިމީހާދެކެ ވަރަށް ބޮޑަށް ލޯބިވާކަމާއި ކަންތައްކުރަނީ ވަރަށް ރަނގަޅަށްކަން ދެއްކުމެވެ. މިފަދަ ގޮތްގޮތަށް ކަންކަން ކުރާނަމަ އެމީހަކަށް އެވެވެނީ މުނާފިޤަކަށެވެ.
އަނިޔާ ބައިކުރާނަމަ 3 ބައަކަށް ބައިއެޅިދާނެއެވެ. އެއިގެ ތެރެއިން މިރޭ މިބަލައިލަނީ 2 ބައަކަށެވެ.
އެންމެ ފުރަތަމަ ބައަކީ ޖިސްމާނީ އަނިޔާއެވެ. އެއް ބައަކަށް އެންމެ ބޮޑު އަނިޔާއަކަށްވަނީ ޖިސްމާނީއަނިޔާއެވެ. އެއްވެސް ޙާލެއްގައި ޖިސްމާނީ އަނިޔާއަކީ އަނިޔާއެއް ނޫންކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ޖިސްމާނީ އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް ވެއެވެ. އެއީ ހިތުގައި ޖެއްސުމެވެ.
ޢާއިލީ ދިރިއުޅުމުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ގިނަ އަނބިންނަށް ލިބެމުންދަނީ ހިތުގައި ޖެއްސުމުން ލިބޭ އަނިޔާއެވެ. އެ އަނިޔާ ދެ ފަރާތަކުން ލިބެއެވެ. އެއްފަރާތަކީ ފިރިމީހާގެ ޢާއިލާއެވެ. ދެވަނަ ފަރާތަކީ ޚުދު ފިރިމީހާއެވެ.
ބައެއް ޢާއިލާތަކުގައި ފިރިމީހާ މަސައްކަތު ދިއުމުން ނުވަތަ ގެއިން ބޭރުގައި އުޅޭއިރު އޭނާގެ އަނބިމީހާ ހިތުގައި ޖައްސުވައެވެ. ފިރިމީހާ ގެއަށް އަންނައިރަށް ވަރަށް ލޯބިވާ ކަމަށް ދައްކުވައެވެ. ކުރިން ބުނި ފަދައިން މިޙާލަތުގައި އެއަނިޔާކުރާ މީހާ ނުވަތަ މީހުން އެބަދަލުވަނީ މުނާފިޤުންނަށެވެ. އެއީ ވަރަށް ނުރައްކައުތެރިކަން ބޮޑުކަމެކެވެ.
މިޙާލަތުގައި ކުރިމަތިވާ އެންމެ ބޮޑު ނުބައަކީ ފިރިމީހާއަށް އަނބިމީހާގެ ބަސް ޤަބޫލުނުކުރެވޭ ކަމެވެ. އޭނާގެ ހިތުގައި ޖައްސުވާކަމަށް ބުނުމުން ޤަބޫލުނުކުރެވޭ ކަމެވެ. ވަރަށް ކެރިހުރެގެން ބުނަމެވެ. އަންތބަކު އޭނާއަށް އަނިޔާލިބެމުންދާކަމުގެ ވާހަކަ ތަކުރާރުކޮށް ބުނުމުންވެސް ޤަބޫލުނުކުރެވޭނަމަ ކައިވެނީގެ ބޭނުން އެވަނީ ކެނޑިފައެވެ. އެހެނީ އެއިގެ މާނައަކީ އަނބިމީހާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމެވެ. ދެމަފިރިންގެ މެދުގައި އިތުބާރު ގެއްލިއްޖެނަމަ ކައިވެނީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން