ހިތުގެ ސިއްރުތައް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން ކުރާ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ހިތުގެ ސިއްރުތައް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން ކުރާ ފައިދާ މާބޮޑުވާނެ!

ބައެއް މީހުންނަށް އެމީހުންގެ ސިއްރުތައް ނުވަތަ ކަންބޮޑުވާ ކަންކަން ކޮންމެވެސް މީހެއްގެ ގާތުގައި ބުނަން ބޭނުންވެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މިއަދު އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟ އިތުބާރުކުރެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެއްޖެނަމަ އެކަނިވެލާފައި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ! ހިތަށް ލިބޭ ހިތްހަމަޖެހުން މާބޮުވާނެއެވެ. އިން ޝާ ﷲ

ބައެއް މީހުން ކަންކަމަށް ބޭނުންވުމުން އެކަން ސިއްރުކޮށްގެން ތިބެފައިވެސް ހާމަކުރަން ނުޖެހޭ މީހުންގެ ގާތުގައި ހާމަކުރެއެވެ. މިއީ ކުރެވޭ ވަރަށް ދެރަ ކަމެކެވެ. އެކަމުން ލިބޭ ގެއްލުންވެސް ބޮޑު ކަމެކެވެ.

ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންތައް އެއްވެސް މީހަކަށް އަނގަން ބޭނުންނުވިނަމަވެސް ސިއްރުކޮށްގެން ނުހުންނާށެވެ! ވަގުތުން ﷲ ތަޢާލާއަށް ދަންނަވާށެވެ! އެ ސިއްރު ބޭޒާރެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

އިންސާނުންގެ ހިތަށް އަރާހައި ކަންކަމާ ބޭނުންވާހައިކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެނަސް ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވަނީ އަހަރެމެން އެދޭކަންކަން ހާމަކުރުމަށެވެ. އެކަންކަން ހިންމަވައި ދެއްވެވުން އެދި ދެންނެވުމަށެވެ. ދުޢާކުރުމަށެވެ. ވީމާ އެދޭކަންތަކުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނި ނަމަވެސް ބޭނުންވާ ކަންތަކަށް އެދި ދުޢާކުރަމުން ގެންދާށެވެ.

އެއްވެސް މީހަކު އެދޭ އެއްވެސް ކަމެއް އަދި ކިތަންމެ ގިނަ ބައަކު އެދޭ ކަންކަންވެސް ދުނިޔޭގެ އެންމެން އެދޭ ހުރިހާ ކަމެއް އެއްފަހަރާވެސް ފުއްދަވައިދެއްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޚަޒާރާއިން ޛައްރެއްގެ މިންވަރު ވެސް މަދެއްވެސް ނުވާނެއެވެ. ވީމާ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމެއް މިންވަރުކުރެއްވެވުމުންކަމެވެ.

ދެވަނަ ގޮތުގެ ނުބައިކަން އަދި މާބޮޑެވެ. ކިތަންމެ އިތުބާރުކޮށްފައި މީހަކުގެ ގާތު ބުނިނަމަވެސް އެކަން ސިއްރުނުވެދާނެއެވެ. އަދި ތިބާ ޙާޞިލުކުރަން ބޭނުންވި ކަންތައް ޙާޞިލުކުރަން އެހީތެރިވުމުގެ ބަދަލުގައި އެކަންވުމަށް ހުރި މަގުތައް ބަންދުވާފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަދި ކީއްހެއްޔެވެ؟ ތިބާއަށްޓަކައި ހެޔޮ ދުޢާކުރުމުގެ ބަދަލުގައި އެސްފީނާވެސް ލައިފާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން